މަސްތުވާތަކެތި

ޑުރަގުން މިންޖުވާނީ ވެރިންގެ މަސްތު ފިލުމުން!

ދިވެހި ގިނަ ޒުވާނުންގެ ހަލާކަކަށް ވެފައި ވަނީ މަސްތުވާތަކެއްޗެވެ؛ މުޅި ދިރިއުޅުން ޑްރަގުގެ އަވައިގެ ޖެހިގެން އެތައް ޒުވާނަކު ވަނީ މަގު ގެއްލި، ގޯޅި އަޅައި ވަރަށް ދުރަށް ދެވިފަ އެވެ. މިއީ އެންމެން ދަންނަ ވެސް ވަރަށް ބޮޑު ހަގީގަތެކެވެ. މަދު މީހަކު ނޫނީ އެފަދަ ހުރިހާ ޒުވާނުންގެ ވެސް ދިިރިއުޅުން ވަރަށް ހިތްދައްޗެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހުނު ގިނަ ޒުވާނުން ވަނީ އެމީހުންގެ އާއިލާ އާއި ގުޅުން ކެނޑި މަގުމައްޗަށް ގިނަވުމާއެކު "ލާޗާރު ބިޗާރު" ވެފަ އެވެ. އެހިސާބަށް ކަންކަން ގޯހުން ގޯގަށް ދިޔައީ އެކަން ކަމާ ހަވާލުވެގެން ތިއްބަވާ ވެރީން އެހެން ކަމެއްގައި މާ ބޮޑަށް "މަސްތު" ވެފައި ތިބެ ވަގުތުތައް ބޭކާރު ކޮށްލެއްވުމުންނެވެ.

މަސްތުވާ ތަކެތި ބޭނުން ކުރާ މީހުން އަތުލައިގަންނަން މި ފަހުން ފުލުހުން ހިންގި އޮޕަރޭޝަން ތަކެއްގައި އެގޮތަށް ގޮތަށް މަގުމަތިވެފައިވާ ޒުވާނުންތަކެއް ނިދުމާއި ތަންމަތި ފުލުސް ޝައުގުވެރިވާ މީޑިއާ އިދާރާތަކަކަށް ދައްކައިގެން ފުލުސް ބޭނުންވާ މެސެޖްތަކެއް ދޭން އެފަދަ މީހުންގެ ހާލަތު ކިޔައި ދިނެވެ. -- ވަރަށް ނުވާ ކަމެކެވެ. ފަށާފައި ވެސް ހުއްޓާލީ އެވެ. --

އޭގެ ސަބަބުން ވެސް ވީ ކަމެއް ނެތެވެ. އެކަންމާ ތެދުވާން ޖެހޭ މުއައްސަސާތައް ތިބީ ރަނގަޅަށް "މަސްތުވެ" ގަދަ ގުގުރީގައި ނިދާފަ އެވެ.

މާލޭގެ ލޯކަލް މާރުކޭޓުގެ "ބިއްދޮށު ގޮޅި" ތަކަކާއި ކުރިން މެޓްރޯ ކެފޭ ހިންގި ތަނާއި ރަސްފަންނުގައި ވީރާނާވެ ހަސްފަސް ނެތިފައިވާ ޕެވީލިއަން ފަދަ ތަންތަނާއި ކުރީ ސަރުކާރުން ހަދާފައިވާ އެކަމަކު މިހާރު ވީރާނާއަށް ދޫކޮށްލާފައިވާ ޕާކްތަކަކީ މިހެން މަގުމަތިވެ ލާޗާރު ބިޗާރުވެފައިވާ ޒުވާނުން ނިދާން ވަންނަ ތަންތަނެވެ. އެގޮތަށް އެފަދަ ތަންތަނުގައި އުޅޭ އެއްމެނަކީ މަސްތުވުމުގައި އުމުރު ދުއްވާލަން ބޭނުންވާ މީހުނެއް ނޫނެވެ. ގިނަ މީހުނަކީ ބުރަކަށީގައި ފިރުމައިލަން ނުކެރޭވަރަށް ހަލާކުވެފައިވާ މީހުނެއް ވެސް ނޫނެވެ.

އެކަމަކު އެ މީހުނަށްވެފައިވާ ގޮތަކީ ނޭނގޭ ގޮތެކެވެ. އޭގެ ބައެއް މީހުން ފަރުވާ އެއް ނެތި ގިނަވެގެން ގޭގެއިން ނެރޭ ކުނިކޮތަޅުން ކައިގެން އުޅެ އެވެ. ކޮތަޅުތަކުން ހޮވާ ތަކެތި ނީލަމުގައި ވިއްކާއިގެން އުޅެނީ އެވެ. ގައިން ތާހިރުވާނެ ގޮތެއް ނެތި، ތާހިރު ނުވެ އުޅެނީ އެވެ.

މި އެންމެނަކީ ވެސް ކޮންމެވެސް އާއިލާއެއްގެ މީހެކެވެ. ބޭބެ އެކެވެ. ޒުވާނެކެއް، ކޮއްކޮއެކެވެ. ފިރިއެއް އެހެންނާ ބަފައެކެވެ. ނަމްބަރު މަދަސް އަންހެނުން ވެސް ހިމެނޭ ގޮތުންނެވެ.

ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ރަނގަޅެވެ؛ އެކަމަކު ރަނގަޅުވުމަކީ ހަމަ އެކަނި ތަންތަން ބައްލަވާން ހިންގަވައި ދެއަތް ފުރަގަހަށް ލައްވައިގެން ހުންނެވުމެއް ވެސް ނޫނެވެ. މަގާމާ ހަވާލު ވަޑައިގަންނަވާން ވާނީ އެކަށީގެންވާ ބަދަލު ގެނެސް ދެވޭކަން ފާހަގަވާ މިންރަށް މަސައްކަތް ކުރައްވާށެވެ. އެކަމައެކަނި ސިޔާސީ ފައިދާއަކަށް ކަން ކުރައްވާކަށް ނޫނެވެ. -- ވަޒީރު ކަމަކީ ޕަބްލިކް މަގާމެކެވެ. އެ މަގާމަށް ވަޑައިގަންނަވަންވާނީ ވަޒީރު ކުރައްވާ ނުކުރައްވާ ކަންކަމާ އާންމުންނަށް ބެހެވޭ ގޮތަށެވެ.

ވަޒީރުން އެކި ފެންވަރުގެ ވެރިން ފަދައިން ގަދަރުވެރި ތާހިރު ދިރިއުޅުމެއް އުޅުމަކީ ކޮންމެ މީހެއްގެ ވެސް ހައްގެއްކެވެ. ގިނަ ޒުވާނުންނަށް ދިމާވެފައިވާ އެކަމަކު މަސްތުގެ ވަބާއިން އަރައިގަތުމަށް އެއްވެސް ބައެއްގެ ސަޕޯޓެއް ނެތެވެ. އަމިއްލަ ވަޒަނުގައި ބީރައްޓެއްސެކެވެ. އަމިއްލަ ގޭގެ ދޮރުތައް ބަންދެވެ. އާއިލާގެ އެހީތެރިކަން ނުލިބޭއިރު އަމިއްލަ ގައުމުގެ ސަރުކާރުގެ ފަރާތުން އެކަށީގެންވާ އެހީތެރިކަމާއި އެއްބާރުލުން ނުލިބެ އެވެ. އެ މީހުނަށް ހަދަނީ ހުސް ދޮގެވެ.

އެފަދަ ޒުވާނުންނާއި މީހުންގެ ކަންކަން ބަލަން ދިވެހި ދައުލަތް ގާނޫނަކުން ލާޒިމްކޮށް މުސާރަ، އިނާޔަތް ދީފައިވާ ބަޔަކު މީހުން ލާފައި އެބަތިއްބެވެ. އެމީހުންނަށް އެމީހުންގެ ޒިންމާއެއް މިކަމުގައި އޮތްހެން ހީނުވާއިރު އެ މީހުން ވަމުން ދާ އިހުމާލަކީ ވެސް ފާޑެއްގެ "މަސްތެ" ކޭ ނުބުނެވޭނެ ސަބަބަކީ ކޮބައި ހެއްޔެވެ؟

ކުއްލިއަކަށް ފުލުހާއި ޖެންޑާ މިނިސްޓްރީ އެކުވެ "އޮޕަރޭޝަނެއް" ހިންގާލައިފި އެވެ. މެޓްރޯ ކެފޭއަށް ނިދަން އަރާ ގިނަ ބައިވަރު ޒުވާނުންތަކުގެ ތެރެއިން ތިން މީހަކު މިހާރު މާލެއަށް ގުޅިފައިވާ ފަރުކޮޅުފުއްޓަށް ފޮނުވި އެވެ. އެއީ ސޯޝަލް މީޑިއާގައި ނެޝަނަލް ޑްރަގް އެޖެންސީ އާއި ގުޅޭ ގޮތުންނާއި ފެމިލީ މިނިސްޓްރީއާ ގުޅުވައި އެކަމުގެ ކަންބޮޑުވުންތަކެއް އާއްމު ރައްޔިތުންގެ ބަޔަކު ފާޅު ކުރުމުންނެވެ. މެޓްރޯކެފޭ ނިދާފައި ތިބި ޒުވާނުންތަކެއްގެ ފޮޓޯތައް ދައުރުވާން ފަށައި ލަދުގަންނަ ހިސާބަށް ގޮސްގެން "ބަފާ ބުނީތީ ވަލަށް ދާ ގޮތަށް" ނަމަކަށް ކަމެއް ކޮށްލީ އެވެ.

"އާއްމު ތަންތަނުގައި ބިއްދޮށުގައި ނިދާތީ ކޮންމެ ރެއަަކު އައިސް ފުލުހުން ގޮވާ ފޮނުވާލަން މަސައްކަތް ކުރޭ! އެމީހުން ބޭނުމެއް ނުވޭ އަހަރުމެން އާއްމު ރައްޔިތުންނަށް ފެންނާކަށް. އަދި މެޓްރޯ ކެފޭގެ ހާލަތު ނޭނގޭ ފުލުހެއް ހުންނާނެ ހެނެއް ވެސް ހިއެއްނުވޭ" މެޓްރޯ ކެފޭއަށް އާދަވެ ނިދަން އަރައި އުޅޭ "މަސްތު ކުއްޖެއް" ބުނެލި އެވެ.

ދެހާސް އެގާރަ ވަނަ އަހަރު އެކުލަވާލާފައިވާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބުނާ ގޮތުން ނަމަ 12 މެންބަރުން ހިމެނޭ ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލެއް އުފައްދާ އަދި އެކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒު ކުރަން ނެޝަނަލް ޑްރަގް އެޖޭންސީ (އެންޑީއޭ) އުފައްދަން ޖެހެ އެވެ.

އެ އަހަރުން ފެށިގެން މިހާ ހިސާބަށް އައި އިރު އެ އެޖެންސީން އެކަށީގެންވާ ވަރަށް ގާތަށް ވެސް މަސައްކަތެއް ނުކުރެ އެވެ. އެކަމަކު އެކަށީގެންވާ މިންވަރަށް ވުރެ ހަރަދު ބޮޑު އިރު އެއް ކަމެއް ވެސް ނުކުރާ ކަމުގެ ބޮޑެތި ތުހުމަތުތައް ވެސް އޮވެ އެވެ.

މުޒާހަރާއަކަށް ވާގޮތަށް މިވަތުގު ވެސް "ހޭންޑްސް ޓްގެދާ" އެންޖީއޯ އިން ދަނީ ނެޝެނަލް ޑްރަގް އޭޖެންސީގެ ރީސްޓްރަކްޗާކޮށް ރީފޯމް ކުރަން އަނގަ ހުއްޓާ ނުލައި ގޮވަމުންނެވެ. އެ ޖަމިއްޔާއިން ދަނީ މަޖްލިހަށް ހުށެހެޅުމަށް ޕެޓިޝަންއެއްގައި ސަޮއި ވެސް ކުރަމުންނެވެ.

"ހޭންޑްސް ޓްގެދާ" އިން ބުނާގޮތުގައި 2011 ވަނަ އަހަރު ތަސްދީގު ކުރި މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބުނާ ގިނަ ކަންތައް އަދިވެސް ނުކުރެ އެވެ. އަދި މިހާތަނަށް ވެސް އޮތީ ދައުލަތުގެ އެ ގާނޫނަށް ސަރުކާރުތައް އިހުމާލުވެ ފައިދަށުލާފަ އެވެ.

"އެންމެ ބޮޑު މައްސަލައަކީ ޑީޓޮކްސް ސެންޓަރުތަކަށް ފަރުވާ ހޯދަން ފޮނުވޭކަށް ނެތް... ރީހެބް ތަކެއް ނެތް... ރިމާންޑް ސެންޓަރެއް. އެތައް ބަޔަކު މަގުމަތިވަނީ. މި ކަމުގައި ބޮޑެތި އެބަ ހުރި ގޯސްތަކެއް. ޑިޕެންޑެންސީ އެސެސްމެންޓެއް ނެހެދޭ. އަހަރުމެން މި ގޮވާލަނީ ފަރުވާ ހޯދާފައި ދޭށޭ. ފަރުވާ ނުދެންޏާ އޮތް 85 ޕަސެންޓް އެޑިކްޝަން ރޭޓް ދާނީ ކުރިއަށޭ... ފަރުވާއަށް ބޭނުންވާ ބޭހެއް ހުރިއްޔޭ ނޫން." އެ ޖަމިއްޔާގެ ހަރަކާތްތެރިޔަކު ވިދާޅުވި އެވެ. "އަނެއްކޮޅުނޖް މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ރިހެބިލިޓޭޓް ކުރުމަށް އެބަހުރި ޒަމާނީ ހޮލިސްޓިކް ޕްރޮގްރާމްސް. މި ކިޔަނީ މިކަން ކަން ކޮށްދޭށޭ،"

ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019 ބުނާ ގޮތުގައި ޖަލުތަކުގައި ތިން ބައިކުޅަ ދެބަޔަށް ވުރެ އިތުރުން ބަންދުކޮށްފައި ތިބީ މަސްތުވާތަކެތި ބޭނުން ކުރުމުގެ މައްސަލައިގައި ބަންދުކޮށްފައި ތިބި މީހުނެވެ. އަދި މި ފަދަ މައްސަލަތަކުގައި ބަންދު ކޮށްފައި ތިބި މީހުންގެ ތެރޭގައި
ގިނައީ އުމުރު ހަގު ޒުވާނުން އެވެ.

އެއްވެސް ކަމެއް ބަދަލު ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު ކުޑަ ކަމެއް ވެސް ބަދަލުކޮށްލައިފިއްޔާ ކޮންމެވެސް ނަތީޖާއެއް ނުކުމެ އެވެ. މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ދުރުކޮށް މިކަމުން އަރައިގަތުމަށް ސަރުކާރުގެ ފަރާތުން އެހީތެރިކަމެއް ނުދެނީ އެވެ. ބަދަލެއް ގެންނަން ބޭނުން ނުވަނީ އެވެ.

ބަދަލެއް ގެންނަން ބޮޑެތި ވަރުގަދަ ސަރުކާރުތައް ބަދަލު ކޮށްގެން ބޭނުންވާ ކަން ކަމަށް ބަދަލުތައް ގެންނަ އިރު ޑުރަގުވާ އިޝޫގައި ހިމެނޭ މިވަރު ކަމަކަށް ބަދަލެއް ގެނެސްފި ނަމަ ރަނގަޅު ބަދަލެއް ނުފެންނާނެ ހެއްޔެވެ؟

މަސްތު ޒުވާނުންތައް މަގުމައްޗަށް ހާވިޔާވެ "އާންމު އުނދަގުލަކަށް" ވެގެން އުޅޭއިރު "އެންމެނަކު އަބަދަކު" ބަލާކަށް ނުތިބޭނެ އެވެ. ބައެއް މީހުނބް ސޯޝަލް މީޑިއާގައި މަސްތު ޒުވާނުންގެ އުޅުމާއި ހާލު ކިޔައިދީ ފެމިލީ މިނިސްޓްރީ އާއި އެންޑީއޭއަށް ޒިންމާ އަދާ ނުކުރާ ވާހަކަ ލިޔަނީ އެވެ. އެއްޗެހި ކިޔަނީ އެވެ. އެކަން މިދަނީ ދުވަހެއް ވިއްޔާ ދުވަހެއް އިތުރުވެސް ވަމުންނެވެ.

"ރައީސް މައުމޫންގެ ވެރި ކަމުގެ ދިގު ތިރީސް އަހަރު އަޅުގަނޑުމެން ބަދަލު ކުރީ އެއީ ޖީލުތަކެއް މަސްތުގެ ވަބައިގައި ޖެއްސީ ކަމަށް ބުނަމުން އެ ހާލަތު ބަދަލު ކުރަން. ނިކަން ބައްލަވާ އެ ވެރިކަމަށް ފަހު އަނެއް ދިގު 30 އަހަރުގެ ފުރަތަމަ 15 ނިމޭން މިދަނީ އެކަމަކު ހާލަތު ކުރިޔަށްވުރެ މާ ގޯސް" އާންމު މީހަކު ބުންޏެވެ. "އެންޑީއޭ ހަރަކާތެއް ނުކުރޭ، ފެމިލީ މިނިސްޓަރު އަޅައެއް ނުލާ، ވަކި ލެއްވެލެއްގެ ބަޔަކަށް އަދަބެއް ނުދެވޭ، ކުޑަ މީހާއަށް ބޭ އިންސާފު،. ބޮޑު މީހާއަށް އިންސާފު،"

ކަމެއް ބަދަލު ކުރުމުގެ އިހްތިސޯސީ ބާރުތަކާ ހަވާލު ވެގެން ތިއްބަވާ ބޭފުޅުން ވެސް ހައްދަވާ ގޮތަކީ ކަމެއް ހައްދު ފަހަނަޅައި ދިއުމުން އާއްމު ރައްޔިތުން ސޯޝަލް މިޑީއަށް ފައިބާ ގޮތަށް ހަމަ ސޯޝަލް މީޑިއާގައި އެއްޗެއް ވިދާޅުވާނީ އެވެ. އެހިސާބުން އެ ޒިންމާ އަދާ ކުރެއްވުނީ އެވެ.

އެފަދައިން ކަން ކުރައްވާ އެއް ބޭފުޅަކީ އެންމެ ބާރުގަދަ ސިޔާސީ އެއް ލީޑަރު އަދި ރައްޔިތުންގެ މަޖްލީސް ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެ މަނިކުފާނު ވިދާޅުވާ ގޮތުގައި އެންޑީއޭ އިސްލާހު ގެނަންނަން ޖެހިފައިވާ ކަމީ ޝައްކު ހިނގާ ކަމެއްް ނޫނެވެ.

ރައީސް މުހައްމަދު ނަޝީދުގެ ޓްވީޓެއް


"މަސައްކަތް ފަސްވެ ލަސްވުމުން ދިޔުމަކީ މުޅި ރާޖެއަށް ލިބޭ ބޮޑު ގެއްލުމެއް" އެ މަނިކުފާނު ވިދާޅުވެ އެވެ.

ކޮންމެ ކަމެއްގައި ވެސް ސަރުކާރަށް ގުގުރި ނިދިން ހޭލެވެނީ ސޯޝަލް މީޑިއާއަށް ރައްޔިތުން އެއްވެ އަޑުގަދަ ކޮށްލައި މުޒާހަރާތައް ފެށުމުންނެވެ. މިއީ އެއްމެން ދަންނަ ހަގީގަތެކެވެ. ރާއްޖޭގައި މިހާރު ހަމަ އެއްވެސް ކަމެއް ބަދަލުވާނެ ގޮތަކީ ސޯޝަލް މީޑިއާއަށް ނުކުމެ ހަޅޭއްފަޅޭއް ޖަހައިގަތުމެވެ. އޭރަށް ގައިމު ރިއެކްޓެއް ކުރެއެވެ.

ދުރާލާ ރާވައިގެން އެނގިގެން ކަންކަން ކުރުމުގެ ބަދަލުގައި ކަމެއްގެ ގޯހުން ގޯހަށް ދިއުމުން ކޮންމެ ފަހަރަކު ވެސް ކޮންމެ ކަމެއްގައި ވެސް ސަރުކާރުން ކުރާނެ ކަމަކީ "ޖީބަށް ފައިސާ ވަންނަ ވައްކަމެއް ކުރެވޭ ގޮތަށް" ހާލަތާ ނުބައްދަލު ވަގުތީ ހައްލެއް ގެނެސް އެކަން ވަގުތީ ދާއިމީ ވާން ދޫކޮށްލުމެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވިި ގޮތުގައި ޒުވާން ޖީލެއް މަގުމަތިވެ، މަސްތުވާތަކެތި ބޭނުންކުރާ އެ މީހުންއަށް ފަރުވާއެއް ނުލިބި މުޅިން އެހެން ލެވެލް އަކަށް ނުދަނީސް އެކަން ހައްލުކުރަން ބޭނުންވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގާނޫނަށް ބަދަލު ގެނެސްގެން އެންޑީއޭގެ ހިންގުން ހަރުދަނާ ކުރަން ނިންމަވާފައި ވެއެވެ.

އެންޑީއޭ އަކީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ސިޔާސަތުތައް ތަންފީޒު ކުރާ އިދާރާ އެވެ. އަންހެނުންނަށާއި ކުޑަކުދިންނަށް ހާއްސަ ޑިޓޮކްސް ސެންޓަރާއި ރިމާންޑު ސެންޓަރެއް އުފައްދަންޖެހޭ ކަމަށް ބަޔާން ކޮށްފައިވީ ނަމަވެސް، އަދި މިހާތަނަށް އެފަދަ މަސައްކަތެއް ކޮށްފައެއް ނުވެ އެވެ. އެކަމަކު މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި އެތައް ބަޔަކަށް ފަރުވާ ނުދެވި ކަންކަން ބޮންސުއްލައިގެން ގޮސްފައިވެ އެވެ. ޖެންޑާ މިނިސްޓްރީގެ ފާޑެއްގެ ބެލެނިވެރިކަމެއްގައި އެންޑީއޭ އޮތް ނަމަވެސް، އެންޑީއޭ މަސައްކަތް ކުރަނީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި އެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި އެންޑީއޭއަށް އިސްލާހު ގެނައުމަށްޓަކައި ކުރިމަތިވެފައިވާ ގާނޫނީ ގޮންޖެހުންތައް ނައްތާލަން ބަންޑާރަ ނައިބާއެކު މިހާރު ރައީސް މަޝްވަރާ ކުރައްވަމުން ގެންދަވަ އެވެ.

"ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމާއެކު ގާނޫނަށް ގެންނަ ބަދަލު ސަރުކާރުން ހުށަހަޅާނެ،" މަބުރޫކު ވިދާޅުވި އެވެ.

މަސްތުވާތަކެތި ރާއްޖެ އެތެރެކުރާ ދޮރުތައް ބަންދު ކުރުމަށްޓަކައި ފުލުހުން އިސްވެ ބޮޑެތި އޮޕަރޭޝަންތައް ހިންގަ އެވެ. ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި، 200 އަށް ވުރެ ގިނަ އޮޕަރޭޝަން ހިންގައި 800 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ވަނީ އަތުލާފަ އެވެ. މާލޭގައި މަސްތުވާތަކެތީގެ ހިދުމަތް ކެފޭ އުސޫލުން ދެމުން އަންނަ ތަންތަނަށް ހާއްސަ އޮޕަރޭޝަންތައް ހިންގައި ބައެއް ތަންތަން ފުލުހުން ވަނީ ބަންދުކޮށްފަ އެވެ. ނަމަވެސް ސިލްސިލާކޮށް ކުރިއަށް ގެންދަން ނިންމި އެ އޮޕަރޭޝަން ކުއްލި ގޮތަކަށް ހުއްޓާލަން ޖެހުނީ ފުލުހަށް "ނުފޫޒު" ތަކެއް ކުރިމަތި ވެގެންކަން ޔަގީނެވެ. އެހެންވީމާ ފުރަތަމަ ސަރުކާރުގެ ވެރީން ޣާފިލު ކަމުގެ "މަސްތުން" ނެއްޓޭންވީ އެވެ. އެންމެނަކު އަބަދަކު ހަމައިން ނެއްޓިފައި ތިބޭކަށް ނުޖެހޭނެ އެވެ.