ހަބަރު

ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާ ކުރަން "ޖަޒީރާ ސައްލާ"

Jan 25, 2021
2

އާންމު ރައްޔިތުންގެ އުދާސްތަކާއި ކަންބޮޑުވުންތަކާއި ސުވާލުތަކަށް ޖަވާބު ދިނުމަށް "ޖަޒީރާ ސައްލާ" ގެ ނަމުގައި އާންމު ޕްރޮގްރާމެއް ފަށަން ސަރުކާރުން ނިންމައިފި އެވެ.

ޑިޖިޓަލްކޮށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ވަރަށް އަވަހަށް ފަށާނެ ކަމަށް ސަރުކާރުން އިއުލާނު ކޮށްފައިވާއިރު، އެ ސައްލާގެ ތެރެއިން ސިޔާސަތުތައް ކަނޑައަޅައި ތަންފީޒު ކުރަން ތިއްބެވި ސަރުކާރުގެ އިސްވެރިންނާ ސީދާ ސުވާލުކޮށް، ކަންބޮޑުވުންތަކުގެ އިތުރުން ހިޔާލު ހުށަހެޅުމަށް ފުރުސަތު ދޭނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.

މީގެ ކުރިން ވެސް "ޖަޒީރާ ހޮޅުއަށި" ގެ ނަމުގައި ރައްޔިތުންނާއެކު މަޝްވަރާ ބައްދަލުވުންތަކެއް ފެށި އެވެ. ނަމަވެސް ފަހުން އެކަން ކުރިޔަށް ގެންގޮސްފައެއް ނުވެއެވެ.

ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސް ނެންގުވުމަށް ސިލްސިލާކޮށް ބޭއްވި އެ ބައްދަލުވުންތައް މާލޭން ބޭރުގައި ވެސް އޭރު ބޭއްވި އެވެ.

ވައުދެއްގެ ގޮތުގައި ކުރިޔަށް ގެންދަން ނިންމި "ޖަޒީރާ ހޮޅުއަށި" ދޫކޮށްލުމަށްފަހު އަނެއްކާވެސް އެފަދަ އެހެން ޕްރޮގްރާމެއް "ޖަޒީރާ ސައްލާ" ގެ ނަމުގައި ފެށުމުން އިދިކޮޅު ދެ ޕާޓީ އާއި ވަރަށް ގިނަ އާންމުން ގެންދަނީ ފާޑު ކިޔަމުންނެވެ.