(ފުރަތަމަ ބައި)
"އަމްރާ ގާތު ކިތައް ފަހަރު ބުނާނީ އަހުނާ ސިޓިން ރޫމަށް ނުނެރޭށޭ. ކީއްވެތަ އަމްރާއަށް ވެސް ނުވިސްނެނީ؟" ނަޒީރު ހިތްހަމަ ނުޖެހިގެން އަމްރާއާ ދިމާއަށް ބުނެލިއެވެ.
"ކީއްތަވީ؟ އަހުނާއަކީ ވެސް އަހަރުމެންގެ ދަރިއެކޭ. އޭނާއެކޭ ދެން ތިބި ދެކުދިންނެކޭ އަހަންނަކަށް ތަފާތެއް ނެތް." އަމްރާ ހިތްހަމަ ނުޖެހުނެވެ.
"ސިޓިން ރޫމަކީ ގެއަށް އަންނަ މެހުމާނުން ވެސް އިށީނދެލަން ހުންނަ ތަނަކީ. އަމްރާ އަކަށް ނުފެނޭތަ އަހުނާގެ އަނގައިން ފައިބާ ސޮނިތައް ސޯފާއަށް އެޅޭ މަންޒަރެއް،" ނަޒީރު ގަމީހުން ގޮށްތައް ނައްޓަމުން އަލަމާރީގެ ދޮރު ހުޅުވާލިއެވެ. "އަހުނާއަކީ ބަލައިލަން ރީތި ލޫލާފަތި ކުއްޖަކަސް އޭނާއަކީ ނުކުޅެދޭ ކުއްޖެއްކަން އަމްރާއަށް ރަނގަޅަށް ވެސް އެނގޭނެ."
"ނަޒީރޫ. ދެން އަހަރެން އަމްރާ ގެންގުޅޭނީ ކޮންތަނެއްގައިތަ؟ މި ބޮޑު ހަވޭއްޔެއް ވަރު ގެއެއްތަ؟ މީ ގަނޑުވަރެއް ނޫނެއްނު. ދެ ކޮޓަރިއަކާ ސިޓިންރޫމަކީ ފަސް މީހުންގެ އާއިލާއަކަށް ބޮޑުތަނެއްތަ؟ އެހެން ނޫނަސް އަބަދާއި އަބަދު ކޮޓަރީގެ ތެރޭގައި ކިހިނެއްތަ އެ ކުދިން ތިބޭނީ؟" އަމްރާ ބޮލުގައި ފުނާ އަޅަމުން ނަޒީރާ ދިމާއަށް ބަލައިލިއެވެ.
އެއީ އަބަދުވެސް އެދެމަފިރިންގެ ދެމެދުގައި ކުނި ޖެހޭ މައްސަލައެވެ. ޝަކުވާ ގިނަވާ ސަބަބެވެ. އެ ދެމީހުންގެ ދޮށީ ދަރިފުޅު އަހުނާއެވެ. އޭނާއަކީ އުމުރަށް ވުރެ ސިކުނޑި ޅަ ކުއްޖެކެވެ. އުމުރުން އަށާރަ އަހަރު ފުރުނަސް އޭނާގެ ސިކުނޑިއަކީ އަށް އަހަރުގެ ކުއްޖެއްގެ ސިކުނޑިއެކެވެ. ބައެއް ފަހަރު އަނގައިން ސޮނި ނުހިފެހެއްޓެއެވެ. ދަތްދޮޅިން ތިކިޖަހާ ސޮނިތަކުން މޭމަތި ފުރެއެވެ. އިހުތިޔާރުން ބޭރުގައި ބައެއް ކަންކަން ކުރެއެވެ. އަނެއްބައި ފަހަރު އެއީ ވަރަށް ބޮޑު މީހެކެވެ. ހަމަޖެހޭ މީހެކެވެ. ބަލައިބެލުމަށް ފުރިހަމަ މީހެކެވެ. ބަލައިލަން ރީތި ޝާހުޒާދާއެކެވެ. ހެދިލާ މޭކަޕް ކޮށްލައިފައި ހުންނައިރު ހީވަނީ ބޭރުގެ މޮޑެލެއް ހެންނެވެ. އެހައި ވެސް ރީއްޗެވެ. ޗާލެވެ.
އެ ދެމަފިރިންގެ އިތުރު ދެކުދިން ތިބެއެވެ. އެއީ އުމަރާއި އާމިރެވެ. އުމަރަށް ފަނަރަ އަހަރެވެ. އާމިރަށް ބާރަ އަހަރެވެ. އުމަރާއި އާމިރުގެ އިތުރުން އަހުނާ އުޅެނީ ދިހަ ފޫޓޫ އަށްފޫޓުގެ ކުޑަ ކޮޓަރިއެއް ގައެވެ. ދެ ފިރިހެން ކުދިން ނިދަނީ ބަންކުބެޑެއް ގައެވެ. އުމަރު އޮންނަނީ އެންމެ ތިރީގައެވެ. އާމިރު އޮންނަނީ މަތީގައެވެ. އަހުނާ އޮންނަނީ މުށިގަނޑު މަތީގައި ގޮދަޑިއެއް އަޅައިގެންނެވެ. ރަށުން މީހަކު އަތުވެއްޖެ ނަމަ އެ ކޮޓަރީގައި ކަނދު އަޅައިލަން ޖެހެއެވެ.
ދެ ކޮޓަރީގެ އެޕާޓުމަންޓަކަސް ސިޓީންރޫމު ބޮޑެއް ނޫނެވެ. ކައްކާ ކައިބޮއި ހަދާން ޖެހެނީ ވެސް އެތަނު ގައެވެ. ކާމޭޒު ކައިރީން ފަސް މީހުންނަށް އިށީނދެވެނީ ގަދަކަމުންނެވެ. ދެން ހުންނަނީ ތިން ގޮނޑީގެ ސޯފާއެކެވެ. ސޯފާ ހުންނަނީ އެޕާޓްމަންޓަށް ވަންނަ މައިދޮރު ކައިރީގައެވެ. ސޯފާގެ ކުރިމަތިން ފާރުގައި ހަރުކޮށްފައި ޓީވީއެއް ހުރެއެވެ. ޓީވީ ހުންނަ ފާރާ ދިމާ ދެފޫޓެއްހާ ދުރުގައި ހުންނަނީ އައިސް އަލަމާރިއެވެ. އައިސް އަލަމާރިއާ އިންވެގެން ކައްކާ އުނދުންތަކެވެ. ތެލިތަށިތައް ބަހައްޓާ ހަރުގަނޑުތަކެވެ.
ތަންކޮޅު ކިތައްމެ ދައްޗަސް ގޭތެރެ ތަރުތީބެވެ. ފާރުތަކުގައި މަކުނުވަލެއް ނުހުރެއެވެ. ހިރަފުހެއް ނެތެވެ. ކާމޭޒުމަތީގައި އޮތް ރަބަރު ސާފުވެފައި ރީއްޗެވެ. ސޯފާގައި ބަހައްޓާފައި ހުރި ކުޝަންތައް ތަރުތީބެވެ. ސޯފާ ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީ ފޮތްތައް ހުރީ ބަރިއަށް ބެހެއްޓި ގޮތަށެވެ. ކުރީ ދުވަހުގެ ނޫސް ވެސް އޮޅައިލި ގޮތަށް މޭޒުމަތީގައި އޮތެވެ. ސިޓީން ރޫމުގައި ކައްކާ ކައިބޮއި ހެދިޔަސް އެއްވެސް ވަހެއް ނެތެވެ. މަގުމައްޗަށް ހުޅުވާލެވިފައިވާ ކުޑަ ދޮރުން ވަންނަ ވައިރޯޅިއާ އެކު ދުވަމުން ދިޔައީ ކޮރިޑޯގައި ހައްދާފައިވާ މާ ގަސްތަކުން ފަރިވެފައިވާ މާތަކުގެ މީރު ވަހެވެ. އިރުދޭ މަލުގެ ތާޒާ ވަހެވެ.
ކޮޓަރީގައި ހުޅުވާފައިވާ ކުޑަ ދޮރު ކައިރިކޮށްލާ ތަންޑުއަޅާލަމުން ނަޒީރު އެނބުރިލިއެވެ.
"ނަޒީރު ތި ބުނަނީ އަހަރެން ސާފު ނުކުރެއޭތަ؟" އަމްރާ ޓީޝާޓުގެ ކަރު ރަނގަޅު ކޮށްލަމުން އެނދާ ދިމާއަށް ހިނގައިގަތެވެ.
"އަހަރެން ތިހެން ނުބުނަންދޯ؟ އަހަރެން މި ބުނަނީ ބޭރުން މީހުން އަންނަ އިރު އަހުނާ ބޭރުގައި އިނީމަ އެމީހުން ކިހާ ފަކުރެއް ގަންނާނެހޭ. އަހުނާގެ އަނގައިން ފައިބާ ސޮނި ފެނުނީމާ އެމީހުން ކިހާ ޖެހިލުމެއް ވާނެ ނޫންހޭ؟" ނަޒީރު ސޯޓު ރަނގަޅުކޮށްލަމުން އެނދުގައި އޮށޯވެ ދެފައި ދަމައިލަމުން ބާލީސް މޭމަތީގައި ބާއްވާލިއެވެ.
"ނަޒީރޫ! އެއީ ވެސް ހަމަ އަހަރުމެންގެ ދަރިއެއް ނޫންތަ؟ އެއީ ވެސް އަހަރުމެން ކަހަލަ އިންސާނެކޭ. އަހަރުމެން ބޭނުންވާ ހުރިހާ އުފަލެއް، ހުރިހާ މިނިވަންކަމެއް އޭނާ ވެސް ބޭނުންވާނެއް ނޫންތަ؟ އޭނާއަކީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ވުން އެއީ އޭނާގެ މައްސަލައެއްތަ؟ ނޫނީ އަހަރުމެން ދެމީހުންގެ މައްސަލައެއްތަ؟" އަމްރާ ހިތްހަމަ ނުޖެހުނެވެ. "އަހަންނަށް ހީވަނީ އެއީ ދަރިއެކޭ ބުނަން ވެސް ނަޒީރު ލަދު ގަންނަނީހެން. ޖެހިލުންވަނީހެން."
"އަހަރެން އެހެންނެއް ނުބުނަމެއްނު." ނަޒީރުގެ ރާގު ބަދަލުވިއެވެ.
"ދެން ތި ބުނެވެނީ ކީކޭ؟" އަމްރާ ފުން ނޭވާއެއް ދޫކޮށްލިއެވެ.
"މި ބުނަނީ ބޭރުން މީހުން އަންނަ ވަގުތުގެ ވާހަކަ ދޯ!"
"އުމަރާއި އާމިރަށް ހުރެވޭ ކޮންމެ ތަނެއްގައި އަހުނާއަށް ވެސް ހުރެވެންވާނެ. އެއީ މައްސަލައެއް ނޫން. އެކަން ބޮޑުވާކަށް ނުޖެހޭނެ." އަމްރާ ހިތްހަމަ ނުޖެހުނެވެ.
"އެމީހުންނާ އަހުނާ ތަފާތެއްނު." ނަޒީރު ވެސް އޮތީ ދޫކުރާ ގޮތަކަށް ނޫނެވެ.
"އާނ! ތަފާތު. އެކަމަކު އެއީ އަހަރުމެން އޭނާއާ މެދު ތަފާތުކުރުން ގެންގުޅެން ޖެހޭ ސަބެބެއް ނޫންދޯ! އަހުނާއަކީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ވީތީއޭ ކިޔައިފަ އެއްވެސް ހައްގަކުން އުނިކަން ލިބޭކަށް ނުޖެހޭނެ. އޭނާއަށް އިހާނެތިކޮށް ހަދާކަން ނުޖެހޭނެ. ދެރަކޮށް ރޮއްވާކަން ނުޖެހޭނެ،" އަމްރާ ވާހަކަދެއްކީ ނަޒީރަށް ވިސްނައިދޭ ރާގުގައެވެ. "އަހުނާއަކީ ދަރިއެއް ކަމަށްވީތީއެއް ނޫންތަ މި ވަރުގެ ތަންކޮޅަކަށް ވެސް މި ބަދަލުވެވުނީ؟ އޭނާއަށް ސަރުކާރުން އެދޭ އެލަވަންސްގެ ސަބަބުން ފައިދާ ލިބުނީ އަހަރުމެންނަކަށް ނޫންތަ؟ އަހުނާއޭ ކިޔައިގެން ވާހަކަދެއްކުމުގެ ކުރީން ނަޒީރު މިކަމަށް ވެސް ވިސްނައިލިނަމަ."
"އަމްރާ އަދި ތިވަރަށް ކަންތައް ގެންދާކަށް ނުވެއެއްނު." ނަޒީރު ލަދުގަންނަ ގޮތްވިއެވެ.
"އަހަރެން ނަޒީރަށް ކަމެއް ވިސްނައިދެވޭތޯ މިއުޅެނީ،" އަމްރާ ފުން ނޭވާއެއް ދޫކޮށްލަމުން ބާލީސް ނަގައި މޭމަތީގައި ބާއްވާލިއެވެ. "ނަޒީރު ރައްޓެހިންނަށް ވެސް އެނގޭ ދޯ އަހުނާއަކީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއްކަން. ދެން އެމީހުންނަށް ވެސް ވިސްނޭނެދޯ އަހުނާގެ ޠަބީއަތާ އާއްމު މީހުންގެ ޠަބީއަތާ ތަފާތު ވާނެކަން. އެމީހުންނަށް އެކަން ވިސްނޭނެ. މަށަށް ހީވަނީ ނަޒީރު މާ ޖެހިލުން ވަނީހެން. ލަދުގަންނަނީހެން."
ނަޒީރުގެ ނިތްކުރިއަށް އަތް ހިއްލައިލިއެވެ. އޭނާ ފުން ވިސްނުމެއްގެ ތެރެއަށް ގެނބިގެން ދިޔައެވެ. އަމްރާ ވެސް އޮތީ ފާޑަކަށް ހިތްހަމަ ނުޖެހިފައެވެ. ނަޒީރުގެ ވިސްނުން އެހެން ހުރީތީއެވެ. އެއީ ކުރިން ނަޒީރުގެ ކިބައިން ފެނުނު ސިފައަކަށް ނުވާތީއެވެ. އިނދެގެން އުޅޭތާ ވިހި އަހަރު ވީއިރު އެ މީހުންގެ މެދުގައި މައްސަލައެއް ނުޖެހެއެވެ. ދެބަސްވާކަށް ނުޖެހެއެވެ. ޒުވާބުކޮށް ރުޅި މޫނު ހަދައިގެން ތިބޭކަށް ނުޖެހެއެވެ. ނަމަވެސް މިރޭ އެ ހުރިހާ ކަމެއް ބަދަލުވާން އުޅޭހެން އަމްރާއަށް ހީވާން ފެށިއެވެ. އޭނާގެ ފިކުރަކަށްވީ އެކަމެވެ. އެއީ ނަޒީރު ވެސް އަމްރާ ވެސް ބޭނުންވާ ގޮތެއް ނޫނެވެ.
"ނަޒީރޫ!" އަމްރާ އެނބުރިލައި ނަޒީރުގެ މޭމަތީ އިނގިލިތައް ޖައްސާލިއެވެ.
އަމްރާ ބޭނުންވީ ވާހަކަދައްކައިގެން އެ މައްސަލަ ފިނިކުރާށެވެ. ހިޔާލު އެއްގޮތް ކުރާށެވެ. އެކަމުން ސިންގާއެއް އުފަންވެ އެމީހުންގެ ކާވެނި ހަފައިނުލަނީސް އެ ސޮރު މަރައިލާށެވެ.
"ސޮރީ! ތޭންކްސް،" ނަޒީރު ފުން ނޭވާއެއް ދޫކޮށްލިއެވެ. (ނުނިމޭ)