ބާސެލޯނާ

ޕީއެސްޖީން އުޅެނީ ބާސާ ރޫޅައި ހަލާކު ކުރަން: ލަޕޯޓާ

ޕީއެސްޖީން މަސައްކަތް ކުރަނީ ބާސެލޯނާ ރޫޅައި ހަލާކު ކޮށްލަން ކަމަށް، ބާސެލޯނާގެ ކުރީގެ ރައީސް އަދި މިހާރުގެ ކެނޑިޑޭޓް ހުއާން ލަޕޯޓާ ތުހުމަތު ކޮށްފި އެވެ.

ލަޕޯޓާ، އެގޮތަށް ތުހުމަތު ކުރީ ޕީއެސްޖީން ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ގެންދަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެވެ. އޭނާގެ ރިޔާސަތުގައި ބާސާގެ ސީނިއާ ޓީމަށް ކުޅެން ފެށި މެސީ ގެންދަން ޕީއެސްޖީން މަސައްކަތް ކުރަމުންދާ ކަމުގެ އިޝާރާތެއް ޕީއެސްޖީގެ ސްޕޯޓިން ޑައިރެކްޓާ ލިއޮނާޑޯ އަރައުހޯ ވަނީ މިދިޔަ ހަފުތާގައި ދީފަ އެވެ.

""މެސީ ކަހަލަ މޮޅު ކުޅުންތެރިން ޕީއެސްޖީގެ ޝޯޓްލިސްޓްގައި އަބަދު ވެސް ހިމެނޭނެ." މިދިޔަ ހަފުތާގައި ފްރާންސް ފުޓްބޯޅައަށް ދިން އިން އިންޓަވިއުގައި ލިއޮނާޑޯ ބުނެފައި ވެއެވެ. އަދި އޭނާ ބުނެފައި ވަނީ މެސީގެ ހާލަތު ވަރަށް ކައިރިން ޕީއެސްޖީން ބަލަމުންދާ ކަމަށެވެ.

ސްޕެއިންގެ ޕަބްލިކް ބްރޮޑްކާސްޓާ، "ޓީވީއީ" ގައި ވާހަކަ ދައްކަމުން ލަޕޯޓާ ވިދާޅުވީ މެސީ ގެންދިއުމުގެ ވާހަކަތައް ސީޒަންގެ މެދުތެރެއިން ޕީއެސްޖީން ދައްކަމުން ގެންދަނީ އެ ކުލަބުގެ ކިބައިގައި އެވަރުގެ މާލީ ގާބިލު ކަމެއް ވެސް ނެތި ކަމަށެވެ. ޕީއެސްޖީއަށް މާލީ ގޮތުން އުނދަގޫ ހާލަތެއް ކުރިމަތި ވެފައިވާކަން މީޑިއާއަށް ތިލަ ވަމުންދާކަން ފާހަގަ ކޮށް ލަޕޯޓާ ވިދާޅުވީ ޕީއެސްޖީން ދައްކާ ވާހަކަ އަކީ އެ ޓީމަށް ކުރެވޭނެ ކަމެއްތޯ ބަލަން ޖެހޭ ކަމަށެވެ.

"އަހަރެން ނޫސްތަކުން ކިޔަމުން ދަން ޕީއެސްޖީ އޮތީ މާލީ ގޮތުން ގެއްލުމެއްގަ އޭ އަދި ހަމަ އަހަރެމެން އެބަ ކިޔަން ޕީއެސްޖީއަށް އެވަރުގެ އިންވެސްޓްމެންޓެއް ކުރިއަށް ގެންދެވިދާނެ ހެއްޔޭ ވެސް،" ލަޕޯޓާ ވިދާޅުވި އެވެ. "އަހަރެމެން އެ ކުލަބަށް އިހްތިރާމް ކުރާ ހާލު އަހަރެން އެމީހުންނަށް ދަންނަވަން ބާސެލޯނާ ރޫޅާލަން މަސައްކަތް ނުކުރާށޭ. އެ ކުލަބަށް އެއްވެސް ކަމެއް އަހަރެމެން ކުރީކީ ނޫން. މެސީ ސޮއި ކުރުވުމުގެ ވާހަކަ އެ ކުލަބުން ދައްކަނީ ސީޒަނެއްގެ މެދުތެރެއިން. އަހަންނަކަށް ހީއެއް ނުވޭ އެއީ ރަނގަޅު ކަމެއް ހެނެއް."

ބާސާއާއެކު މެސީ ހަދާފައިވާ ކޮންޓްރެކްޓް ޖޫން މަހު 30 ގެ ނިޔަލަށް ހަމަވާނެ އެވެ. މިހާރު އޭނާ ބޭނުންވާ ކުލަބަކާ ވާހަކަ ދެއްކުމުގެ ފުރުސަތު އޭނާ އަށް އެބައޮތެވެ. ބާސާއިން ޕީއެސްޖީއަށް ބަދަލުވި ނޭމާގެ ފަހުން، ޕީއެސްޖީ އާއި ބާސާ އާ ދެމެދު ބޮޑެތި ހިތްހަމަ ނުޖެހުންތަކެއް ފެންމަތި ވި އެވެ. ޕީއެސްޖީން ނޭމާ ގަތީ ދުނިޔޭގެ ރެކޯޑް ޓްރާންސްފާ ފީ ކަމަށްވާ 222 މިލިއަން ޔޫރޯ އަށެވެ.