ހަބަރު

ހުޅުމާލެ ބްރިޖާ އެކު ތިން ކިލޯ މީޓަރުގެ ހައިވޭއެއް

Oct 26, 2015
1
  • މިއީ ބްރިޖް ޕްރޮޖެކްޓްގެ ބައެއް ނޫން
  • މަގު ހަދާނީ އެމްއޭސީއެލް އިން
  • ޑިޒައިނާއި އީއައިއޭ ހަދާނީ ވަކިން

ހުޅުމާލެއާއި މާލެ/ހުޅުލެ ބުރިޖާ ގުޅިގެންދާ ގޮތަށް މިޒަމާނުގެ ހައިވޭއެއް ހަދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ މާލެ ހުޅުލެ ގުޅުވައިދޭ ބުރިޖުން ހުޅުމާލެއަށް ދާ މަގަކީ ހުރިހާ ވެހިކަލަށް ދެވޭ ގޮތަށް އޮންނަ ފުޅާ، އިންޓަނޭޝަނަލް ސްޓޭންޑަޑްގެ މަގެއް ކަމަށާއި އެއީ ތިން ކިލޯ މީޓަރުގެ ދިގު މަގެއް ކަމަށެވެ.

"ފުޅާ މިން ބޮޑު ރޭމްްޕްތައް ވެސް ހިމެނޭ ގޮތަށް ތަނަވަސް މަގެއް ހަދަން ޖެހޭ. އެއީ ގާތްގަނޑަކަށް ތިން ކިލޯ މީޓަރުގެ ދިގު މަގެއް،" ހައުސިން މިިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ މަގަކީ ބްރިޖް ޕްރޮޖެކްޓްގެ ބައެއް ނޫން ކަމަށާއި އެ މަގުގެ ޑިޒައިނާއި އީއައިއޭ ވެސް ހަދާނީ ވަކިން ކަމަށެވެ. އަދި ވިދާޅުވީ ބޮޑަށް ލަފާ ކުރެއްވެނީ އެ މަގުގެ ޕްރޮޖެކްޓް ކުރިޔަށް ގެންދާނީ އެމްއޭސީއެލް އިން ކަމަށެވެ.

"އެ މަގުގެ ޕްރޮޖެކްޓްގެ މަސައްކަތް ދާނީ ސަރުކާރުގެ އެހެން ކުންފުންޏަކަށް. ލަފާ ކުރެވެނީ އެއީ އެމްއޭސީއެލް ކަމަށް. ބްރިޖްގެ މަސައްކަތް ނިންމެންވާއިރު ހުޅުމާލެ އާއި ބްރިޖާ ގުޅުވާލައި ދެ ކޮޅަށް ދެވޭ ގޮތަށް މަގު އޮނާނީ އެއީ އިންޓަނޭޝަނަލް ފެންވަރުގެ ހައިވޭއަކަށް ވެގެންދާނެ،" މުއިއްޒު ވިދާޅުވި އެވެ.