އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް އެންމެ ފުރަތަަމަ ކުރިމަތިލެއްވީ އެ މަގާމަށް އަންނަން ބޭނުން ވެގެން ނޫން ކަމަށާ އެކަން ކުރެއްވީ އޭރުގެ ހާލަތު އޮތް ގޮތުން އެ މަގާމަށް ވަޑައިގަތުމަށް ވަރަށް ގިނަ ބަޔަކު އެދިވަޑައިގަތުމުން ކަމަށް މިދިޔަ ނުވަ އަހަރު އެ މަގާމުގައި ހުންނެވި އަދި ކުރިއަށް އޮތް ފަސް އަހަރުވެސް އެ މަގާމުގައި ހުންނަވަން ބޭނުންފުޅުވެގެން އިންތިހާބަށް ނިކުންނަވާ ހުންނެވި އިމްރާން އަބްދުﷲ ވިދާޅު ވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވީ މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަދާލަތުގެ އެތެރޭގެ އިންތިހާބުގައި ތިން ވަނަ ދައުރަށް ކުރިމަތިލައްވާ ކެންޕެއިން ފެށުމަށް ރޭ ބޭއްވި އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އިމްރާން އަދާލަތުގެ ރައީސް ކަމަށް ވަޑައިގެންނެވީ ޖުލައި 17، 2011 ގައެވެ. އެ ދައުރުގެ މުއްދަތުގެ ޖުލައި 16، 2016 އަށް ވަނީ ހަމަވެފައެވެ. އޭގެ ފަހުން އިންތިހާބެއް ނެތި އިމްރާން ވަނީ ހަތަރު އަހަރާއި ފަސް މަސް ދުވަހު އެ މަގާމުގައި ހުންނަވާފަ އެވެ. އަދި އަންނަ މަހު ފެށޭ ތިންވަނަ ދައުރުގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާ ކެންޕެއިން ވަނީ ފައްޓަވާފަ އެވެ.
މިހާރު ހޯމް މިނިސްޓަރުކަމުގައި ވެސް ހުންނެވި އިމްރާން ވިދާޅުވީ މީގެ ނުވަ އަހަރު ކުރިން މަގާމަށް ވަޑައިގެންނެވީ އެއް ގޮތަކަށްވެސް އެ މަގާމަށް ވަޑައިގަތުމަށް ބޭނުންވެގެން ނޫން ކަމަށެވެ. އޭނާ ބޭނުންވީ ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ މަގާމަށް ގެންނެވުމަށް ކަމަށާ ނަމަވެސް މަޖީދާއި ޝައި ހުސައިން ރަޝީދު ކުރިމަތި ނުލެއްވުމުން އެ މަގާމަށް ވަޑައިގަތުމަށް ޕާޓީގެ ވަރަށް ގިނަަ މެންބަރުން އެދިވަޑައިގަތީ ކަމަށެވެ.
"އަޅުގަނޑު މި ޕާޓީގެ ރައީސް ކަމަށް އައީ ހަގީގަތުގައި ވެސް މި ޕާޓީގެ ރައީސް ކަމަށް އަންނަން ބޭނުން ވެގެނެއް ނޫން. އެވަގުތު އަޅުގަނޑާއެކު ތިއްބެވި ހުރިހާ ބޭފުޅުންނަށް އެނގިލައްވާނެ އެކަން،"
މެންބަރުން އެ ގޮތަކަށް އެދިވަޑައިގެންނެވި ނަމަވެސް މަގާމަށް ވަޑައިގަތުމަށް ނިންމެވީ އެއް މަސް ދުވަހު އެކަމާ ވިސްނާވާ އެތައް ބަޔަކާ މަޝްވަރާކޮށްފައި ކަމަށް އިމްރާން ވިދާޅުވި އެވެ. ނަމަވެސް އެ ނިންމުން ނިންމިތާ ކުޑަ ވަގުތު ކޮޅެއްގެ ފަހުން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ޑރ. މުހައްމަދު މުއިއްޒު ވަޑައިގެން ކުރިއަށް އޮތް އިންތިހާބަށް ފަހު އަދާލަތުގެ ރައީސް ކަމަށް ގެންނަވަން ފެނިވަޑައިގަންނަވަނީ "މަދަނީ" ބޭފުޅެއް ކަމަށް ވިދާޅުވި ކަމަށެވެ. ނަމަވެސް އޭރު ހުންނެވީ އަދާލަތުގެ ރައީސް ކަމަށް ވަޑައިގަތުމަށް ނިންމަވައިގެން ކަމުން ދެން އެ ނިންމުން ބަދަލު ނުކުރައްވާނެ ކަމަށާ ފަހަތަށްވެސް ޖެހިވަޑައި ނުގަންނަވާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ދެންނެވިން މިއަދުގެ މެންދުރު ނަމާދާ ހަމައަށް އަޅުގަނޑު ގޮތެއް ނުނިންމަމޭ. މިހާރު މި ހުރީ ގޮތެއް ނިންމައިގެނޭ. ދެން އަޅުގަނޑެއް ފަހަތަކަށް ނުޖެހޭނަމޭ. ވަރަށް މަޝްވަރާ ކޮށްފިމޭ. ދެން ފަހަތަކަށް ނުޖެހޭނަމޭ،" ދީނުގައި ވެސް އަންގަވާފައި ވަނީ ނިންމުމެއް ނިންމުމަށްފަހު ދެން ފަހަތަށް ނުޖެހުމަށް ކަމަށް މިސާލު ދައްކަވާ އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ އޭނާ ގޮތެއް ނިންމައިފިނަމަ ފަހަތަށް ޖެހޭ ގޮތެއް ނޯންނަ ކަމަށެވެ. އަދާލަތަށް އެޕާޓީގައި ކުރިން މަސައްކަތް ކުރެއްވި ބައެއް ބޭފުޅުންނާއި މިހާރުވެސް އެޕާޓީގައި ތިއްބެވި އިމްރާންގެ ލީޑާޝިޕާމެދު ހިތްހަމަ ނުޖެހޭ ބައެއް މެންބަރުންނަށް އޭނާ ވަނީ ނުސީދާކޮށް ރައްދުވެސް ދެއްވާފަ އެވެ.
ވިދާޅުވީ އަމިއްލައަށް ފެންނަ އެއްވެސް ގޮތަކަށް ދުވަހަކު ވެސް ކަމެއް ކޮށްފައި ނޯންނާނެ ކަަމަށެވެ. އަމިއްލައަށް ބޭނުންވާ ގޮތަކަށް ކަންކަން ނިންމާނީ ގޭތެރޭގައި ކަމަށާ އަދާލަތުގެ އެއްވެސް ނިންމުމެއް އަމިއްލައަށް ފެންނަ ގޮތަކަށް ނިންމާފައިނުވާނެ ކަމަށް ވިދާޅުވަނީ ސާބިތު ކަމާއެކު ކަމަށްވެސް ވިދާޅުވިއެވެ.
ބައެއް ބޭފުޅުން ހިތްހަމަނުޖެހެނީ ދެ ގޮތެއް ހުށައެޅުމަށްފަހު އޭގެން އެއް ގޮތެއް އިހުތިޔާރު ކުރުމުން ކަމަށާ އެފަދަ ހާލަތްތަކުގައި އަމަލު ކޮށްފައިވާނީ ޕާޓީގެ މަސްލަހަތުގައި ކަމަށްވެސް އިމްރާން ވިދާޅުވިއެވެ. އަދި ބައެއް މީހުން މަސައްކަތް ކުރީ އެ ޕާޓީ "ހަލާކު" ކޮށްލަން ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ވަރަށް ސާބިތު ކަމާއެކު ދަންނަވަން ކެރިދާނެ، ފެށުނީއްސުރެ އަޅުގަނޑު އަމިއްލައަށް ފެންނަ އެއްވެސް ގޮތަކަށް މި ޕާޓީއަށް ކަމެއް ކޮށްފައެއް ނޯންނާނެ،"
އާ ދައުރަކަށް ފަސް އަހަރު މަގާމުގައި ހުންނަވަން އިންތިހާބަށް ކުރިމަތިލައްވާ ކެންޕެއިން ފެއްޓުމަށްފަހު އިމްރާން ވިދާޅުވީ އެތެރޭގައި އިންތިހާބެއްގައި ވާދަކުރަން ނިންމަވާ އެ މަގާމު ހޯއްދެވުމަށް ކެންޕެއިން ކުރެއްވުމަކީ ކުރައްވަން އެހާ ބޭނުންފުޅުވެސް ކަމެއް ނޫން ކަމަށެވެ.
ރައީސާއި ނާއިބު ރައީސް އިންތިހާބު ކުރުމަށް އަދާލަތު ޕާޓީން ބާއްވަނީ ވެސް "ރިޔާސީ އިންތިހާބެ" ކެވެ. އެހެން ކަމުން އެ މަގާމަށް ކުރިމަތިލަނީ އެއް ޓިކެޓެއްގައެވެ. އިމްރާންގެ ރަނިން މޭޓަކީ އަހުމަދު ޝަރީފެވެ. މިނިސްޓަރު އަހުމަދު ޒާހިރުގެ ރަނިން މޭޓަކީ އަހުމަދު ނަޝީދެވެ. މި އިންތިހާބަށް ޒާހިރު ނެރުއްވީ އިމްރާން އަޑީގައި ހުންނަވައިގެން އިންތިހާބަކީ ޑިމޮކްރަޓިކް އިންތިހާބެއްކަން ދެއްކެވުމަށް ކަމަށް ގިނަ ބަޔަކު ދެކެއެވެ.
އަދާލަތުގައި އަދި ސިޔާސީ ކަންކަމުގައިވެސް މާބޮޑު ހަރަކާތްތެރިކަމެއް ނެތް ޑރ. ޒާހިރަކީ އަދާލަތުގެ ރައީސް ކަމަށް އެއްވެސް ޝައުގުވެރި ކަމެއް ނެތް ބޭފުޅެއް ކަމަށް އިމްރާންގެ ލީޑާޝިޕާ ދެކޮޅު އެ ޕާޓީގެ މެންބަރުން ދެކެއެވެ.
އިންތިހާބަށް ހުޅުވާލުމާއެކު އެ ޕާޓީގެ ބައެއް މެންބަރުން ވަނީ ބޮޑެތި މައްސަލަތަކެއް ފެންމަތިކޮށް އިލެކްޝަންސް ކޮމިޝަނަށް ގިނަ ޝަކުވާތަކެއް ހުށައަޅާފައެވެ. އަދާލަތުގެ އާންމު މެންބަރުން އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައިވާ ޝަކުވާގައި ބުނެފައި ވަނީ ޖުލައި 17، 2011 ގައި ފެށުނު އަދާލަތު ޕާޓީގެ ދެވަނަ ދައުރުގެ ގާނޫނީ މުއްދަތު -- އިންތިހާބީ ފަސް އަހަރުގެ މުއްދަތު -- ޖުލައި 16، 2016 އަށް ހަމަވެފައިވާ ކަމަށެވެ. އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީސް ފިޔަވައި އެހެން ހުރިހާ މަޖިލިސްތަކާއި ކޮމެޓީތަކާއި މަގާމުތަކުގެ ގާނޫނީ ހައިސިއްޔަތު ދައުރު ނިމުނު ދުވަހުން ފެށިގެން ގެއްލިފައިވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އަދާލަތު ޕާޓީގެ ތިންވަނަ ދައުރެއް ގާނޫނީ ގޮތުން ނުފެށިވާ ކަމަށާ އެކަމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ގާނޫނީ އިޖުރާއަތްތައް ވެސް ފުރިހަމަ ކޮށްފައި ނުވާ ކަމަށެވެ.