ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

މީހަކު 31 ފަހަރު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އިންޑިޔާގެ ރާޖަސްތާނުގެ ބާރަތުޕޫރުގައި ދިރިއުޅޭ 32 އަހަރުގެ އަންހެނަކަށް ފާއިތުވީ ފަސް މަސް ދުވަހަކީ އެކަނިވެރި އަދި ހިތްދަތި ދުވަސް ތަކެކެވެ. އަދިވެސް އޭނާއަށް މި ކަންތައްތަކުން ސަލާމަތެއް ނުވެ ވެއެވެ.

ފާއިތުވީ 2020 ވަނަ އަހަރުގެ އޮގަސްޓް 24 ވަނަ ދުވަހު އޭނާ ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވެއެވެ. އަދި އޭގެ ފަހުން މި ފާއިތުވީ ދުވަސްތަކުގައި 31 ފަހަރު އޭނާގެ ޓެސްޓްތައް ޕޮޒިޓިވް ކަމަށް ދައްކާފައި ވެއެވެ. އެގޮތުން އާރްޓީ-ޕީސީއާރް ޓެސްޓް 14 ފަހަރު ޕޮޒިޓިވް ވެފައި ވެއެވެ. އަދި އެންޓިޖެން ޓެސްޓް 17 ފަހަރު ޕޮޒިޓިވް ވެފައިވާ ކަމަށް ރިޕޯޓެއްގައި ބުނެފައި ވެއެވެ.

މި އަހަރުގެ ޖެނުއަރީ 7 ގައި ވެސް އެ މީހާގެ ޓެސްޓް ޕޮޒިޓިވް ކަމަށް ދެއްކި އެވެ. އަދި ޖެނުއަރީ 10 ގައި ކުރި ޓެސްޓް ވެސް ދެއްކީ ޕޮޒިޓިވް ކަމަށެވެ.

ފުރަތަމަ ފަހަރަށް ޕޮޒިޓިވްވުމުން ކެއާ ހޯމް އެއް ކަމަށްވާ "އަޕްނާ ގަރް" އަށް އެ މީހާ ގެންދިޔައީ ސެޕްޓެމްބަރު އެއް ވަނަ ދުވަހު އެވެ. ސެޕްޓެމްބަރު ހަތަރު ވަނަ ދުވަހު އަލުން ޓެސްޓް ކުރިއިރު ވެސް ދެއްކީ ޕޮޒިޓިވް ކަމަށެވެ.

އަޕްނާ ގަރްގެ އެޑްމިނިސްޓްރޭޓާ ބުނި ގޮތުގައި އެ އަންހެންމީހާ އަކީ ސިކުނޑީގެ މައްސަލަތަކެއް އުޅޭ މީހެކެވެ. އަދި އިމިއުނޯޑެފިޝިއަންސީ ޑިޒީޒް އެއްވެސް އެމީހާގެ ހުރެ އެވެ. އެމީހާގެ މައިންބަފައިންނާއި ފިރިމީހާ ވެސް މަރުވެފައިވާ ކަމަށާއި އެތަނަށް އެމީހާ ގެންދިޔައީ ބޭބެ އާއި ފަހަރިއެކެވެ.

"އަޕްނާ ގަރް" ގައި މިހާރު 3،000 އެއްހާ މީހުން އެބަތިއްބެވެ. އެ ހުރިހާ މީހުންނަކީ ވެސް އިންތިހާއަށް ފަގީރު މީހުންނެވެ.
އެތަނުގައި މި އަންހެންމީހާ ގެންގުޅެން ޖެހިފައި ވަނީ އެހެން މީހުންނާ މުޅިން ވަކިކޮށްގެނެވެ. ކޮވިޑް އިންފެކްޝަން އެމީހާގެ ގައިގައި ހުރި ކަމަށް ޓެސްޓްތަކުން ދައްކާތީ އެވެ.

"އޭނާ ބަލާނެ އެކަކުވެސް ނެތް. އޭނާ މިތަނަށް ގެނައިއްސުރެ އަހަރެމެން އޭނާ ބަލަހައްޓަނީ މި. އަހަރެމެންގެ އަމިއްލަ ފެސިލިޓީތަކުގައި ބޭސްފަރުވާ ކުރެވޭށާއި ކޮވިޑް ޓެސްޓް ހެދެން ހުރޭ. މިހާތަނަށް ހެދި ޓެސްޓްތަކުގެ ތެރެެއިން އެއް ފަހަރު ނޫނީ ހުރިހާ ފަހަރަކުވެސް ދެއްކީ ޕޮޒިޓިވް ކަމަށް،" އަޕްނާ ގަރްގެ ފައުންޑާ ބްރިޖް މޯހަން ބަރްދްވާޖް ބުންޏެވެ.

އޭނާ ބުނި ގޮތުގައި އޮކްޓޯބަރު 15 ގައި ހެދި ޓެސްޓުގެ ނަތީޖާ ދެއްކީ ނެގެޓިވް ކޮށެވެ. އަދި އޭގެ ފަހުން އޭނާގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެނެ އެވެ. ނަމަވެސް އޭގެ ފަހުން އަނެއްކާވެސް މިހާތަނަށް ކުރި ހުރިހާ ޓެސްޓަކުން ވެސް ދައްކަނީ އޭނާގެ ހަށިގަނޑުގައި އިންފެކްޝަން ހުރި ކަމަށެވެ.

އެމީހާއަށް ފަރުވާދޭ ޑޮކްޓަރު ބުނި ގޮތުގައި ބަލީގެ އަލާމާތް ނެތަސް އާރްޓީ-ޕީސީއާރް ޓެސްޓުގެ ނަތީޖާ ޕޮޒިޓިވްކޮށް ދައްކަނީ އެމީހާގެ ބަނޑާއި ގޮހޮރުގައި އެކްޓިވްނޫން ކޮރޯނާވައިރަސް ހުރީމަ ކަމަށެވެ. އަދި މިހާރު އޭނާގެ ގައިން އެހެން މީހުންގެ ގަޔަށް ބަލި އެރުމުގެ ފުރުސަތު މާ ބޮޑު ނުވާނެކަމަށް ޑޮކްޓަރު ބުންޏެވެ.