ހުޅުލެ މާލެ ގުޅުވައިދޭ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" ގެ ކޮންޓްރެކްޓަރަކަށް ހޮވުނީ ޗައިނާގެ އެންމެ ބިޔަ އެއް ކުންފުނި ކަމަށްވާ ޗައިނާ ކޮމިއުނިކޭޝަން ކޮންސްޓްރަކްޝަން ކޮންޕެނީ (ސީސީސީސީ) އެވެ. އެ ނިންމުން ނިންމީ ދިވެހި ސަރުކާރަކުން ނޫނެވެ. އެއީ ބްރިޖް އެޅުމުގެ އިންޖިނިއަރިންގައި މުޅި ޗައިނާގެ 500 އެކްސްޕާޓުންގެ ތެރެއިން ހޮވައިލި 11 އެކްސްޕާޓަކު އިވެލުއޭޓްކޮށް ނިންމި ނިންމުމެކެވެ. އެ މުޅި ޕްރޮސެސް ގެންގޮސްފައި ވަނީ ޗައިނާ ސަރުކާރުންނެވެ.
ބިޑް އިވެލުއޭޓް ކުރުރީ ދެ ބަޔަކަށް ބަހާލައިގެނެވެ. އެއީ ޓެކްނިކަލް ބިޑިން އިވެލުއޭޝަން އާއި ކޮމްޕްރެހެންސިވް މެތަޑް ސްޓޭޓްމަންޓެވެ. ފުރަތަމަ ބައިގައި ބެލީ ޕްރޮޖެކްޓްގެ އެންމެ އުނދަގޫ މަސައްކަތް ކުރަން ކުންފުނި ތަކުން ހުށަހެޅި ކޮމްޕްރެހެންސިވް މެތަޑް ސްޓޭޓްމަންޓަށެވެ. އެއިން ފާސްވާ ކުންފުނިތަކުގެ ތެރއިން އެންމެ ކުޑަ އަގު އޮންނަ ކުންފުންޏަށް ބްރިޖް ޕްރޮޖެކްތް އެވޯޑް ކުރާ ގޮތަށްވެ. ސީސީސީސީ އިން ބިޑް ކާމިޔާބ ކުރީ މްޕްރެހެންސިވް މެތަޑް ސްޓޭޓްމަންޓުގައި ކާމިޔާބު ހޯދައިގެން ކަމަށް ބެލެވެ އެވެ. އަދި ކުރި ވަރަށް ބުރެ ބްރިޖަށް ހޭދަ ކުރަންޖެހޭ އަދަދު ކުޑަވާނެ ކަމަށް ރިޕޯޓްތައް އައިސްފައި ވަނީ އެހެންވެގެން ކަމަށް ބެލެވެއެވެ.
މި ޕްރޮޖެކްޓަށް 250 އެއްހާ މިލިއަން ޑޮލަރު ހަރަދު ވާއިރު 100 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދޭ ބައެކެވެ. އަދި ބާކީ 150 މިލިއަން ޑޮލަރުގެ ތެރެއިން 100 މިލިއަންޑޮލަރު ދިވެހި ސަރުކާރުން ވަނީ ލޯނެއްގެ ގޮތުގައި ނަގާފަ އެވެ. މިއަށް ވިސްނާލާއިރު މިއީ ރާއްޖެއަށް ވުރެ ބޮޑަށް ޗައިނާގެ ޕްރޮޖެކްޓެއްގެ ގޮތުގައި ފެނެ އެވެ. އަދި މިއީ ފަހުގެ ތާރީހުގައި ޗައިނާއިން ހިންގާ އެންމެ ބޮޑު ފޮރިން އެއިޑް މަޝްރޫވެސް މެއެވެ. މަޝްރޫއގެ ބިޑިންއަށް ދިއުމުގެ ކުިން ބްރިޖްގެ ފީޒިބިލިޓީ ރިޕޯޓް ޗައިނާގެ ކޮމާސް މިނިސްޓްރީން ބަލައި މުޅި ޗައިނާއިން ހޮވައިލި އެކްސްޕާޓުންގެ ޓީމަކުން ރިޕޯޓް ދިރާސާ ކޮށް އެއްބަސްވީ މިއީ އިންޖިނިއަރިންގެ ގޮތުން ޗެލެންޖިން މަޝްރޫއަކަށްވާނެތީ މިކަން ކުރުވާނީ އެންމެތީ ފެންވަރުގެ ތަޖުރިބާ ހުރި ކުންފުންޏެއް ހޯދައިގެން ކަމށެވެ. ގާބިލުކަން ހުރި ކުންފުނިތައް ޕްރީ ކޮލިފައި ކުރުމުގެ ގޮތުން ޗައިނާގެ ކޮމިއުނިކޭޝަން މިނިސްޓްރީ އާއި ކޮމާސް މިނިސްޓްރީން ބެލި އިރު ކަނޑުހުރަސްކޮށް ބްރިޖް އެޅުމުގެ ތަޖުރިބާހުރި ތިން ކުންފުޏަކަށް ބިޑް ހުށަހަޅައިން ފުރުސަތު ދިނެވެ. ސީސީސީސީ އޭގެ ތެރޭގައި ހިމެނުނެވެ.
އެހެން ނަމަވެސް ބްރިޖް މަޝްރޫއު ސީސީސީސީ އާ ހަވާލުކުރުމާއެކު ކުއްލިއަކަށް ސުވާލެއް ފެންމަތި ކުރުވައިފި އެވެ. އެއީ ސީސީސީސީ އަށް ވޯލްޑް ބެންކުން ފަންޑުކޮށްގެން ހަވާލުކުރި މަސައްކަތެއްގައި އެކުންފުނިން ހެދި މަކަރެއްގެ ސަބަބުން ޖެނުއަރީ 12، 2017 ގެ ނިޔަލަށް އެ ކުންފުންޏަށް ވޯލްޑް ބެންކުން ލޯނު ނުލިބޭ ގޮތަށް ކުންފުނި ސަސްބެންޑް ކުރި ވާހަކަ އެވެ. ސުވާލަކީ ވޯލްޑް ބޭންކުން ސީސީސީސީ ސަސްޕެންޑް ކުރުމަކީ ހުޅުލެ-މާލެ ބްރިޖަށް ކިހާ ވަރެއްގެ އަސަރެއް ކޮށްފާނެ ކަމެއްތޯ އެވެ؟ މާލެ-ހުޅުލެ ބްރިޖަކީ ޗައިނާ ސަރުކާރާއި ރާއްޖެއާ ދެމެދު އޮތް ރަސްމީ ގުޅުމުގެ ރަމްޒެއްގެ ގޮތުން، މަޝްރޫއުގެ ހަރަދުގެ ބޮޑު ބައެއް ޗައިނާ ސަރުކާރުން ދޭ ގޮތަށް އެއްބަސްވެގެން ރާއްޖޭގައި އަޅާ ބްރިޖަކަށް ވުމުން މިކަން އިތުރަށް ސާފުވާން ޖެހެ އެވެ.
މި ސުވާލުވަށް ޖާވާބު ދެއްވޭނީ މިކަމުގެ ތެރެއަށް އެންމެ ބޮޑަށް ވަދެވަޑައިގެން ހުންނެވި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށެވެ. އެމަނިކުފާނު މިއަދު ވިދާޅުވި ގޮތުގައި ސީސީސީސީ އާއި ވޯލްޑް ބޭންކާ ދެމެދު އޮތް މައްސަލައެއްގެ ސަބަބުން ޗައިނާ ސަރުކާރުން ހަރަދުކޮށްގެން ރާއްޖޭގައި އަޅާ ބްރިޖަގެ މަސައްކަތަށް އެއްވެސް ނުރައްކަލެއް ނެތެވެ. އެއީ މުޅިން އެހެން ކަމެކެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މާލެ-ހުޅުލެ ބްރިޖަށް ހޭދަކުރަނީ ވޯލްޑް ބޭންކުން ނޫނެވެ. އެކަމަށް ހަރަދު ކުރަނީ ޗައިނާ ސަރުކާރުން ކަމަށް ވާތީ ބްރިޖްގެ މަޝްރޫ ކުރިއަށް ގެންދާއިރު ކުރިމަތިވެދާނެ އެއްވެސް ހުރަހެއް ނެތެެ.
"ޕްރޮޖެކްޓަކީ ވޯލްޑް ބެންކުން ފަންޑު ކުރާ ޕްރޮޖެކްޓެއް ނޫން. ޗައިނާ ސަރުކާރުން ހަރަދު ކުރަނީ. އެހެންވީމަ ވޯލްޑް ބެންކާ އެ ކުންފުންޏާ ދެމެދު އޮތް މައްސަލައަކުން ޗައިނާ ސަރުކާރުގެ ހަރަދުގައި ރާއްޖޭގައި އަޅާ ބްރިޖަކަށް އެއްވެސް މައްސަލައެއް ދިމާ ނުވާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން. ހަގީގަތުގައި އިޝޫއެއްގެ ގޮތުގައި ނަގައިގެން މި ދެކެވޭ ވާހަކައަކީ މި މައްސަލައިގަ އަޅުގަނޑުމެން ނަގަންޖެހޭ އިޝޫ އެއް ވެސް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ފައިދާ ހުރި ކަންކަމުގައި ރައްޔިތުންގެ އެއްބާރުލުމަކީ މުހިއްމު ކަމެކެވެ. އެހެންކަމުން ގައުމީ ބޮޑެތި ކަންކަމުގައި ޒާތީ ތައައްސުބުން އެއްކިބާވެ ތިބެ ވިސްނަން ޖެހެއެވެ. ގައުމަށް ފައިދާހުރި ކަންކަމުގައި، ކަމުގެ އަސްލު މަންޒަރު ފަރުދާކުރަން ކަމުގެ ހަގީގަތް ގެއްލޭ ވާހަކަ އެއްވެސް ބަޔަކު ދެއްކުމަކީ ރައްޔިތުންގެ ހިތުގައި ޝައްކާ ވަހުމް ގިނަވެ، ކަންކަމާ މެދު އިދިކޮޅު ހިޔާލު އިތުރުވާނެ ކަމެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ސީސީސީސީ ކޮންސްޓްރަކްޝަންގެ މައްޗަށް ވޯލްޑް ބެންކުން ކޮށްފައިވާ ތުހުމަތަކީ އަކީ 2009 ވަނަ އަހަރު ފިލިޕީންސްގެ މަގުތައް މަރާމާތުކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަޝްރޫއަށް ވޯލްޑް ބޭންކުން އެ ކުންފުންޏަށް ދިން ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމުގެ މައްސަލައެކެވެ. އެކަމާ ގުޅިގެން ސީސީސީސީއާ އެކުންފުނީގެ ހުރިހާ ސަބްސިޑައިރީ ކުންފުންޏަކުން ކުރާ އެއްވެސް މަސައްކަތަކަށް އަށް އަހަރު ވަންދެން ފަންޑު ނުކުރަން އެ ބޭންކުން ނިންމި އެވެ.
ވޯލްޑް ބޭންކުން ސީސީސީސީ ސަސްބެންޑް ކުރީ 2009 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު އެވެ. ސަސްޕެންޝަނުގެ މުއްދަތު ހަމަވާނީ 12 ޖެނުއަރީ 2017 ގެ ނިޔަލަށެވެ.
ސީސީސީސީ އަކީ ދުނިޔޭގެ އެންމެ ވަރުގަދަ 500 ކުންފުނީގެ ތެރޭގައި ހިމެނޭ އެއް ކުންފުންޏެވެ. އެ ކުންފުނިން ހިންގާފައިވާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ޓޮންގް ޔަންގް ރިވާ ހައިވޭ ބްރިޖު ހިމެނެ އެވެ. އެއީ ގާތްގަނޑަކަށް 62 މީޓަރު އުސް ބްރިޖެކެވެ. އެ ބްރިޖުގެ ދިގުމިނުގައި 32 ކިލޯ މީޓަރު ހުންނާނެ އެވެ.