ހަބަރު

މުސްތޮފާ ޕީޕީއެމްގެ ޕީޖީގެ ވައިބަ ގްރޫޕުން ބޭރުކޮށްފި

Oct 26, 2015
1

ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމާ ދެކޮޅަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުސްތޮފާ ވާހަކަ ދެއްކެވުމުން ޕީޕީއެމްގެ ވައިބަ ގްރޫޕުން އޭނާ ބޭރުކޮށްލައިފި އެވެ.

ޕީޕީއެމްގެ މަޖިލީހުގެ މެންބަރަކު މިއަދު ވިދާޅުވި ގޮތުގައި މުސްތޮފާ ވައިބަ ގްރޫޕުން ބޭރު ކުރަން ޖެހުނީ ސަރުކާރު ކޯލިޝަންގެ ޕާލިމަންޓްރީ ގްރޫޕުން ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން ފާސްކޮށްފައި ވަނިކޮށް އަގުލަބިއްޔަތުގެ ނިންމުމާ ދެކޮޅަށް މުސްތޮފާ ވަރަށް ހަޑިކޮށް ވާހަކަ ދެއްކަވަން ފެއްޓެވުމުން ކަމަށެވެ. އަދި އެކަން ކުރަން ޖެހުނީ މަސްލަހަތަށް ޓަކައި ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.

ތިމަރަފުށީ ދާއިރާގެ މެންބަރު މުސްތޮފާ ފާހަގަ ކުރެއްވެނީ މިހާރު ހައްޔަރުކޮށްފައިވާ ނައިބު ރައީސް އަހުމަދު އަދީބުގެ ވަފާތެރި މެންބަރެއްގެ ގޮތުގަ އެވެ. ރައީސް އަވަހާރަކޮށްލަން ދިން ހަމަލާގައި ނައިބު ރައީސް ބައިވެރިވާ ކަމަށް ކުރެވޭ ތުހުމަތުތަކުން ނައިބު ރައީސް ދިފާއު ކުރައްވާ މުސްތޮފާ ވާހަކަދައްކަވާފައިވެ އެވެ.

މުސްތޮފާ ނޫން މެންބަރަކު ޕީޕީއެމްގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މައްސަލައިގައި ވާހަކަފުޅު ދައްކަވާފައެއް ނުވެ އެވެ. ޕީޕީއެމް ކޯލިޝަންގެ މަޖިލީހުގެ މެންބަރުން މިހާރު ފާސްކޮށްފައި ވަނީ ނައިބު ރައީސްގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ވެއްދުމަށެވެ. އަދި އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ ސޮއި ހޯދަން ވެސް މިއަދު ވަނީ ފަށައިފަ އެވެ.

އަދީބުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސް ކުރަން 57 މެންބަރުންގެ ވޯޓް ބޭނުންވެ އެވެ. އަދީބު ނައިބު ކަމާ ހަވާލުވި ފަހުން ތިން މަސްވެސް ނުވެ އެވެ.

އަދީބުގެ މައްޗަށް ރައީސް އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތު ވަނީ ވަރަށް ބޮޑަށް ކުރެވިފަ އެވެ. އަދި ޗައިނާ އިން އެނބުރި ވަޑައިގަތުމާ އެކު ނައިބު ރައީސް ވަނީ އެއާޕޯޓުން ހައްޔަރުކޮށް ދޫނިދުއަށް ގެންގޮސްފަ އެވެ. މީގެ އިތުރަށް ރައީސް އަބްދުﷲ ޔާމީން މިއަދު ގައުމާ މުހާތަބު ކުރައްވައި ވިދާޅުވީ އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް މަޖިލީހަށް ވެއްދުމަށް ނައިބު ރައީސް މަސައްކަތް ކުރެއްވި ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ އެމްޑީޕީގެ މެންބަރުންނާ ގުޅިގެން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.