ވިޔަފާރި

ވަޒީފާދޭ 278 ފަރާތެއް ޖޮބް ސެންޓަރުގައި ރަޖިސްޓްރީގައި

ވަޒީފާ ދޭ 278 ފަރާ ތަކުން ޖޮބްސެންޓަރުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިހާތަނަށް ވަޒީފާ ދޭ 278 ފަރާތަކުން ވަނީ މި ޕޯޓަލްގައި ރަޖިސްޓްރީވެފަ އެވެ. އަދި ވަޒީފާ ބޭނުން ވެގެން ވެސް ގިނަ ބަޔަކު ރަޖިސްޓްރީ ކުރެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ހިދުމަތްތަކުގެ ތެރޭގައި ހިމަނައި ޖޮބްސެންޓަރު ތައާރަފު ކުރީ 2019 ވަނަ އަހަރު އެވެ.

ދިވެހިންނަށް ވަޒީފާ ހޯދައިދިނުމުގެ ބޭނުމުގައި ހެދި ޖޮބް ސެންޓަރުގެ ވެބްސައިޓް އިން ރަޖިސްޓްރީ ވުމާއެކު ވަޒީފާތަކަށް ހުޅުވާލުމުން ކޮލިފިކޭޝަނަށް ބެލުމަށްފަހު ޖޮބް ސެންޓަރުން އެ މީހަކަށް ވަޒީފާ ހަމަޖައްސައިދޭނެ އެވެ. އަދި އެ މީހެއްގެ ކޮލިފިކޭޝަން އާ ގުޅުން ހުރި ވަޒީފާތަކާއި އެ ތަނުގެ މައުލޫމާތު މި ވެބްސައިޓުން ލިބޭ އިރު ވަޒިފާ އަށް އެދޭ މީހާއާ އޮންލައިންކޮށް އިންޓަވިއު ކުރުމުގެ ފުރުސަތު ވެސް ޖޮބް ސެންޓަރުގެ ޕޯޓަލް މެދުވެރިކޮށް ހޯދައި ދެއެވެ.

މި ސެންޓަރު އިފުތިތާހު ކުރަން ބޭއްވި ހަފުތާގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެފައިވާ ގޮތުގައި މި ސެންޓަރުގެ އެހީގައި ސިޔާސަތު ކަނޑައަޅާ މީހުންނަށް އެހީވެދެވޭނެ ކަމަށާއި އެގޮތުން، އިންޑަސްޓްރީން ބޭނުންވާ ވަޒީފާތައް ލިސްޓު ކުރެވުމުން ބޭނުން ވަނީ ކޮން ކަހަލަ ވަޒީފާ ތަކެއްކަން އެނގޭނެ އެވެ. އަދި އިތުރަށް ވިދާޅުވެފައިވާ ގޮތުން ބިދޭސީ މުވައްޒަފުންގެ ކޯޓާ އާއި ވޯކް ޕާމިޓް އިޝޫ ކުރާނީ ވެސް ޖޮބް ސެންޓަރު ޕޯޓަލްގައި ރަޖިސްޓްރީ ކޮށްގެންނެވެ.

ޖޮބް ސެންޓަރު ޕޯޓަލް މެދުވެރިކޮށް މިހާރު ސަރުކާރުން ކުރަމުން ގެންދާ އެންމެ ބޮޑު މަސައްކަތަކީ ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލި އަދި ވަޒީފާ އަށް އަސަރުކޮށްފައިވާ މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމެވެ.