އަމިއްލަ ފަރާތްތަކުން މަސްވެރިކަމުގެ ދާއިރާއަށް އިންވެސްޓް ކުރަން ރާވާ މަޝްރޫއުތަކަކީ، މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ކުރިއަރުވަން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި އެއްގޮތަށް ހިންގާ މަޝްރޫއުތަކެއްކަން ކަށަވަރު ކުރަން މަސްވެރިކަމުގެ މަޝްރޫއުތައް ފެށުމުގެ ކުރިން ހުއްދައެއް ނަގަންޖެހޭ ގޮތަށް ގަވައިދު އެކުލަވާލައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މަސްވެރިކަމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ "މަސްވެރިކަމުގެ މަޝްރޫއުތައް ގާއިމްކުރުމަށް ހުއްދަ ދިނުމުގެ ގަވާއިދު" ގެ ދަށުން ހުއްދައެއް ނަގަންޖެހޭ ގޮތަށް ހެދީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް އަމިއްލަ ފަރާތްތަކުން މަޝްރޫއުތައް ކުރިއަށް ގެންދާކަން ޔަގީން ކުރާށެވެ.
ހުއްދަ ނަގަންޖެހޭ މަޝްރޫއުތައް
- މަހާއި މަހުގެ އުފެއްދުންތައް އުފެއްދުމަށް ހިންގާ މަޝްރޫއުތައް
- ގޭދޮށު މަސްފެކްޓަރީ ގާއިމް ކުރުމުގެ މަޝްރޫއުތައް
- މަސްވެރިންގެ އަތުން މަސްގަނެ މަސް ފިނިކޮށް، ގަނޑުކޮށް، ރައްކާކުރާ މަޝްރޫއުތައް
- އައިސް ފޯރުކޮށްދިނުމަށް އައިސް ޕްލާންޓް ގާއިމް ކުރުން
- ފާނަކޮށި އެޅުން ނުވަތަ ކޮށިއަޅައިގެން މަސްގެންގުޅުމަށް ހިންގާ މަޝްރޫއުތައް
- އެކުއަކަލްޗާ ކުރުމާއި އެކުއަކަލްޗާއާ ގުޅުންހުރި މަޝްރޫއުތައް
- ކާބަން މޮނޮކްސައިޑް ޓްރީޓްކޮށްގެން މަހުގެ އުފެއްދުންތައް އުފެއްދުން
- އެކްސްޕޯޓް ކުރުމަށް ނުވަތަ ވިޔަފާރިއަށް ދިރޭ ކުދިމަސް ބަންދުކުރުމަށް ފެސިލިޓީ ގާއިމްކުރުން
- ކަނޑުގެ ދިރުންތައް ނުވަތަ މަސްވެރިކަމާ ގުޅޭ ދިރުންތައް އާލާކުރުމަށް ހިންގޭ މަޝްރޫއުތައް
އޭގެ އިތުރުން، މަސްވެރިކަމުގެ އުމުރާނީ ވަސީލަތްތައް ގާއިމް ކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން އެއްބާވަތެއްގެ މަޝްރޫއުތައް އެއް ސަރަހައްދަކަށް އަމާޒުވެ އަންދާޒާ ކުރި ގޮތާ ހިލާފަށް ނަފާ ނުލިބި މަޝްރޫއު ހުއްޓާލަން ޖެހުންފަދަ ހާލަތްތައް މެދުވެރިވުން ހުއްޓުވުމަކީ ވެސް މި ގަވާއިދު އެކުލަވާލުމުގެ މަގުސަދެއް ކަމަށް ފިޝަރީޒުން ބުންޏެވެ.
މަސްވެރިކަމުގެ މަޝްރޫއުއެއް ފަށަން ގަސްދުކުރާ ފަރާތްތަކުން އަމަލީ މަސައްކަތް ފެށުމުގެ ކުރިން އެ ގަވައިދުގެ ދަށުން ހުއްދަ ނަގައިގެން ފަށަން ފިޝަރީޒުން ވަނީ އެދިފަ އެވެ.