އެމްއެންޑީއެފް

ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލް ރޭންކަށް އަންހެން ސިފައިން

ލެފްޓިނެންޓް ކާނަލް ރޭންކަށް ފުރަތަމަ ފަހަރަށް އަންހެން ސިފައިން ޕްރޮމޯޓް ކޮށްފި އެވެ. މިއީ ސިފައިންގެ ތާރީހުގައި ވެސް މި ރޭންކަށް އަންހެން ސިފައިން ޕްރޮމޯޓް ކުރި ފުރަތަމަ ފަހަރެވެ.

ސިފައިންނަށް ޕްރޮމޯޝަން ދިނުމަށް މިއަދު އޮތް ރަސްމިއްޔާތުގައި ލެފްޓިނެންޓް ކާނަލް ރޭންކަށް ފުރަތަމަ ފަހަރަށް ޕްރޮމޯޓްކުރި އަންހެން ސިފައިނަކީ ކުރިން މޭޖާ ރޭންކުގައި ތިއްބެވި ސިފައިންނެވެ. އެއީ މޭޖާ ހައްވާ ޝެނީން އާއި މޭޖާ ޑރ. ފާތިމަތު ތަހުސީނާ އާއި މޭޖާ ޑރ. އައިމިނަތު ޝުމްރާ އެވެ. މީގެ ތެރެއިން ތަހުސީނާ އާއި ޝުމްރާ އަކީ ސިފައިންގެ ހޮސްޕިޓަލް ސެނެހިޔާގައި ބަލި މީހުން ބައްލަވާ މެޑިކަލް ދެ ޑޮކްޓަރުންނެވެ. ޝެނީންއަކީ ސިފްކޯގެ ސީއީއޯ އެވެ.

އަސްކަރިއްޔާގައި އަންހެނުންނަށް ވެސް ފުރުސަތުތައް ފަހިކޮށް ދޭން ސަރުކާރުން އިސްކަން ދެ އެވެ. އަދި ވަޒީފާގެ ފުރުސަތު ތަނަވަސް ކޮށްދިނުމުގައި ވެސް ދެ ޖިންސަށް ހަމަހަމަ ފުރުސަތު ދެއެވެ. މިވަގުތު ޑިފެންސް މިނިސްޓަރަކަށް ހުންނެވި މާރިޔާ އަހުމަދު ދީދީއަކީ ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރެވެ.

މިއަދު މަގާމުގެ ކުރިއެރުން ލިބިވަޑައިގެންނެވި ސިފައިންގެ އޮފިސަރުންނާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ ވެރިޔާ ވަނީ މިއީ ސިފައިންގެ ތާރީހުގައި އަންހެން އޮފިސަރުން މޭޖާ ރޭންކުން ލެފްޓިނެންޓް ކާނަލްގެ ރޭންކަށް ޕްރޮމޯޝަން ލިބިވަޑައިގެންނެވި ފުރަތަމަ ފަހަރުކަން ފާހަގަ ކުރައްވާފަ އެވެ. ރައީސް ވިދާޅުވީ އެއީ އަސްކަރިއްޔާގައި ވެސް އަންހެންނަށް އޮތް ހަމަ ފުރުސަތުތައް ދައްކުވައިދޭ ކަމެއް ކަމަށެވެ.


"މިއީ ދިވެހި ސިފައިންގެ ތާރީހުގައިވެސް އަދި ދިވެހި އަންހެނުންގެ އަސްކަރީ ހިދުމަތުގެ ތާރީހުގައި ވެސް މި ރޭންކަށް އަންހެން ސިފައިން ހަމަޖެހިގެންދިޔަ ފުރަތަމަ ފަހަރު. މިހާރު އެމްއެންޑީއެފްގެ ރޭންކުތަކަށް ބަލާއިރު އެންމެ މަތިން ފެށިގެން މިއީ ހަތަރު ވަނަ ރޭންކު. މިއިން އެނގެނީ ދިވެހި އަސްކަރިއްޔާ ގައިވެސް އަންހެން ބޭފުޅުންނަށް ހަމަހަމަ ފުރުސަތު އެބައޮތް ކަމާއި ސިފަވަންތަ ކަމުގެ ގޮތުންނާއި ހިންގުންތެރި ކަމުގެ ދާއިރާއިން ވެސް ގާބިލް އަންހެން ބޭފުޅުން އެބަ ތިއްބެވިކަން," ރައީސް ވިދާޅުވި އެވެ.