ހަބަރު

ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ: މެޓް އޮފީސް

އަވައްޓެރި ޕާކިސްތާން ހިމެނޭ ސަރަހައްދަށް އައި ބިންހެލުމަކީ ކަނޑުގެ އަޑިއަށް އައި ލޮޅުމަކަށް ނުވާތީ އެ ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޯލްޑިވްސް މީިއޮރޮލޮޖިކަލް ޑިޕާޓްމަންޓް (މެޓް) އިން ބުނެފި އެވެ.

ދެކުނު އޭޝިއާ ސަރަހައްދުގައި، ރާއްޖެއާއި ކައިރިން އޮންނަ އިންޑިއާއާއި ޕާކިސްތާނާއި އަފްޣާނިސްތާނަށް މިއަދު އައި ބާރުގަދަ ބިންހެލުމާ ގުޅިގެން "އަވަސް" އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މެޓުގެ އޮފިޝަލަކު ވިދާޅުވީ، އެގައުމުތަކަށް މިއަދު އައި ބިންހެލުމަކީ ކަނޑު އަޑިން އުފެދުނު ލޮޅުމެއް ނޫން ކަމަށެވެ. އެއީ އެ ސަރަހައްދުގެ ބިމުގެ އަޑިން އުފެދުނު ލޮޅުމަކަށްވާތީ، ސުނާމީއެއްގެ ބިރެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރެކްޓާ މިންގަނޑުން 7.5 ގެ ބާރު މިނުގައި ތިން ގައުމަކަށް މިއަދު އައި މި ބިންހެލުމުގެ ލޮޅުން އުފެދިފައިވަނީ، އަފްގާނިސްތާނުގެ ޖާމްގެ ކައިރިން ބިމުގެ 45 މީޓަރު އަޑިން ކަމަށް ބޭރުގެ ނޫސް ރިޕޯޓުތަކުގައި ބުނެފައިވެ އެވެ.

މި ބިންހެލުމާއި ގުޅިގެން ޕާކިސްތާނާއި އަފްގާނިސްތާނުގެ އިތުރުން އިންޑިއާގެ އުތުރުގައި ހިމެނޭ ހަރިޔާނާ، ރާޖިސްތާން، އުއްތަރަ ޕްރަދޭޝް، ހިމަޗަލަ ޕްރަދޭޝް ފަދަ ބައެއް ސްޓޭޓްތަކަށް ވަނީ އެކި ވަރުގެ ގެއްލުންތައް ވެފަ އެވެ.