ބޮލީވުޑް

ދޮން ވާން ހުދު ފުށް ޖެހިން: ޕްރިޔަންކާ

ހަންގަނޑު ދޮން ކުރާ ކްރީމްތަކުގެ އިޝްތިހާރުތައް ކުޅެގެން ގިނަ ބަޔަކު އޭނާއާ ހިތްހަމަނުޖެހުނު ކަމަށް ޕްރިޔަންކާ ޗޯޕްޅާ ބުނެފި އެވެ. ޚާއްސަކޮށް އިންޑިޔާގެ ގިނަ ބަޔަކު މި އިޝްތިހާރުތަކަށް ފާޑު ކިޔާފައި ވެއެވެ. މިފަދަ ކެމްޕެއިންތަކުގައި މަސައްކަތް ކުރުން ޕްރިޔަންކާ ހުއްޓާލީ ހޮލީވުޑަށް ބަދަލުވުމަށް ފަހުގަ އެވެ.

ޕްރިޔަންކާގެ ހަޔާތުގެ ވާހަކަ "އަންފިނިޝްޑް" ގައި މިކަމާ ގުޅޭ ވާހަކަތައް ޕްރިޔަންކާ ކިޔައިދީފައި ވެއެވެ. އޭނާ ބުނީ އިންޑިޔާ އެކްޓަރުންނަށް ފެއާނެސް ކްރީމް ނުވަތަ ހަންގަނޑު ދޮން ކުރަން އުނގުޅާ ކްރީމްގެ އެމްބެސެޑަރަކަށް ވުމީ ނުވަތަ އެފަދަ ކްރީމްތައް އިޝްތިހާރު ކުރުމަކީ ވަރަށް ނޯމަލް ކަމެއްގެ ގޮތުގައި ދާދިފަހަކާ ޖެހެންދެން ގަބޫލު ކުރެވުނު ކަމަށެވެ.

އަދި އޭނާގެ ހަޔާތުގެ ވާހަކަ "އަންފިނިޝްޑް" ގައި މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވާނެ ކަމަށް ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާ ބުނި ގޮތުގައި ހަންގަނޑު ދޮން ކުރުމަކީ ސައުތު އޭޝިއާގައި ވަރަށް އާންމު ކަމެއް ކަމަށެވެ. އެއީ ވަރަށް ބޮޑު އިންޑަސްޓްރީއަކަށްވާއިރު ހުރިހާ އެންމެން ވެސް އެކަން ކުރާ ކަމަށް ޕްރިޔަންކާ ބުންޏެވެ.

"ހަގީގަތަކީ މިހާރު ވެސް ބަތަލާއިންނަށް މި ކަންކަމާ ކުރިމަތިލާން ޖެހޭކަން. އެމީހުންގެ ރީތިކަން މިނާ އެއް މިންގަނޑަކަށް މިހާރު ވެސް ވަނީ ގައިގެ ކުލަ. އެންމެ ކުރިން ވެސް ފިލްމަކަށް ބަތަލާއަކު ކާސްޓް ކުރާއިރު ޗެކް ކުރާނީ އޭނާގެ ހަންގަނޑުގެ ކުލަ. ހަގީގަތުގައި އެއީ ވަރަށް ހިތާމަހުރި ކަމެއް. އަދި އަހަންނަށް ވެސް އެކަމުގައި ވަރަށް ހިތްދަތި ތަޖުރިބާތަކެއް ކުރަން ޖެހިފައިވޭ. ކުޑަކުޑައިރު އަހަރެން ވެސް ޓެލްކަމް ޕައުޑަރު މުޅި ގައިގައި ޖަހައިގެން ދޮންވާން މަސައްކަތް ކުރިން. އެއީ ހަމުގެ ކުލަ އަނދިރިވުމަކީ ރީތި އަންހެންކުދިންގެ ސިފައެއް ނޫންކަމަށް އެހާ ކުޑައިރު ވެސް އަހަންނަށް ވެސް ގަބޫލު ކުރެވިފައި އޮތީމަ،" ޕްރިޔަންކާ އޭނާގެ ތަޖުރިބާ ޝެއާ ކުރަމުން ބުނެފައި ވެއެވެ.

ޕްރިޔަންކާ ކުރިން ކުޅެފައިވާ ފެއާނެސް ކްރީމްތަކުގެ އިޝްތިހާރުތަކަށް މިފަހަކަށް އައިސް މާ ބޮޑު ސަމާލުކަމެއް ލިބިގެން ދިޔައީ އެމެރިކާގައި ކުރިޔަށްދިޔަ "ބްލެކް ލިވްސް މެޓާ" މޫވްމަންޓްގެ ސަބަބުން ހަމުގެ ކުލަ އަނދިރި މީހުންނަށް ކުރަމުން ދިޔަ ތަފާތު ކުރުންތަކުގެ ވާހަކައިގެ އަޑު ގަދަވެގެންނެވެ.

ޕްރިޔަންކާ 2015 ގައި ބަރްކާ ދަތަށް ދިން އިންޓަވިއު އެއްގައި ފެއާނެސް ކްރީމް އިޝްތިހާރުތައް ކުރުން ހުއްޓާލި ސަބަބު ކިޔައިދިނެވެ. އޭނާ ބުނި ގޮތުގައި އެ ފަދަ އިޝްތިހާރުތައް ކުޅުމުން ހިތްހަމަނުޖެހުން އިހްސާސް ވާތީ އެކަން ހުއްޓާލަން ގަސްތުކުރީ އެވެ.

"އަހަރެންގެ ދެބެންގެ ދެ ދަރި ހުރިހާ ކުދިން ވެސް ވަރަށް ދޮން. އަހަރެން އެކަނި ހަމުގެ ކުލަ އަނދިރިކޮށް ހުންނަނީ. އެއީ އަހަރެންގެ ބައްޕަގެ ހަމުގެ ކުލަ ހުންނަނީ އަނދިރިކޮށް ކަމަށް ވާތީ. އަހަރެންގެ ޕަންޖާބީ އާއިލާގެ މީހުން މަޖަލަކަށް އަހަންނާ ދިމާލަށް 'ކާލީ، ކާލީ، ކާލީ،' [ކަޅު، ކަޅު، ކަޅު] ކިޔާފައި މުޚާތަބު ކުރާނެ. އެހެންވެ 13 ވަރަކަށް އަހަރު ވީއިރު އަހަރެން ވެސް އެކި ކަހަލަ ކްރީމްތައް އުނގުޅައިގެން ދޮންވާން ބޭނުންވި،" ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާގެ "އަންފިނިޝްޑް" ނެރެން ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހު އެވެ. މި ގޮތުގައި ޕްރިޔަންކާގެ ކުޑައިރުގެ ވާހަކަތަކާއި ޓީންއޭޖް ފުރައިގައި އެމެރިކާގައި ކިޔެވި ދުވަސްވަރު ދިމާވި ނަސްލީ ތަފާތު ކުރުމުގެ މައްސަލަތަކާއި، މިސް. އިންޑިއާ އަދި މިސް. ވޯލްޑް ކާމިޔާބު ކުރި އިރުގެ ވާހަކަތަކާއި ބޮލީވުޑައި ހޮލީވުޑްގައި ކެރިއަރެއް ބިނާ ކުރުމުގައި ކުރިމަތިވި ގޮންޖެހުންތައް ހާމަ ކޮށްފައިވެ އެވެ.