ވިޔަފާރި

ޓްރެވަލް އެޖެންސީ އަހަރީ ރިޕޯޓް ހުށަހަޅަން އަންގައިފި

Jan 27, 2021

މި މަސް ނިމުމުގެ ކުރިން ރާއްޖޭގައި ހިންގާ ޓްރެވަލް އެޖެންސީތަކުގެ އަހަރީ ރިޕޯޓް ހުށަހަޅަން ޓޫރިޒަމް މިނިސްޓްރީން އަންގައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގައި ދަތުރު ރާވާ ހިންގުމާ ބެހޭ ގަވާއިދު (ޓްރެވަލް އެޖެންސީ ހިންގުމާ ބެހޭ ގަވާއިދު) ގެ ދަށުން ކޮންމެ އަހަރަކު ވެސް އެޖެންސީގެ އަހަރީ ރިޕޯޓެއް އެ މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ އެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި އަހަރީ ރިޕޯޓު ހުށަނާޅައިފިނަމަ ދޫކޮށްފައިވާ ހުއްދަ ބާތިލް ވާނެ އެވެ. އެހެން ކަމުން ރާއްޖޭގައި ދަތުރުތައް ރާވާ ހިންގުމާ ބެހޭ ގަވާއިދުގައި ބަޔާން ކޮށްފައިވާ އަހަރީ ރިޕޯޓް މި މަހުގެ 31 ގެ ކުރިން އެ މިނިސްޓްރީ އަށް ހުށަހަޅަން ޓޫރިޒަމް މިނިސްޓްރީން އެދިފައިވެ އެވެ.

ޓްރެވަލް އެޖެންސީގެ ކަންތައްތައް ބަލަހައްޓަނީ ޓޫރިޒަމް މިނިސްޓްރީންނެވެ. ނަމަވެސް ރާއްޖޭގައި މި ވިޔަފާރި ކުރަނީ ވަރަށް ކުރީގެ ގަވާއިދެއްގެ ދަށުންނެވެ. އެ ގަވައިދުގެ ސަބަބުން ދިވެހި ކުންފުނިތަކަށް ގާނޫނީ ހިމާޔަތް ނުލިބި ގިނަ މައްސަލަތަކެއް ނުކުމެ އެވެ.

ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން 300 އެއްހާ ޓްރެވަލް އެޖެންސީ ހިންގަ އެވެ. އަދި މި ދާއިރާގައި 2،000 ދިވެހިން މަސައްކަތް ކުރާ ކަމަށް ލަފާ ކުރެވެ އެވެ.