ހަބަރު

އިމްރާނަށް ސަރުކާރުން "ޑީލެއް"، ގަބޫލެއް ނުކުރެއްވި

ބާރަ އަހަރަށް ޖަލަށްލާފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ރައީސް އަބްދުﷲ ޔާމީނަށް ތާއިދު ކުރައްވާތޯ ސަރުކާރުން ހުށަހެޅުންތަކެއް ހުށަހަޅާފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ. ސަރުކާރުގެ ފަރާތުން އިމްރާން ކައިރިއަށް މަންދޫބުންތަކެއް ފޮނުވިއިރު އޭގެ ތެރެއިން އެއް ބޭފުޅަކީ ރައީސް ޔާމީންގެ ރަނިންމޭޓް، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ޝަހީމް ހަމަޖެއްސެވީ އިމްރާން އަބްދުﷲ ގެއަށް ބަދަލު ކުރެއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ. ޝަހީމާއި އިމްރާންއަކީ ކުރިން އެކުގައި މަސައްކަތް ކުރެއްވި ގާތް ދެ ބޭފުޅުންނެވެ. ޝަހީމް އިމްރާންއާ ބައްދަލުކުރެއްވީ އިމްރާންގެ އާއިލީ ގާތް ބޭފުޅަކު އަވަސްއަށް މައުލޫމާތު ދިން ގޮތުގައި ގެއަށް އިމްރާން ބަދަލުކުރި ފަހުންނެވެ.

ޝަހީމް ދައުވަތު ދެއްވީ ރައީސް ޔާމީނާ ގުޅިވަޑައިގަތުމަށެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެކަމަށް އިމްރާން ވަނީ އިންކާރު ކުރައްވާފަ އެވެ. ރައީސް ޔާމީންއާ ގުޅިވަޑައިގަތުމުގެ އިތުރުން ރާއްޖެއިން ބޭރަށް ވަޑައިގެން އާއިލާއެކު ދިރިއުޅުން ބަދަލުކުރުމަށް ވެސް ވަނީ ހުށަހެޅުމެއް ސަރުކާރުގެ ފަރާތުން އިމްރާނަށް ހުށަހަޅާފައި ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން ސަރުކާރުގެ ރަސްމީ ބަހެއް ނުލިބެ އެވެ.

އެކަމަށް ބާރު ލިބޭ ގޮތަށް އިމްރާންގެ ދަރިކަނބަލެއްގެ ވަނީ ވާހަކަ ވެސް ދައްކަވާފަ އެވެ. އިމްރާން އަނބިކަނބަލުން މަރިޔަމް ރީމް ފޭސްބުކްގައި އިމްރާނަށް އައި ހުށަހެޅުމާ ގުޅޭ ގޮތުން އިމްރާންގެ ދޮށީ ދެ ދަރިކަނބަލުންގެ ހިޔާލު ވަނީ އާންމު ކުރައްވާފަ އެވެ.

އެގޮތުން އިމްރާންގެ ދަރިކަނބަލެއް ކަމަށްވާ ނުސައިބާ ބިންތު އިމްރާން ވިދާޅުވެފައިވަނީ ބައްޕަ މިނިވަން ކުރައްވަން ބޭނުންވާ ކަމަށާއި ނަމަވެސް ބައްޕައަށް އޮތް ލޯބި ދައްކަވާނީ ބައްޕައަށް ތާއިދުކޮށްގެން ކަމަށެވެ. އަނެއް ދަރިކަނބަލުން ނައުޝާން ބިންތި އިމްރާން ވިދާޅުވީ، ބޭނުން ވަނީ ބައްޕާއާއެކު ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ކަމަށެވެ. އެހެންނަމަވެސް އޭނާގެ އެދުމަށްވުރެ ބައްޕަ ގައުމަށްޓަކައި ކުރައްވާ ހަނގުރާމަ މުހިންމު ކަމަށާއި އެކަމުގައި ބައްޕައަށް ތާއިދުކުރާނެ ކަމަށެވެ.

އިމްރާނަށް ސަރުކާރުގެ ފަރާތުން ހުށަހެޅުންތަކެއް ލިބިފައިވާކަން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވެސް ވަނީ ވިދާޅުވެފަ އެވެ. މަހުލޫފް ވިދާޅުވީ، ސަރުކާރުން ޑީލް ހަދަން ފޮނުވި މަންދޫބަށް އިމްރާން ދެއްވީ ވަރުގަދަ މެސެޖެއް ކަމަށެވެ. "ރައީސް ޔާމީނާ ޑީލް ހަދައިގެން މިނިވަންވުމަށް ޖަލުގައި އޮތުން ވެސް މާ ރަނގަޅު" ކަމަށް އިމްރާން ވިދާޅުވި ކަމަށް މަހުލޫފް ވިދާޅުވި އެވެ.

ސަރުކާރުގެ ހުށަހެޅުމަށް އިމްރާން އިންކާރު ކުރައްވާފައިވާތީ އޭނާ ކޮންމެ ވަގުތެއްގައި ވެސް އަނބުރާ ޖަލަށް ގެންގޮސްދާނެ ކަމަށް އިމްރާން ވިދާޅުވާ ކަމަށާއި އެހެންވެ އިމްރާން އެދިވަޑައިގަންނަވަނީ ހުރިހާ ލީޑަރުން ވެސް އެކަތިގަނޑަކަށްވެ ރައްޔިތުން މާޔޫސްނުކުރުން ކަމަށެވެ.