އިމްރާން އަބްދުﷲ

ދީނަށް ގޮންޖެހުން ކުރިމަތިކުރާ ކޯލިޝަނެއްގައި އަދާލަތު ނޯންނާނެ: އިމްރާން

ސަރުކާރު ކޯލިޝަންގެ ތެރެއިން ރައްޔިތުންނަށް ގެއްލުމާއި ނިކަމެތިކަން އަދި އިސްލާމް ދީނަށް ގޮންޖަހާ ނިކަމެތިކަން ދޭނަމަ އެ ކޯލިޝަނެއްގައި އަދާލަތު ޕާޓީ ނޯންނާނެ ކަމަށް އެ ޕާޓީގެ މިހާރުގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ މި މަހުގެ 30 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އަދާލަތުގެ އެތެރޭގެ އިންތިހާބުގައި ތިން ވަނަ ދައުރަށް ކުރިމަތިލައްވާ ކެންޕެއިން ފެށުމަށް ރޭ ބޭއްވި އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އިމްރާން ވިދާޅުވީ އަދާލަތުން ގަބޫލުކުރާ އުސޫލުތަކާއި ހަމަތައް އެ ޕާޓީން ދޫކޮށް ނުލާނެ ކަމަށެވެ. މިހާތަނަށް ޕާޓީ ދެމި އޮތީ އެ އުސޫލުތައް ދަމަހައްޓަމުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އޭނާގެ ލީޑާޝިޕްގައި އަދާލަތުގެ އުސޫލުތައް ދޫކޮށްލަން ފުރުސަތު ނުދޭނެ ކަމަށާ އެފަދަ ދުވަހެއް އަތުވެއްޖެނަމަ އެ ތަނެއްގައި އޭނާ ނުހުންނަވާނެ ކަމަށެވެ.

އިމްރާން ވިދާޅުވި ގޮތުގައި ސަރުކާރު ކޯލިޝަންގެ ތެރެއިން ރައްޔިތުންނަށް ގެއްލުމާއި ނިކަމެތިކަން އަދި އިސްލާމްދީނަށް ގޮންޖަހާ ނިކަމެތިކަން ދޭނަމަ އެ ކޯލިޝަނެއްގައި އަދާލަތު ޕާޓީއެއް ނޯންނާނެ އެވެ. އިމްރާން ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ތެރޭގައި އެފަދަ އެއްވެސް ކަމެއް ނެތެވެ. އޮތީ ރައްޔތުންނާއި ގައުމަށް ވެސް ލާބަޔާ މަންފާ ގެނައުމަށް ހިތްވަރާއެކު މަސައްކަތް ކުރާ ސަރުކާރެކެވެ.

"މިއަދު އޮތް ސަރުކާރަކީ ދިވެހި ރައްޔިތުންނަށް ލާބަޔާ މަންފާއާ ހެޔޮގޮތް ހުރި ކަންކަން ގެނައުމަށްޓަކާ ހިތްވަރާ އަޒުމާއެކު މަސައްކަތް ކުރާ ސަރުކާރެއް،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ކޮވިޑްގެ ބަލާއާފާތާއެކު ދިވެހި އިގްތިސޯދު ތިންގުނަ ދަށައް ވެއްޓުނު ކަމަަށާއި އިދިކޮޅުން ބަލައިގެން ތިބީ މި ހާލަތުގައި ރާއްޖެ ބަނޑަށް ޖެހޭނެ ކަމަށެވެ. މީގެ އިތުރުން ބޭރުގެ މާލީ އިދާރަތަކުންވެސް ތިބީ މިިދިޔަ ސެޕްޓެމްބަރު ހާތާގައި ރާއްޖެ ބެންކޮރަޕްސީއަކަށް ދާނެ ކަމަށް ލަފާ ކޮށްގެން ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ. ވިދާޅުވީ "އެ ހާލާތަށް ރާއްޖެ ނުގޮސް އިގްތިސޯދު އަލުން ރަނގަޅުވާ މަންޒަރު ފެންނަމުން ދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހިކުމަތްތެރިކަމުން" ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ މި ސަރުކާރާއެކު ވަރަށް ސާބިތުކަމާއެކު. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ސަރުކާރު ހަމަމަގުން ދިއުމަށް ރަނގަޅަށް ދިއުމަށް އެހީތެރި ވެދޭނަން. އެކަމުގައި ސާބިތުވެ ހުންނާނަން. އެ ނޫން މަގަކުން ދާކަށް ދެކޭކަށް އަޅުގަނޑުމެން ނުތިބޭނަން،" މި ސަރުކާރުގެ ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

އިސްލާމްދީނަށް ގޮންޖަހާ ނިކަމެތިކަން ދޭ ކޯލިޝަނެއްގައި އަދާލަތު ޕާޓީ ނޯންނާނެ ކަމަށް އިމްރާން ވިދާޅުވިއިރު މި ސަރުކާރު އައި ފަހުން ދީނަށް ފުރައްސާރަ ކުރާ މީހުންގެ ހަރަކާތްތައް އިތުރުވެ ފުޅާކޮށްފައި ވެއެވެ. ފާޅުގައި ދީނުގެ އަސްލުތަކާއި ހިލާފަށް އެތައް ބަޔަކު ވަނީ ވާހަކަ ދައްކާފަ އެވެެ. ދީނުގެ ހައްދުތަކާއި ދެކޮޅު ހަދައި މާތްﷲ އާއި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓް ވެސް ނެރެ ޝާއިއު ކޮށްފައި ވެއެވެ. ހައްދުފަހަނައެޅި އެ އަމަލު ހިންގި ލާދީނީ ޖަމިއްޔާތަކަށް ނިސްބަތްވާ މީހުން މި ސަރުކާރުގެ އިސް މަގާމުގައި އަދިވެސް އެބަތިއްބެވެ.