ހަބަރު

"ޕީނަލް ކޯޑާގުޅިގެން ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް އަންނަ ދައުރުގައި ހުށަހަޅާނަން"

Jan 12, 2015

ގާނޫނުލް އުގޫބާތު އައުމާ ގުޅިގެން އެހެން ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރު ފެށުމާ އެކު ހުށަހެޅޭނެ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް މިއަދު ވިދާޅުވެއްޖެ އެވެ.

ގާނޫނު ތަންފީޒު ކުރާ ފަރާތްތައް ގާނޫނުލް އުގޫބާތަށް އަހުލުވެރި ކުރުވަން ހިންގި ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަނިލް ވިދާޅުވީ އަންނަ އޭޕްރީލް މަހު އަމަލުކުރަން ފަށާ އެ ގާނޫނުލް އުގޫބާތާއި އެހެން ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އަންނަ މާޗް މަހު މަޖިލިސް ފެށުމާ އެކު އެ އިސްލާހުތައް ހުށަހެޅޭނެ ކަމަށް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އާ މަޖިލިސް ހުޅުވުމާ އެކު އެ ބިލްތައް ހުށަހެޅޭނެ، އެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ." އަނިލް ވިދާޅުވި އެވެ.

އަނިލް ވިދާޅުވި ގޮތުގައި ގާނޫނަކަށް ބަޔަކު އަހުލުވެރި ކުރުވަން މިހާތަނަށް ނުކުރެވޭހާ ގިނަ މަސައްކަތް ގާނޫނުލް އުގޫބާތަށް އަހުލުވެރި ކުރުވަން މިހާތަނަށް ވަނީ ކުރެވިފަ އެވެ. އެގޮތުން ޕްރޮސެކިއުޓަރުންނާއި ދިފާއީ ވަކީލުންނާއި ތަހުގީގު ކުރާ ފަރާތްތަކާއި ޝަރުއީ ދާއިރާގެ ބޭފުޅުންގެ އިތުރުން ނޫސްވެރިންނަށް ވެސް ޕްރޮގްރާމްތަކެއް ހިންގާފައިވާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އަނިލް ވިދާޅުވި ގޮތުގައި ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފެށުމާ އެކު ދިމާވާނެ ގިނަ ގޮންޖެހުންތަކެއް ހުންނާނެ އެވެ. އެގޮތުން ކަމާބެހޭ އިދާރާތަކުން ނިޒާމުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އުސޫލުތައް އިސްލާހު ކުރުން ފަދަ ކަންތައްތައް ކުރަންޖެހޭނެ ކަމަށް ވިދާޅުވި އެވެ. އަދި އެއަށް އަމަލުކުރަން ފެށުމާ އެކު އެ މަސައްކަތްތައް ވެސް ކުރަމުން ގެންދާނެ ކަމަށް އަނިލް ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެން ކުރަމުން މިދަނީ އެއަށް އަމަލުކުރަން ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް، ހަމައެގޮތަށް އެއަށް އަމަލުކުރަން ފެށުމަށް ފަހު ކުރަންޖެހޭ މަސައްކަތްތަކަށް ވެސް އަޅުގަނޑުމެން ދާނީ ތައްޔާރުވަމުން، ކަމާބެހޭ މުއައްސަސާތަކާ އެކީ ގައި އެ މަސައްކަތްތައް ކުރަމުން ގެންދާނަން." އަނިލް ވިދާޅުވި އެވެ.

ގިނަ ދުވަސްތަކެއް މަސައްކަތުން އެކުލަވާލި ގާނޫނުލް އުގޫބާތަށް ކަމާބެހޭ ފަރާތްތައް އަހުލުވެރި ކުރުވުމުގެ މަސައްކަތް މިހާރު ކުރަމުންދަނީ ޔޫއެންޑީޕީގެ އެހީގައި އޭޖީ އޮފީހުގައި އުފައްދާފައިވާ ލީގަލް ސެކްޓާ ރިސޯސް ސެންޓަރުންނެވެ.