ހަބަރު

ސޭފާ އިންޓަނެޓް ދުވަހާއި ގުޅުވައިގެން ކުރެހުމުގެ މުބާރާތެއް

Jan 26, 2021

ސޭފާ އިންޓަނެޓް ދުވަހާއި ގުޅުވައިގެން ކުރެހުމުގެ މުބާރާތެއް ބޭއްވުމަށް ނިންމާ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޯލޮޖީއިން ބުނީ ސޭފާ އިންޓަނެޓް ދުވަހާއި ގުޅުވައިގެން ކުޑަކުދިންނަށް ހާއްސަ ކުރެހުމުގެ މުބާރާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އިންޓަނެޓްގެ ރައްކާތެރި ކަމަށް ހޭލުންތެރި ކުރުމުގެ މަގުސަދުގައި ބާއްވާ މި މުބާރާތަކީ ކުރެހުމުގެ ޒަރިއްޔާއިން ރައްކާތެރި އިންޓަނެޓްގެ މުހިންމު ކަން ބުނެދިނުމުގެ ބޭނުމުގައި ބާއްވާ މުބާރާތެކެވެ.

މުބާރާތުގައި ބައިވެރިވެވޭނީ ތިން އުމުރާ ފުރައެއްގެ ކުދިންނަށެވެ. އެއީ ހަތް އަހަރުން ދަށް، ހަތް އަހަރާއި 11 އަހަރާ ދެމެދު އަދި 12 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށެވެ. މުބާރާތުގައި ބައިވެރިވުމަށް އެ ކުއްޖެއްގެ ކުރެހުން ފޮޓޯ ނެގުމަށްފަހު ސައިންސް މިނިސްޓްރީން ހާއްސަކޮށްފައިވާ އޮންލައިން ފޯމަށް ގޫގުލް އެކައުންޓު މެދުވެރިކޮށް ލޮގިން ވުމަށްފަހު އޭގައިވާ ސުވާލުތައް ފުރިހަމަކޮށް ކުރެހުން އަޕްލޯޑް ކުރާނީއެވެ.

މުބާރާތުގެ ސުންގަޑިއަކީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ހަވީރު 4:00 އެވެ. ކޮންމެ އުމުރުފުރާއަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވާނެއެވެ. މުބާރާތުން ވަނަ ހޯދާ ދަރިވަރުންގެ ނަންތައް ފެބްރުއަރީ ނުވަވަނަ ދުވަހުގެ ރޭ ބާއްވާ ސޭފާ އިންޓަނެޓް ދުވަހުގެ ޖަލްސާގައި އިއުލާނު ކުރާނެ އެވެ.

ސޭފާ އިންޓަނެޓް ދުވަސް ފާހަގަ ކުރުމަށް ސައިންސް މިނިސްޓްރީން ގިނަ ހަރަކާތްތަކެއް ހިންގާނެ އެވެ. ފެބްރުއަރީ ނުވަވަނަ ދުވަހު ރާއްޖޭގެ ހުރިހާ ސުކޫލެއްގައި އެސެމްބްލީގައި ދަރިވަރުން ހޭލުންތެރި ކުރުމަށް މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.