ހަބަރު

ތާރީހީ ދުވަހެއް، މާދަމާ ބްރިޖްގެ ފުރަތަމަ އައި ބީމް އަޅާނެ

Jul 5, 2017
10
  • މަސައްކަތް ޝެޑިއުލަށްވުރެ މަސްދުވަސް ކުރީގައި
  • ހުރިހާ ޕޭމަންޓްތަކެއް ބާރަބަރު ޝެޑިއުލަށް އަދާ ކުރެވިފައި
  • އަމާޒަކީ 2018 އިގެ ޖުލައި 26 އަށް ހުޅުވުން

ހުޅުލެ އާއި މާލެ ގުޅުވައިދޭ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ޑެކް ނުވަތަ ސްޕަ ސްޓްރަކްގެ އައިބީމްތައް ޕްލޭސް ކުރުމުގެ މަަސައްކަތް މާދަމާ ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ބްރިޖްގެ މަސައްކަތް ހިނގާ ގޮތް ނޫސްވެރިންނަށް ދައްކާލައި ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ވަގުތީ ބްރިޖް މަތީގައި ކުރިޔަށް ގެންދިޔަ ޓްއާއަށް ފަހު މެއިން ބްރިޖްގެ ފުރަތަމަ ތަނބު، ބްރިޖްގެ 19 ވަނަ ޕްލެޓްފޯމް ކައިރީގައި ހުންނަވައިގެން މިނިސްޓަރު ވިދާޅުވީ ބްރިޖްގެ މަސައްކަތުގައި "މާދަމާ އަކީ ތާރީހީ ދުވަހެއް" ކަމަށެވެ.

ވިދާޅުވީ ބްރިޖްގެ ޑެކް ނުވަތަ ސުޕަ ސްޓްރަކްޗާގެ މަސައްކަތުގައި މާދަމާއަކީ ފުރަތަމަ އައިބީމް ބާއްވާ ދުވަސް ކަމަށާއި އެކަމަށް ބޭނުންވާ ހުރިހާ ތައްޔާރީތަކެއް ނިމިފައިވާ ކަމަށެވެ.

"އައިބީމްތައް ޕްލޭސް ކުރުމުގެ މަސައްކަތަށް މިހާރު އެވަނީ ތައްޔާރުވެފައި. މާދަމާ ޑެކްގެ ފުރަތަމަ އައިބީމް ސްޓްރަކްޗާގެ ބައެއް މާލޭ ކޮޅުން ޕްލޭސް ކުރާނެ އެހެންވީމާ މާދަމާއަކީ ތާރީހީ ދުވަހެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މުޅި އެޕްރޯޗް ބްރިޖްގައި 240 އައިބީމް ހިމެނޭ އިރު މާދަމާ އެ މަސައްކަތް ފަށާއި ނުހުއްޓި އެ މަސައްކަތް ނިންމެންދެން ކުރިޔަށް ދާނެ ކަމަށެވެ. އެކަމަށް ބޭނުންވާ މެޓީރިއަލް ސައިޓަށް ޖަމާ ކުރެވިފައިވާ ކަމަށާއި އެއްވެސް ކަމެއްގައި ޝޯޓެއްޖެ ނާންނާނެ ކަމަށެވެ.

"މެޓީރިއަލް މިހާރު ހުރީ އޮން ސައިޓްގައި އޭގެ ޝޯޓޭޖެއް ނެތް. މި މަސައްކަތުގައި 1000 މީހުން އުޅޭ އިރު މީހުންގެ ތާށިކަމެއް ވެސް ނެތް." މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ބްރިޖްގެ މަސައްކަތުގައި ފައިސާގެ އެއްވެސް ތާށި ކަމެއް ވެސް މައްސަލައެއް ވެސް ނެތް ކަމަށާއި ޝެޑިއުލް ކޮށްފައިވާ ތާރީހުތަކަށް ޕޭމަންޓްތައް ހަދަމުން ނިންމަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ މިހުރިހާ ކަމެއް ބަރާބަރަށް ދާއިރު ކޮލިޓީ ވަރަށް ފުރިހަމައަށް މޮނިޓާކޮށް ބަލަމުން އަންނަ ކަމާއި އެންމެ މަތީ ފެންވަރުގައި މަސައްކަތް ކޮށް ފުރިހަމަ ބުރިޖެއްގެ ގޮތުގައި އެންމެ ލަސްވެގެން އަންނަ އަހަރުގެ ސެޕްޓެމްބަރުގައި ހުޅުވާނެ ކަމަށެވެ. މިހާރު ދާ ސްޕީޑްގައި ދާނަމަ ވެސް ޖުލައި 26 އަށް ނިންމާނެ ކަމަށާއި އެއީ ރާއްޖޭގެ މިނިވަން ދުވަހަށްވުމުން މި މަސައްކަތުގައި ސާމިލުވެ އޮތް ފަރާތުން ވެސް އެކަމަށް ވަރަށް ބޭނުންވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނާއި ޗައިނާގެ ރައީސް ޝީ އާއި ދެ ބޭފުޅުން އިސްކަން ދެއްވާފައިވާ ގޮތަށް އެ ފެންވަރުގައި އެ ޝެޑިއުލަށް ވުރެ ވެސް މަސައްކަތް ހަލުއި ކޮށްފައިވާއިރު މީގެ ހަތަރު މަހެއްހާ ދުވަސް ކުރިން ވެސް އޮތް ސްޕީޑްގައި މަސައްކަތް ކުރިޔަށް ދާ ކަމަށާއި އެއީ ރަސްމީ ޝެޑިއުލަށްވުރެ އެއްމަސް ދުވަސް ކުރީގައި އޮތުމެއް ކަމަށެވެ.

ބްރިޖްގެ ބައެއް ވަނަވަރު

  • ބްރިޖްގެ ވައްތަރު: ބޯޗް އާޗް
  • ބޯކްގެ އަދަދު 6
  • ހަ ބޯކްގެ ޖުމްލަ ދިގު މިނަކީ 760 މީޓަރު
  • ބްރިޖަށް އަރާ މަގުތަކާއެކު ޖުމްލަ ދިގު މިން 2100 މީޓަރު
  • ބްރިޖްގެ ދަށުން ދެވޭ އެންމެ އުސްމިން: 75 ފޫޓް
  • ބްރިޖްގެ މަސައްކަތް ކުރަނީ: ޗައިނާގެ ސީސީސީސީ
  • ބްރިޖްގެ އަގު: 200 މިލިއަން ޑޮލަރު
  • ހަތަރު ފުރޮޅުލީ އުޅަނދަށް ދެ ލޭން
  • ސައިކަލަށް ދެ ލޭން
  • ބްރިޖުގެ ޖުމްލަ ދިގުމިން: ދެ ކިލޯމީޓަރު
  • ފުޅާމިނުގައި: 20.3 މީޓަރު
  • މަސައްކަތް ނިންމާނީ: 30 މަސް ދުވަހުން

މިހާރު މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާއިރު ހުޅަނގުގެ ގަދައިގައި ވެސް އެއްވެސް ދަތި ކަމެއް ނެތި މަސައްކަތް ކުރެވޭ ގޮތަށް ތަނބުތަކުގެ ކަނޑު އަޑިއަށްވާ ބައި ލޮނުގަނޑުން މައްޗަށް 20 ފޫޓަށް ކޮންކްރީޓް މަސައްކަތް ނިންމާފައި ވުމުން ބްރިޖްގެ މަސައްކަތަކަށް މިހާރު މޫސުމީ އެއްވެސް ހުރަހެއް ނެތެވެ. އެހެންވެ މި އަހަރު ނިމޭއިރު އަމަލީ ގޮތުން އެންމެންގެ ލޮލަށް ވަރަށް ފަސޭހައިން ބްރިޖް ފެންނާނެ އެވެ. އޭރު ހުންނާނީ ދެކޮޅުގެ އެޕްރޯޗް ބްރިޖާއި މެއިން ބްރިޖްގެ ހުރިހާ ތަނބެއް ކޮންކްރީޓް އަޅާއި ނިމަފަ އެވެ. އަދި މިހާރު އެންމެ ބާރަށް ކުރިޔަށްދާ މެއިން ބްރިޖްގެ ވީޝޭޕް ލެގްތަކުގެ ތަނބުތަކުގެ ފަސް ތަނބު އަންނަ ނޮވެމްބަރުގައި އެއްކޮށް ނިމޭނެ އެވެ.

ބުރިޖްގެ ފީއާ ބެހޭ ދިރާސާތައް / މެއިންޓަނެންސް

ބްރިޖް ގެ އަގުތަކާގުޅޭ ގޮތުން އަވަސް އޮންލައިންއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ އެކަމުގެ ދިރާސާތައް ކުރަމުން އަންނަ ކަމަށާއި އެކަމާ ގުޅިގެން ސަރުކާރުން އަދި ރައްޔިތުންނާ ހަމައަށް ދާނެ ކަމަށެވެ. ވެހިކަލް ދަތުރުކުރާ ވަރާއި ހުޅުމާލެ ގުޅިގެން ދިއުމުން ވެހިކަލްތައް މޫވް ކުރާނެ މިންވަރު ބަލަމުން އަންނަ އިރު އެކަންކަން ދިރާސާކޮށް ފައިނަލް ސްޓޭޖްގައި އޮތް ކަމަށް ވެސް ވިދާޅުވި އެވެ.

"އެއްވެސް ކަންބޮޑުވުމެއް ނޯންނާނެ، އަތްފޯރާ ފަށުގައި އޮންނާނެ، ބްރިޖް ބޭނުން ކުރާއިރު ފީއެއް ނަގާނަމަ އެވާނީ އެފޯޑަަބަލް ފީއަކަށް މީހާރުވެސް ކަނޑުމަގުން ކުރާ ދަތުރުތައް ކުރަނީ ފީއަކަށް، ބްރިޖްގައި ފީއެއް ނެގިއަސް ނަގާނީ މެއިންޓަނަންސް އަށް." މިނިސްޓަރު ވިދާޅުވި އެވެ.

އަދި ވިދާޅުވީ ވަކި އޮފީހެއް ބްރިޖް މެއިންޓަނަންސް އަށް އުފައްދާނެ ކަމަށާއި އެތަން ޕްރޮފެޝަނަލް މީހުންނާއެކު ހިނގައިގަންނަ އިރު ޗައިނާ ސަރުކާރުން މީހުން ބިނާކޮށް އާލާތައް ދޭނެ ކަމަށާއި އެކަންކަން ފަރުދާގެ ފުރަގަހުގައި ހިނގާ ކަމަށެވެ.

ހުޅުލެ - ހުޅުމާލެ، ހައިވޭ

މިނިސްޓަރު ވިދާޅުވީ ބްރިޖްގެ ކުރިން ނިންމަންޖެހޭ ހުޅުމާލެއާ ގުޅިގެންދާ ހައިވޭގެ މަސައްކަތް އެޗްޑީސީއާ ހަވާލު ކުރުމުން އެމަސައްކަތް ބޭރުގެ ކުންފުންޏަކަށް ސަބްކޮންޓްރެކްޓްކޮށްފައިވާ ކަމަށެވެ. އެ މަސައްކަތް އެޗްޑީސީއާ ހަވާލު ކުރީ ޑިސެމްބަރު 26، 2016 ގަ އެވެ.

މާލެ ހުޅުލެ ބްރިޖުގެ މަސައްކަތް ނިމުމުގެ ކުރިން ހުޅުވަން މަސައްކަތް ކުރާ އެ ހައިވޭއަކީ ހުރިހާ ވެހިކަލަށް ދަތުރު ކުރެވޭ ގޮތަށް ހަދާ ތިން ކިލޯ މީޓަރުގެ ދިގު މަގެކެވެ. ހައިވޭ ހަދަނީ އެޗްޑީސީގެ އަމިއްލަ ހަރަދުގައެވެ. އެއީ ގާތް ގަނޑަކަށް 24 މިލިއަން ޑޮލަރެވެ. އެ މަސައްކަތް އެޗްޑީސީ އަށް ދިނީ 2018 ވަނަ އަހަރުގެ އެޕްރިލް މަހުގެ ނިޔަލަށް ނިންމާށެވެ. މަގު އިތުރަށް ފުޅާ ކުރަން ބިން ހިއްކާ ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ކުރަން ޖެހޭ އިރު މަގުގައި ބޮޑު ޓްރެފިކެއް އޮންނާނެ ކަމަށް ލަފާ ކުރެވޭތީ ހައިވޭ ތަރައްގީ ކުރަނީ އެފަދަ ޓްރެފިކެއް މެނޭޖު ކުރެވޭ ގޮތަށެވެ.

ފުޅާ މިން ބޮޑު، ރޭމްޕްތައް ވެސް ހިމެނޭ ގޮތަށް ހަދާ ހައިވޭގައި ފެން ހިއްދާނެ ނިޒާމެއް ގާއިމުކޮށް، ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތަށް ވަކިން ސަރަހައްދެއް ހާއްސަކުރެ އެވެ.