ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުގައި މާލެ ސިޓީގައި އަލުން ކާފިއު ހިންގަން ނިންމައިފި އެވެ.
އެޗްޕީއޭއިން ދެންމެ ބުނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިރޭ ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ މިރެއިން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 12 އިން ފެށިގެން ފަތިހު ހަތަރަކަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަަށް ނިކުމެ އުޅުން މަނާކޮށްފައިވާ ކަމަށެވެ.
ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މީގެ ކުރިންވެސް ދިގު މުއްދަތަކަށް މާލެ ސިޓީގައި ކާފިއު ހިންގާފައިވެއެވެ. ރާއްޖެއިން ފުރަތަމަ ކޮވިޑް ކޭހެއް ފެނުނީ މާޗް މަހުގެ ހަތްވަނަ ދުވަހުއެވެ. މާލެއިން ފުރަތަމަ ކޮވިޑް ކޭހެއް ފެނިފައިވަނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން މާލޭގައި އެކި ވަގުތު ކާފިއު ހިންގަން ފެށިއެވެ. ނަމަވެސް ކޮވިޑްގެ ކޭސްތައް މަދުވާން ފެށުމުން ލުއިދޭން ފެށިއެވެ. އަލުން މާލޭގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރީ ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފެށުމުންނެވެ. ކާފިއު މުޅީން އުވާލީ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހުގެ ރެއެވެ.
މާލެ ސިޓީގައި އަލުން ކާފިއު ހިންގަން ފަށާފައި މިވަނީ މި ފަހުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވަމުންދާތީ އެވެ. މިދިޔަ 24 ގަޑިއިރުތެރޭ 145 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. އިއްޔެ 109 މީހަކު އަދި އޭގެ ކުރީ ދުވަހު 108 މީހަކަށް ބަލި ޖެހިފައިވެއެވެ. މި މަހު އެކަނިވެސް 1،500 ވުރެ ގިނަ މީހުން ބަލި ޖެހިފައިވެއެވެ.
މި މުއްދަތުގައި ތިން މީހަކު މި ބަލީގައި މަރުވެއްޖެ އެވެ. އެއީ ޖަނަވަރީ ހަތްވަނަ ދުވަހު މި ބަލީގައި މަރުވި 60 އަހަރުގެ ދިވެހި ފިރިހެނަކާއި 21 ވަނަ ދުވަހު މަރުވި 77 އަހަރުގެ ދިވެހި ފިރިހެނަކާއި އިއްޔެ މަރުވި 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިދިޔަ ނުވަ މަސްތެރޭ 51 މީހަކު ކޮވިޑް ޖެހިގެން މަަރުވެއްޖެ އެވެ. އެއީ 43 ދިވެހިންނާއި 8 ބިދޭސީންނެވެ.
މިވަގުތުވެސް ތިން ރަށެއް އެޗްޕީއޭގެ މޮނިޓަރިންގައި އެބައޮތެވެ. އެއީ ގއ. ދެއްވަދޫ އާއި އއ. ތޮއްޑޫ އަދި މ. ކޮޅުފުއްޓެވެ. ދެއްވަދޫ ކްލަސްޓާއާ ގުޅުންހުރި 83 މީހަކު ޕޮޒިޓިވްވެފައިވާއިރު ކޮޅުފުށިން މިހާތަނަށް 10 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އަދި ތޮއްޑޫއިން އިއްޔެ މާލެ އައި އެރަށުގެ ޕްރީ ސްކޫލް ޓީޗަރަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.