ލައިފްސްޓައިލް

ކުށެއް ނެތް ދެމަފިރިން ޖަލުން މިނިވަންވީއިރު ދަރިން ގެއްލިފައި

ނަރެންދުރަ ސިންގް އަށާއި އޭނާގެ އަންހެނުން ނަޖްމާއަށް ފާއިތުވީ އަހަރުތަކުގައި ކުރަން ޖެހިފައި ވަނީ ވަރަށް ހިތްދަތި ތަޖުރިބާ ތަކެކެވެ. އިންޑިޔާގެ އާގްރާގެ ބާހް ކިޔާ އަވަށެއްގައި ދިރިއުޅެމުން ދިޔަ މި ދެމަފިރިންގެ ދިރިއުޅުން އެކޮޅުކޮޅުން ޖެހުނީ 2015 ގައެވެ. މަރެއްގެ ތުހުމަތެއްގައި އެ ދެމަފިރިން ހައްޔަރުކޮށް ފާއިތުވީ ފަސް އަހަރު އެމީހުން ހޭދަކޮށްފައި ވަނީ ޖަލުގަ އެވެ.

އެ ދެމަފިރިން ހައްޔަރުކުރީ 2015 ގައި މަރުވި ފަސް އަހަރު ކުއްޖަކު މަރާލީ އެމީހުން ކަމަށް ތުހުމަ ތުކޮށްފަ އެވެ. އަދި އޭރުއްސުރެ އެ ދެމަފރިން ތިބީ ޖަލުގަ އެވެ. ދެމަފިރިންގެ ބެއިލް އެޕްލިކޭޝަން ވެސް 2015 ގައި ޑިސްޓްރިކްޓް ޖަޖް އަނބުރާ ރައްދުކުރީ އެވެ. ފަހުން އެމީހުން ހައި ކޯޓަށް ވެސް ދިޔަ އެވެ. ނަމަވެސް އެ ހިސާބުން އެމީހުން އަތުން ފައިސާ ހުސްވެ ގާނޫނީ ވަކީލުންނަށް ދޭނެ ފައިސާ ނެތުމުން ސަލާމަތް ވެވެން އޮތް ހުރިހާ މަގެއް ބަންދުވީ އެވެ.

ދާދިފަހުން ނަރެންދުރަ ސިންގް އާއި ނަޖްމާ ވަނީ ޖަލުން ދޫކޮށްލާފަ އެވެ. އެމީހުންގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ކޯޓަކުން ނިންމުމާ ގުޅިގެންނެވެ.

ނަމަވެސް ޖަލުން ސަލާމަތް ވިޔަސް މި ދެމަފިރިންނަށް ލިބުނު އެއްވެސް އުފަލެއް ނެތެވެ. އެމީހުން ޖަލަށް ލީއިރު ފަސް އަހަރުގެ ފިރިހެންކުއްޖަކާއި ތިން އަހަރުގެ އަންހެންކުއްޖެއް އެ ދެމަފިރިންގެ ތިއްބެވެ. ނަމަވެސް އެކުދިން ވީތަނެއް އެނގޭ އެއްވެސް މީހަކު މިހާރަކު ނެތެވެ. ކުދިން ހޯދަން ދެމަފިރިން ދުވެ ދުވެ ވަރުބަލިވެއްޖެ އެވެ. އެއްވެސް ތާކުން އެ ކުދިންގެ ހިލަމެއް ވެސް ނުވި އެވެ.

ޓައިމްސް އޮފް އިންޑިއާގައިވާ ރިޕޯޓެއް ބުނާ ގޮތުގައި މައިންބަފައިން ޖަލަށް ލުމުން މި ކުދިން ހަވާލުކުރީ މާމަ އާއި ކާފަ އާއެވެ. ނަމަވެސް އެމީހުން ފަގީރު ކަމުން ބެލެން ނެތްކަމަށް ބުނުމުން ޔަތީމު ޚާނާއަކަށް ގެންދިޔައީ އެވެ. ދެ ކުދިން ގެންދިޔައީ މުޅިން ދެ ރަށެއްގައި ހުރި ދެ ޔަތީމު ޚާނާއަކަށް ނަމަވެސް އެ ކުދިން ހޯދޭނެ ގޮތެއް އަދިވެސް މައިންބަފައިންނަކަށް ނުވެ އެވެ.

"އަހަރެމެންގެ ދަރިންގެ ކުށަކީ ކޮބާ؟ މިހުރިހާ ދުވަހުވެސް ޔަތީމު މިސްކީނު ކުދިންތަކެއްގެ ގޮތުގައި އެ ކުދިންނަށް އުޅެން ޖެހުނީ އެ ކުދިންގެ ކޮން ކުށެއް އޮވެގެން. ފުލުހުން އަހަރެމެން ދެމަފިރިން ހައްޔަރު ކޮށްގެން ގެންދިޔައރު އެކުދިން ވަރަށް ކުޑަ،" ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރި ސިންގް އިންޑިޔާ ނޫހަކަށް ދިން އިންޓަވިއު އެއްގައި ބުންޏެވެ.

ކަމާ ބެހޭ އިދާރާތަކަށް ސިޓީތައް ލިޔެ މި ދެމަފިރިން ރެއާ ދުވާލު މިހާރު މަސައްކަތް ކުރަމުންދަނީ ދަރިން ވީ ތަނެއް ހޯދާށެވެ.

މި ދެމަފިރިންގެ ގާނޫނީވަކީލު ބުނި ގޮތުގައި ފުލުހުން ދެމަފިރިން ހައްޔަރުކުރީ ކުޑަ ފިރިހެންކުއްޖަކު މަރާލީ އެ ދެމަފިރިން ކަމަށް އާންމުންގެ ތެރޭގައި ވާހަކަ ދެކެވި މީހުންތައް އެ ދެމަފިރިން ދެކެ ރުޅި އައިސްގެން އުޅެން ފެށީމަ އެވެ. އެމީހުން ޗާޓްޝީޓް ކޯޓަށް ހުށަހެޅީ އެމީހުންނަށް ލިބިފައިވާ ހެކިތަކަކީ ސައްހަ އެއްޗެހިތޯ ޗެކް ވެސް ނުކޮށެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ދެމަފިރިން ކުށެއް ނެތް ކަމަށް ނިންމި ފަނޑިޔާރު އެ ދުވަހު ކޯޓުގައި ކަމާބެހޭ އިދާރާތަކަށް ވަރަށް ނުރުހުން ފާޅުކޮށް ވާހަކަ ދެއްކެވި އެވެ.

"ކުށް ކުރި މީހާ ނުހިފި، މިނިވަން ކަމާއެކު އެމީހާ އުޅެމުން ދިޔައިރު، އެ މައްސަލައިގައި ކުށެއް ނެތް މައުސޫމް ދެމަފިރިއަކު ފަސް އަހަރު ވަންދެން ޖަލުގެ ތޭރިތަކުގެ އެތެރޭގައި ހޭދަ ކުރަން ޖެހުމަކީ ހިތާމަހުރިކަމެއް،" ދެމަފިރިން ކުށެއް ނެތް ކަމަށް ނިންމި ފަނޑިޔާރު ހުކުމް ކުރަމުން ވިދާޅުވެފައި ވެއެވެ.

މި މައްސަލަ ތަހުގީގުކުރި އިންވެސްޓިގޭޝަން އޮފިސަރާ ދެކޮޅަށް ފިޔަވަޅު އަޅަން ވެސް ކޯޓުން އަމުރު ކޮށްފައި ވެއެވެ. އަދި މިހާރު ލިބިފައިވާ ހެކިތަކަށް ރިއާޔަތްކޮށް މި މައްސަލަ އަލުން ބަލައި ކުށްވެރިވާ މީހަކު ނުވަތަ ބަޔަކު ހޯދާ އެމީހުންނަށް ހައްގު އަދަބު ދޭން މަސައްކަތް ކުރުމަށް ވެސް ކޯޓުން ވަނީ ކަމާ ބެހޭ ފަރާތްތަކަށް އަމުރު ކޮށްފަ އެވެ.

މި ދެމަފިރިންނާ ދެކޮޅަށް ފުލުހަށް މައްސަލަ ހުށަހެޅީ ކާކުކަން ވެސް އެންމެ ކުޑަވެގެން މައްސަލަ ތަހުގީގު ކުރި އޮފިސަރަށް ނޭނގޭ ކަމަށް ޚުދް އޭނާ ކޯޓުގައި ބަޔާން ދީފައި ވެއެވެ.