އަލިފާން

ސަފާރީ އެއްގައި ރޯވެ އަނދައިފި

ހުޅުމާލެއިން ހދ. ހަނިމާދުއަށް ދަތުރުކުރި ސަފާރީއެއްގައި ރޯވެ އަނދައިފި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ރޯވީ "ނައިޓިލަސް ވަން" ނަމަކަށް ކިއާ ސަފާރީ އެއްގަ އެވެ. އަދި އެ ހާދިސާ ހިނގީ ކާށިދޫ ހުޅަނގުން 13 ނޯޓިކަލް މޭލުގައި އޮއްވަ އެވެ.

މި ހާދިސާ ހިނގި އިރު ސަފާރީގައި ތިބީ ހަ ފަޅުވެރިން ނެވެ. އެއީ ފަސް ދިވެހިންނާއި ބިދޭސީ އެކެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބުނީ ރޭ ދަނވަރު 3:30 ހާއިރު އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާ އިރު އަލިފާން ރޯވުމުން ސަފާރީ ގައި ތިބި ހަ ފަޅުވެރިން ވަނީ އެ ސަފާރީގެ ޑައިވިން ދޯންޏަށް އަރާފައި ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ނިއްވަމުން ދަނިކޮށް ސަފާރީ ވަނީ އަނދައި ކަނޑު އަޑިއަށް ގޮސްފައި ކަމަށެވެ.