(24 ޖަނަވަރީ 2021 އާ ގުޅޭ)
"އަހަރެން ޖޮބެއް ހޯދަން ފަށައިފިން." އެކުވެރިޔާއާ ނޯޔާ ޚިއްސާކުރިއެވެ.
"ކޯޓުންތަ؟" ޔަޝާ އަވަހަށް އަހާލިއެވެ.
"މިވަގުތު އެއްވެސް ކޯޓަކުންނެތް ޖާގައެއް، އަދި ލައިސެންސް ވެސް ލިބިގެންނު ޕްރެކްޓިސް ކުރެވޭނީ، ގްރެޖުއޭޝަންއަށް ނިންމާ އަތަށް ސެޓްފިކެޓް އެރީމަ ހަމަޖެހިލެވޭނީ." ކުރިމަގާ މެދު ނޯޔާ ވަރަށް ވިސްނައެވެ.
* * * *
ހެދިކާވިއްކަން މަގުމައްޗަށް ހުޅުވާފައި ހުންނަ ކުޑަދޮރު ލެއްޕުމާއެކު ބަންދު ބޯޑު ރޫމާ ހަރުކޮށްލިއެވެ. ދުވަހަށް ނިންމާލީއެވެ. ނަމަވެސް ރޫމާގާތު ބުނެގެން ސަބީނާ މަޑުކޮށްލީ ވާހަކައެއް ދައްކަންވެފައި އޮވެގެންނެވެ.
މޭޒުމަތީ ހުރި ތަބަށްތައް މަތިމައްޗަށް އެއްކޮށްލުމަށްފަހު މޭޒުދޮށުގައި ރޫމާ ވެސް އިށީނެވެ. އެކަކުއަނެކަކާ ކުރިމަތިވާނެ ހެންނެވެ. ސަބީނާ ވާހަކަފެށީ ދެނެވެ. ދަރިފުޅު އަސްލަންއާއި ދެމެދު ހިނގި ދެބަސްވުން އެކުވެރިޔާއަށް ސަބީނާ ކިޔާދިނެވެ. އަދި އޭނާގެ ވިސްނުން ހުރި ގޮތް ހާމަކުރިއެވެ. ވާހަކަތައް އަޑުއަހަން އިން ރޫމާގެ މޫނުން ސުކުންތަކަށް ވިޔަސް މާޔޫސްކަން ފާޅުވެލިއެވެ. ރޫމާގެ ކަނާއަތް ކުރިއަށް ދަމާލައި މޭޒުމަތީ އޮތް ސަބީނާގެ ޖޯޑުކޮށްލެވިފައިވާ ދެއަތްތިލައިގެ މަތީ ބާއްވާލިއެވެ.
"ސަބީއަށް ކަމުދާ ކުއްޖެއް އެބަހުރިތަ؟" ރޫމާ އަހާލިއެވެ.
"ކާކު އެހެން މީހެއްގެ ދަރީންތަކެއް ބަލަން އަންނާނީ، ރޫމާ ކައިރީ މިވަރަށް ވެސް މިވާހަކަ މިދެއްކެނީ." ސަބީނާގެ ހާސްކަން ބޮލުގައި ނުފިލާ ހުންނަ ރިހުމެކޭ އެއްވަރެވެ.
"މިއަދު ތިގޭ ފިހާރައިން ސަލްމާގެ ރައުޝާން ދުށީން، އޭނާ ކިހިނެއް؟ ސަބީ ވެސް ހުއްޓައެއްނު ސަލްމާ އެވާހަކަދެއްކީ... ވަރިކޮށްފައި ހުރިއިރު ދަރީގެ ޚަރަދުވެސް އެ ފިރިހެންމީހާ ނުދެޔޭ ކިޔެއްނު، މިގޭ ދޮށުގައި އުޅެ އެކުއްޖާ ބޮޑުވީ، އެމީހުންގެ ކައިވެނި ޕާޓީއަށް ވެސް އަހަރެމެން ދިޔައިމެންނު... ކީކޭ ބުނަނީ؟ ރައުޝާންއަށް ވެސް ރަނގަޅު ދިރިއުޅުމެއް ލިބޭނެ އަލުން ކައިވެނި ކުރީމަ، ސަލްމާ ޤަބޫލުވެދާނެހެން ހީވޭ." ރޫމާ އަހާލިއެވެ.
"އޭނާގެ ދަރި ވެސް ވަރަށް ކުޑަ، ސަލްމާއަކީ ރަނގަޅު މީހެއް، އެކަމަކު... ރޫމާ!... އަހަރެން ކަންބޮޑުވަނީ އަސްލަންއަށް ރަނގަޅުވެފައި، އޭނާގެ ކުދީންނަށް އިހާނެތިކޮށް ކަންތައްކޮށްފާނެތީ، އަހަރެންގެ ހިތަށް ވެސް ރައުޝާންގެ ނަން އެރި، ބަލާލަން ވެސް ރީތި ކުއްޖެއް، ކައިވެނިކުރާފަހުން ވާނޭ ގޮތަކާމެދު ހިތްބިރުގަންނަނީ، މީހާގެ މޫނުގައި އޭނާގެ ގޮތް ލިޔެފައެއް ނޯވޭ ވިއްޔާ." ސަބީނާ ފުންނޭވާއެއް ލިއެވެ. އޭނާ ރޫމާގެ ޚިޔާލާ އެންމެ ގަޔާވިހެން ހިޔެއްނުވެއެވެ.
"ކޮންކަމަކާ ތިވިސްނަނީ؟" ސަބީނާގެ ހިމޭންކަން ދިގުލާން ފެށުމުން ރޫމާ އަހާލިއެވެ.
"އަހަރެމެން ހާދަ އެއްކޮށޭ އުޅުނީ... މާހިރުއާ އިނދެގެން އުމައިދާ އަހަރެމެން ގެއަށް އައިއިރު ހިޔެއްނުކުރަން އަހަރެމެންނާ ގުޅިދާނޭ، އަހަރެންނާއި އުމައިދާއަށް ވެސް ލިބުނީ ފިރިހެން ދަރީން، އަހަރެމެން ދެ މީހުން ވެސް ތިބީ ރޫމާއަށް އަންހެންކުއްޖަކު ލިބޭތޯ... ހެ ހެ ހެ..." ޒުވާން އުމުރުގެ ފޮނި ހަނދާންތަކާއެކު ސަބީނާ ހީނލިއެވެ. އެ ހުނުމުގައި ރޫމާ ބައިވެރިވެލިއެވެ.
"އަހަރެންގެ ނެހާ ބޭނުންވެގެން ސަބީ ބުނީމަ، އުމްމު ބުނި ދެވަނައަށް ވެސް އަހަރެން ވިހާނީ އަންހެންކުއްޖެކޭ، އެއީ އޭނާގެ ޅީދަރިއޭ، ކަންތައްވީ ވެސް އެހެން... ދެ އަންހެނުން މަގޭ ތިބީ." ހުނުން ބާރުވެލުމުން އަނގަމަތީ ރޫމާގެ ވައަތްތިލަ ޖައްސާލިއެވެ.
"ދަރީން ބޮޑެތިވެ އެކުދީން އަމިއްލަ ގޮތް ޚިޔާރުކުރީ... އެހެންވިޔަސް ރޫމާއަށް އެނގޭތަ! އެ ޚިޔާލު އަބަދުވެސް ކުރެވޭ، އަހަރެންގެ އަސްލަންއަށް ކުއްޖަކު ހޮވާނަމަ، ރޫމާއާއި އައްޔޫބުގެ އަންހެންދަރިއެކޭ މިގެއަށް ގެންނާނީ އަދިވެސް ހިތުގަ އޮވޭ." ސަބީނާގެ ނަޒަރު ރޫމާއާ އަމާޒުކޮށްލިއެވެ. ހިތުގައިވަނީ ކީކޭކަން ރޫމާއަށް ފަހުމްވާން ސަބީނާގެ ޟަމީރު ވެސް ބޭނުންވެފައި ވިޔެވެ.
"ސަލްމާއާ ވާހަކަދައްކާނެތަ؟" އެއްޗެއް ނުބުނެ އިރުކޮޅަކު އިނދެފައި ރޫމާ އަހާލިއެވެ. މޭޒު ދޮށުން އޭނާ ތެދުވިގޮތުން ހީވަނީ ސަބީނާއާ ނަޒަރު ސީދާކޮށްލަން އުނދަގޫވެގެން އުޅޭ ހެންނެވެ.
"އަދިއެއްނޫން... ދާންވީ ދޯ، ހިނގާ... މިހެން ތިބެންޏާ އަނގަތަޅަން ތިބެވިދާނެ."
ސަބީނާ ވެސް މޭޒުދޮށުން ތެދުވީއެވެ. ރޫމާއަށް ބަދަލެއް އަތުވެއްޖެކަން ސަބީނާއަށް ފާހަގަވީ ދެނެވެ. ރޫމާއާ ދައްކަން ބޭނުންވެފައި ހުރި ވާހަކަ ސަބީނާ ފެށީ ދުރުން ނަމަވެސް އެހިތުގެ އެދުން ރޫމާގެ ކަންފަތަށް އިވިއްޖެއޭ އޭނާ ހީކުރިއެވެ. ހަމައެއާއެކު ހިތަށް ހަމަޖެހުމުގެ ބަދަލުގައި ލިބުނީ އިތުރު ނުތަވަނަސްކަމެކެވެ. މަޑުނުކޮށް އެތަނުން އަވަހަށްދާން ސަބީނާ ގަސްދުކުރީ އެހެންވެއެވެ. މިދެއްކުނު ވާހަކައިން އެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމަށް ވާނެ ގޮތަކާއި މެދު ވެސް ސަބީނާގެ ހިތްބިރުގަތެވެ.
"ކަންބޮޑުވުމުގެ ތެރެއިން އެވާހަކަދެއްކުނީ... ރޫމާ ހީކުރާނީ." ރޫމާމެން ގޭ ދޮރޯށިން ނުކުތްއިރު ސަބީނާގެ ހިތުގައި ވިއެވެ.
ސަބީނާ ނުކުތުމުން ރޫމާގެ ހަރަކާތްތައް ހުއްޓުނެވެ. އެކުވެރިޔާ ނުކުމެގެން ދިޔަ ދޮރާ ދިމާއަށް ބަލަން ހުރިއިރު ރޫމާގެ މޫނުގައި އެއްވެސް އަސަރެއް ނެތެވެ. މަޑުމަޑުން އައިސް މޭޒުދޮށުގައި އޭނާ އިށީނެވެ. އައްޔޫބު ގެއަށް އައީ އެއިން ގޮތަށް ރޫމާ އިންދައެވެ. ސިޑިން އަރައިގެން ދިއުމުގެ ކުރީން ހެދިކާ ވިއްކާ ބައިގެ ދޮރު ހުޅުވާފައި ހުރުމުން އެ ތަނަށް އައްޔޫބު ބޯދިނީއެވެ.
"ނުނިމޭ..." އައްޔޫބު އަހާލިއެވެ. އެއާއެކު ރޫމާ ތެދުވީއެވެ. މޭޒުމަތީ މަތިމައްޗަށް ހުރި ތަބަށްތައް ހިފައިގެން އޭނާ ވެސް އައީ ނުކުންނާށެވެ.
"ރެހިކޮޅެއް ހިފައިގެން މިއައީ، ތެއްލާލަންކަމަށް، ނޯޔާ ކާހިތުން އުޅޭވަރުން." ސިޑިން އަރަން އައި އައްޔޫބު ބުންޏެވެ. ރޫމާ ބަދަލުކޮށްލީ ލުއި ހިނިތުންވުމެކެވެ. އެހިނދުން އައްޔޫބުގެ ބޮލުގައި ރިއްސާލައިފިއެވެ. އަނބިމީހާއަށް ބަދަލެއް އަތުވެއްޖެކަމެވެ.
"ސަބީ ދިޔައީތަ؟" އައްޔޫބު އައިއިރު ރޫމާ އިނީ އެކަނިކަން އެނގޭތީ އަހާލިއެވެ. އަނބިމީހާއަށް މިއައީ ކޮންބަދަލެއްތޯ ހޯދުމުގެ ނިޔަތުގައެވެ. އޭނާއަށްވުރެ ގިނަ ވަގުތު ރޫމާ އުޅޭނީ ސަބީނާއާއެކުގައެވެ.
"ދިޔަތަނާ ތިއައީ." ރޫމާ ބުންޏެވެ.
* * * * *
ސިޓިންރޫމުގައި ހުރި ސޯފާތަކުގައި އަސްލަންއާއެކު ލޫނާއާއި ހުސެން ތިއްބެވެ. ލޫނާ އިނީ އަނުމް އުރާ ލައިގެންނެވެ. ތިން މީހުންގެ މެދުގައި ވެސް އާންމުކޮށް ދެކެވުނީ އޮފީހުގެ ވާހަކައެވެ.
"މަންމައަކަށް ވާންވާއިރަށް ޕްރެކްޓިސްތަ؟ ވަރަށް ގުޅޭ އިނގޭ." ޒާތެއްގެ ހިންޏެއް އައިސްފަ އިނދެ ހުސެން ބުންޏެވެ.
"އަސްލުތަ؟ ތެދެއް އަސްލަން؟" ލޫނާ ބަލާލީ އަސްލަންއަށެވެ.
"އެބުނީނު." ހިނިތުންވުމަކާއެކު އަސްލަން ބުންޏެވެ.
"އަސްލަން، ދަނީ އިނގޭ..." އަތުކުރީ އޮތް ގަޑިއަށް ބަލާލާފައި ހުސެން ބުންޏެވެ.
އެޕާޓްމެންޓުގެ ދޮރުކައިރިއަށް ހުސެންއާއެކު އަސްލަން ވެސް އަޔެވެ. ހުސެން އައީތީ ޝުކުރު އަދާކޮށް އަސްލަން ސަލާމް ކޮށްލިއެވެ. ދެއަތްތިލަ ވަކިވުމުގެ ކުރީން ހުސެން ހިފަހައްޓާލައި އަސްލަންއާ ގާތަށް ޖެހިލިއެވެ. ލޫނާއާ ގުޅުވާ އެއްޗެކޭ ބުނެލީ ސިއްރުންނެވެ. އަސްލަން ހަމައެކަނި ހިނިތުންވެލީއެވެ. ހުސެން ހިނގައިގަންނަންދެން ހުރެފައި އެނބުރި އެޕާޓްމެންޓަށް އަސްލަން ވަދެއްޖެއެވެ. ސޯފާގައިން އިން ލޫނާއަށް އަސްލަންގެ ނަޒަރު ހުއްޓިފައިވިއެވެ. ހުސެން ބުނިހެން ލޫނާ އަވަހަކަށް ނުދާނޭ އަސްލަންއަށް ވެސް ހީވިއެވެ.
"ހުސެން ދިޔައިރު ލޫން ކީއްވެ ނުދިޔައީ، އޭނާ ޑްރޮޕްކޮށްލަ ދޭނެ." އަސްލަން އައިސް ސޯފާގައި އިށީންނަމުން ބުންޏެވެ.
"އަސްލަން އިންވައިޓެއް ނުކުރާނެ، އަހަރެން އައީމަ ވެސް ތިއުޅެނީ އަވަހަށް ނުގޮސްގެން." ލޫނާ ބުންޏެވެ.
"އޮފީސް ނިންމާފަ އައިގޮތަށް ތިއިނީ، ވަރުބަލިވެސް ވާނެއެއްނު، މަންމަ ވެސް ހޯދާނެއެއްނު." އަސްލަންގެ އަޑުގައި ހުރީ މަޑުމައިތިރި ކަމެވެ.
"އަހަރެން މީ ކުޑަކުއްޖެއްތަ މަންމަ ހޯދަން، އަސްލަން ކައިރިއަށް އަންނަކަން މަންމަ ކައިރީ ބުނިން، ވަރުބަލިވާވަރު ކަމެއް އަދި ނުކުރެވެއެއްނު، މިގެއަށް ވަންގޮތަށް މި ސޯފާގައި މިއިންނަނީ." ލޫނާ ރައްދުދިނީ ނިކަން އަވަހަށެވެ. އަސްލަން އިތުރު ވާހަކައެއް ނުދެއްކިއެވެ.
"އަސްލަން..." ހިނދުކޮޅަކަށް ވެރިވި ހިމޭންކަން ލޫނާ ނަގާލިއެވެ. ނަމަވެސް އޭނާ ބުނަން ގަސްދުކުރި ވާހަކަތަކައިގެން ކުރިއަކަށް ނުދެވުނެވެ. އެބަޔަށް ވަދެވެން ހުރި ދޮރު ހުޅުވުނީއެވެ. ވަނީ ސަބީނާއެވެ. ލޫނާއަކީ އޭނާއަށް އާ މޫނެއްނޫނެވެ. އަސްލަންއާ އެއްއޮފީހެއްގައި ލޫން މަސައްކަތް ކުރާކަން ފިޔަވައި އިތުރު މަޢުލޫމާތެއް ސަބީނާއަކަށް ވެސް ނޭނގެއެވެ. އަނުމް އުރާލައިގެން ލޫން އިންތަން ފެނި އެ މަންޒަރަށް ފަރުވާތެރިކަމާއެކު ސަބީނާއަށް ބަލާލެވުނެވެ.
"އަސްލަން މަންމާ." ލޫނާ ގޮވާލީ ހިނިތުންވުމަކާއެކުއެވެ.
ސަބީނާ އައީ ހަމައެކަނި އަސްލަން ކޮބާތޯ ބަލާލާށެވެ. ނަމަވެސް ލޫން ފެނުމުން އޭނާއާ ވާހަކަދައްކާލަން މަޑުކޮށްލިއެވެ. މަންމަގެ ވާހަކަތަކުން އަސްލަންއަށް އުނދަގޫވިއެވެ. ވާހަކައިގެ ކުރިފަޅަމުން ގޮސް ކައިވެނީގެ މައުޟޫޢު ވެސް ސަބީނާ ފެށީއެވެ. ލޫނާ ގާތު އަސްލަންއަށް ވިސްނައިދޭން ސަބީނާ ބުންޏެވެ. އެވާހަކަތަކާ ލޫނާ އިނީ ގަޔާވެފައެވެ. މަންމަ ގާތު ހުއްޓާލާށޭ ބުނަން އަސްލަން އިނީ ނުހަނު ބޭނުންވެފައެވެ. ބަންގި ގޮވީ އެވަގުތެވެ. ސަބީނާގެ ފޫ ސޯފާއިން ހިއްލާލީ ދެނެވެ. ވާހަކަ ދިގުވެއްޖޭ އަމިއްލައަށް ބުނެލިއެވެ.
"ރުޅި އައީތަ؟ މަންމަ އެ ދެއްކީ ރަނގަޅު ވާހަކައެއްނު." ސަބީނާ ނުކުތުމާއެކު ލޫނާ ވާހަކަދެއްކިއެވެ.
"ލޫނާ އިންނަނީތަ؟ އަހަރެން މިސްކިތަށް ދާންވެގެން..." ލޫނާ ދެއްކި ވާހަކައަށް އިޖާބަނުދީ އަސްލަން ބުންޏެވެ.
"އަނުމް ކައިރީ އަހަރެން އިނދެފާނަން." ލޫނާ ބުންޏެވެ.
"އަނުމް ގެންދަން އަސްލު މަންމަ އެއައީ... ލޫން ވެސް ނަމާދަށް އަރާނެއެއްނު." އަސްލަން ހުރީ ލޫން ފޮނުވާލަން ބޭނުންވެފައެވެ.
"އެކަމަކު އަސްލަން މަންމަ އެ ދިޔައީ މިރޭ ކާން ބުނެފަ." ލޫނާ ބަހަނާ އިތުރުކުރިއެވެ.
ގިނަ ވާހަކަތަކެއް ދެއްކުން އަސްލަންއަށް އުނދަގޫވިއެވެ. އޭނާ ލޫންގެ އަތުން އަނުމް ނެގިއެވެ. އެކުއްޖާއަށް ކާންދޭ ގަޑި ޖެހެނީކަމުގައި ބުންޏެވެ. މަންމަކަން ކާންދޭނީ އަސްލަން ބުނެ ހިނގައިގަތީމަ ވެސް ލޫން ނުތެދުވިއެވެ. އަސްލަން ވަރަށް ހައިރާންވިއެވެ.
"އަހަރެން ވެސް ނުހުންނާނެ." އަސްލަން މިސްކިތައްކަން ދާން އުޅެނީ ވިސްނޭނެހެން ތަކުރާރުކޮށްލިއެވެ.
"އަހަރެން ކައިގެން މިގެއިން މަދުވާނެތީ އަސްލަން އަހަރެން ފޮނުވާލީއޭ މަންމަ ކައިރީ ބުނާނަން" ތުންކޮޅު ހަދާލަމުން ލޫނާ ތެދުވެގެން އައެވެ.
"ސޮރީ." އަސްލަން ބުނެލީ އާދައިގެ ގޮތަކަށެވެ. އޭނާއަށް ލޫނާގެ މޫނަށް އަރާ ފައިބާ ހުރިހާ ކުލައެއް ފެނެއެވެ. އެ މޫނަށް ޖައްސާ ވައްތަރުތަކެވެ. ހައިރާންކަމެއްގައި އަސްލަން ހުރީ ކުރިން ލޫންގެ ފަރާތުން އެކަހަލަ އެއްވެސް ސިފައެއް ފާހަގަކުރެވިފައި ނެތީމައެވެ. ލޫނާއަކީ ކުރިން ވެސް އޭނާގެ އެޕާޓްމެންޓަށް އައިސް އުޅޭ ރައްޓެއްސެކެވެ.
"މާދަން ގުޅާނަން." ލިފްޓު ހުޅުވުމާއެކު ލޫނާ ބުނެލިއެވެ. މާނަވީ ބެލުމަކުން އަސްލަންއަށް ބަލާލާފައި ލޫނާ ނުކުތީއެވެ. ލިފްޓުގެ ދޮރު ލައްޕަން ފިތްބަރީގައި ހުރި ފިތަށް އަސްލަން އޮބާލީ ނިކަން އަވަހަށެވެ. އަލުން ލޫނީ އަތުވެދާނޭތީ ކަހަލައެވެ.
މަންމަގެ ބަޔަށް ވަންއިރު ސަބީނާ ނަމާދަށް އަރަން ތައްޔާރުވަނީއެވެ. ދެފަރާތުން ސާރާއާއި މަލްސާ ތިއްބެވެ. ރިދާންގެ ކޮޓަރިއަށް ބަލާލާފައި އަޅާނުލީ އޭނާ ވާނީ މިސްކިތުގައިކަން އެނގޭތީއެވެ. އެނބުރި އަސްލަން އުޅޭ ބަޔަށް އައީއެވެ. މިސްކިތަށް ދިއުމުގެ ޚިޔާލު ދޫކޮށްލައި ދަރިފުޅުގެ ސަބަބުންނެވެ.
* * * * *
ހުރިހާ ކުދީންގެ ގާތަށް ގޮސްފައި އައިސް ވުޟޫކޮށްގެން ނިދަން އައްޔޫބު އޮށޯތެވެ. އެއީ އޭނާގެ އާދައެވެ. ހަމައަނެއްކޮޅުން ތަހައްޖުދު ނަމާދަށް އޭނާ ހޭލާ ގޮތަށް ޖައްސާލާނީ މެންދުރާ ކައިރިކޮށްފައެވެ. ފުންނޭވާއެއް ދޫކޮށްލާފައި ގާތުގައި އޮތް ރޫމާއަށް އައްޔޫބު ބަލާލިއެވެ. ކުރުއަތް މައްޗަށް ތެދުވެލާ އަނބިމީހާގެ ބޮލުގައި ފިރުމާލިއެވެ.
"ރަނގަޅުތަ ހުރިހާކަމެއް؟" އައްޔޫބު އަހާލިއެވެ. ރޫމާ ލައްވާލީ ހޫން އެކެވެ.
"ރޫމާ، ހަމަ ރަނގަޅުތަ؟" އިރުކޮޅެއް ފަހުން އަނެއްކާ ވެސް އައްޔޫބު އެއްސެވެ. ފިރިމީހާއާ ކުރިމަތިވާނޭހެން ރޫމާ އެނބުރިލީ ދެނެވެ. މަޑުމަޑުން ދެއަތަކަށް ބޯހޫރާލީ އައްޔޫބަށް ބަލަން އޮވެއެވެ.
"ކިޔާދީބަލަ." އައްޔޫބު އެދުނެވެ. ރޫމާގެ ނިތަށް ރޫގިނަވެލިއިރު އޭނާގެ ތިރީތުންފަތުގައި ދަތްއަޅާލިއެވެ. އައްޔޫބުގެ ހިތްއަވަސްވިއެވެ. ރޫމާއަށް އެވާހަކައެއް ދައްކަން އުނދަގޫވެގެންކަން އެ އުޅެނީ އައްޔޫބަށް ވިސްނުނެވެ.
"ސަބީ... ވަރަށް އެހެން ކަހަލަ ވާހަކައެއް ދައްކައިފި." ރޫމާ ބުންޏެވެ.
"ކީކޭ ކީ؟"
ސަބީނާގެ ވާހަކަ ހުރިގޮތް ފިރިމީހާއަށް ރޫމާ އޮޅުންފިލުވައިދިނެވެ. އަދި އެވާހަކަތައް ރޫމާއަށް ވިސްނި މާނަކުރެވުނު ގޮތް ވެސް ބުންޏެވެ. އޭގެ ފަހުން ހިތަށް އުނދަގޫވެފައި ހުންނަކަން ރޫމާ ފާހަގަކުރިއެވެ.
"އެ ޚިޔާލާމެދު ރޫމާ ނުރުހުނީތަ؟" އައްޔޫބަށް އެ ސުވާލުގެ ޖަވާބު ވަރަށް މުހިންމެވެ.
"އެހެނެއްނޫން، އެކަމަކު އެއްބަހެއްވެސް ނުވެވުނު... އެއްވެސް އެއްޗެއް އަހަރެން ނުބުނަން، ސަބީއަށް ވެސް ގޮތެއްހެން ހީވީކަން އެނގޭ، އޭނާ އަވަހަށް ހިނގައްޖެ." ރޫމާ ބުނެލިއެވެ. އައްޔޫބު ވަކި އެއްޗެއް ނުބުނެ ރޫމާއަށް ބަލަން އޮތީއެވެ. ރޫމާ ނިތްހިއްލާލީ އައްޔޫބު އެއްޗެކޭ ބުނުމަށް ކޮށްލި އިޝާރާތެއްގެ ގޮތުންނެވެ.
"ކީއްވެ އެއްޗެއް ނުބުނީ." މަޑުނުކޮށް ރޫމާ ސުވާލުކުރިއެވެ.
"ރޫމާ ކަންބޮޑުވާވަރު ވާހަކައެއް ބުނެވިދާނެތީ." އައްޔޫބު ބުންޏެވެ.
"އެހެންވިޔަސް ބުނެބަލަ." ރޫމާ އެދުނެވެ.
ސަބީނާ ފާޅުކޮށް ބުނުމުގެ ކުރީން ވެސް އައްޔޫބަށް އެ ޚިޔާލު ކުރެވެން ފަށައިފާކަން އޮތީ ހާމަކުރިއެވެ. ދަރީން އަމިއްލައަށް ހަޔާތުގެ ބައިވެރިޔަކު ޚިޔާރު ނުކުރި ނަމަ މިއަދު އެކަން ނިންމަން ތިބޭނެ ބަޔަކީ މައިންބަފައިންކަން އައްޔޫބު ބުންޏެވެ. އެހެންވެއްޖެނަމަ މިއަދު ނެހާ ވާނީ އަސްލަންގެ އަނތްބަކަށެވެ. އަދި އެމީހުން ހަގު ދަރިފުޅު ނޯޔާ ވާނީ ރިދާންގެ އަނތްބަކަށެވެ. އެއީ އެމީހުންގެ މެދުގައި ރޭވި އެއްބަސްވެގެން ކުރެވުނު ވަޢުދެކެވެ. ނަމަވެސް ފާއިތުވަމުން އައި ވަގުތު ޒަމާނާ އެކުވެ ދަރީން ބޮޑެތިވިއިރު ހަޔާތުގެ ބައިވެރިއަކު ހޮވުމަކީ މައިންބަފައިންގެ ލަފާގެ މައްޗަށް އޮންނަ ކަމަކަށް ނުވިއެވެ. އެ މިނިވަންކަމުގެ އިޚްތިޔާރަކީ ދަރީންނަށް ލިބެން ޖެހޭ ހައްޤަކަށް އޮތީ ވެފައެވެ. ފުރަތަމަ އެ ނިންމުން ނިންމީ ވެސް ސަބީނާގެ އަސްލަންއެވެ.
"ރިދާންއާއި ނޯޔާނަމަ އާނއެކޭ ބުނެވޭނެ." އައްޔޫބުގެ ވާހަކަ އަޑުއަހަން އޮވެފައި ރޫމާ ބުންޏެވެ.
"ރޫމާ ބުނަން ތިއުޅެނީ ކީކޭކަން އަހަރެންނަށް ވިސްނޭ." ހުރިހާ ވާހަކައެއް އަޑުއަހަން ރޫމާގެ ހިތަށް ކުޅަދާނަ ނުވެދާނޭ ހީވެ އައްޔޫބު ހިފާލީ އަނބިމީހާގެ އަތުގައެވެ.
"ބޮޑުވެފައި ހުއްޓަސް ދިރިއުޅުމަކީ ކޮބައިކަން އަހަރެމެންގެ ނޯޔާއަކަށް ނޭނގޭނެ، ނެހާ މީހަކާ އިނދެ ދަރިއަކު ލިބުނުއިރު އަދިވެސް އެކުއްޖާ އަހަރެންނަށް ބޭނުންވޭ... ނޯޔާ ހާދަ ކުޑައޭ." ނޯޔާގެ އުމުރަށްވުރެ ރޫމާގެ ހިތަށް އެ ދަރިފުޅު ސިފަގޮތް ތަފާތެވެ. އެއީ އޭނާގެ ކުޑަދަރިފުޅެވެ. އެތައް ހުވަފެންތަކެއްގެ އެ ދަރިފުޅުގެ ލޮލުން އޭނާ ދުށްޓެވެ.
"ނިދާލެވޭތޯ އުޅެމާ." ރޫމާއަށް ކޮށްފައިވާ އަސަރު ވިސްނި އައްޔޫބު ގަސްދުކުރީ މިވަގުތަށް މައުޟޫޢު ކުރިއަށް ނުގެންދިއުމަށެވެ.
* * * * *
ހަތަރުފާރުގެ ތެރޭ ހަރުލާފައި ހުރީ މަޑުމަޑު ރުއިމެއްގެ އަޑެވެ. އެނދުކައިރީ ތަޅުމުގައި އޮތް މުސައްލަ މަތީ ސަބިނާ އިނެވެ. ދެއަތް އުފުލައިގެންނެވެ. ދަމުނަމާދުން ފޭބިއްސުރެ އޭނާގެ ދެއަތް ތިރިކޮށްނުލައެވެ. ދެއަތުގައި އުފެދިފައިވާ މަޑުތުރުތުރުން އެ ދެއަތް ވާޅުވެފައިވާކަން ގައިމެވެ. ރޫމާގެ ގާތުގައި ދެއްކުނުވާހަކައާ މެދު އޭނާ އިނީ ދެރަވެފައެވެ. އޭނާގެ ހިތަށް ވަން އެ ޚިޔާލުގެ ހަގީގަތް މޮޅަށް ދެނެވޮޑިގެންވަނީ ﷲއެވެ. އެކަމުގައި ހެވެއްވާނަމަ އެކަން ހިއްމަވައިދެއްވުމަށް ސަބީނާ ދުޢާކުރިއެވެ. ބަސްބުނާ ހިނދު، އެކުރި ދުޢާ އިޖާބަކުރެއްވުމަށް ﷲ ކުޅަދުންވަންތައެވެ. އޭނާއަށް ލިބޭ ހިތްދަތިކަން މޮޅަށް ދެނެވޮޑިގެންވަނީ ވެސް އެ އިލާހެވެ. އަޅުންނަށް އޮތީ ކެތްތެރިކަމާއެކު ދެންނެވުމެވެ.
ހެނދުނުގެ ސައިތައްޔާރު ކުރަން ބަދިގޭގައި ސަބީނާ އުޅުންއިރު ވެސް ހުރެވުނީ ފިކުރުބޮޑުވެފައެވެ. ރޫމާއާ މޫނުކެނޑެން ސަބީނާ ދުވަހަކުވެސް ނޭދެއެވެ. ރޫމާއާ އިތުރަށް ވާހަކަދައްކަން ސަބީނާ ނިންމީ އެހެންވެއެވެ. ހެޔޮ ނިޔަތުގައި ފާޅުކޮށްލެވުނު ޚިޔާލެއްކަމާއި އެކަން އެހެންވާން ނުޖެހޭކަން ރޫމާއަށް ވިސްނައިދޭން ސަބީނާ ބޭނުމެވެ.
"މަންމާ..." ކޮޓަރިން ނުކުތް ރިދާންގެ އަޑުގައިވީ ހާސްކަމެވެ. ފުއްމޮޑެން ހުރެ ސަބީނާ ބަލާލިއެވެ.
"އައްޔޫބުބެ ހޮސްޕިޓަލަށް ގެންގޮސްފި... ނެހާ ގުޅާފަ ދެންމެ އެބުނީ." ރިދާން އައިސް ކާމޭޒުކައިރީ މަޑުކޮށްލިއެވެ.
"ކިހިނެއްވީ؟" ސަބީނާއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. (ނުނިމޭ)