ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

އާ ވޭރިއަންޓްސް އަކީ ދެމި ތިބުމަށް ވައިރަސް ކުރާ މަސައްކަތުގެ ނަތީޖާ

ނޮވެލް ކޮރޯނާވައިރަސްގެ އާ ވޭރިއަންޓްސްތަކެއް ފެންނަމުންދާ ޚަބަރުތަކުން ދުނިޔޭގެ ގިނަ ބަޔަކު މިހާރު ތިބީ ބިރުންނެވެ. އަލަށް ފެންނަމުންދާ ވޭރިއަންޓްސްގައި ބަލި ޖެއްސުމުގެ ގާބިލްކަން އިތުރުވުމާއި ބަލި ޖެހޭ މީހުންނަށް ބޮޑުވަރުވާ މިންވަރު އިތުރުވާތީ އެވެ. ދުނިޔޭގެ ގައުމުތަކުގެ ސަރުކާރުތަކުންނާއި ސައިންސްވެރިން މިކަމާ ކަންބޮޑުވެ މި ވައިރަސް މިގޮތަށް ބަދަލުވަމުންދާ ސަބަބަކީ ކޮބައިތޯ އެއީ ކީއްވެގެން ދިމާވާ ކަމެއްތޯ ތަހުގީގުކުރަން ވަނީ ފަށާފަ އެވެ.

ހުރިހާ ވައްތަރެއްގެ ވައިރަސް ތަކެކޭ އެއްގޮތަށް ސާސް-ކޯވީ-2 އަށް ވެސް އެކި ގޮތްގޮތަށް ބަދަލުވަމުންދަނީ ފަނާވެ ދިއުމުގެ ބިރު އޮތުމުން ގިނަ ދުވަހު ދިރި ތިބުމުގެ ފުރުސަތު އިތުރުކުރުމުގެ ގޮތުންނެވެ.

ވައިރަސް ކޮޕީކުރަމުން އިތުރުކުރަމުންދާއިރު އޭގެ ޖެނެޓިކް ކޯޑުގައި ކުދިކުދި ކުށް ޖެހެ އެވެ. ގިނަ ފަހަރަށް މިއީ މާ ބޮޑުކަމަކަށް ނުވިޔަސް ސައުތު އެފްރިކާ އާއި އިނގިރޭސި ވިލާތް އަދި ބްރެޒީލް އިން ފެނިފައިވާ އާ ވައްތަރުތަކުން ވައިރަސް އަށް އިތުރު އެޑްވާންޓޭޖްތަކެއް ލިބެ އެވެ.

"ކޭސްތަކުގެ އަދަދު މައްޗަށް ދާ ވަރަކަށް ވައިރަސްތަކަށް ހީވެސް ނުކުރާ ކަހަލަ ހާލަތުތަކަށް ދިއުމުގެ ފުރުސަތު އިތުރުވޭ. މިއީ މަދުން ނަމަވެސް ދިމާވާނެ ކަމެއް،" ޔުނިވަސިޓީ އޮފް ބާންގެ އެޕިޑިމިއޮލޮޖިސްޓް އެމާ ހޮޑްކްރޮފްޓް ވިދާޅުވި އެވެ.

ކޭސްތައް ގިނަވުމުގެ މާނައަކީ އެކަކު ގައިން އަނެކަކުގެ ގަޔަށް ބަލި އަރާވަރުވެސް އިތުރުވުމެވެ. މިފަދަ ހާލަތުގައި އިތުރު ވައިރަސް އަށް އިތުރު ބަދަލުތަކެއް އައުމުގެ ފުރުސަތު ވެސް އިތުރުވެ އެވެ. އެހެންވީމާ ބަލި ޖެހޭ މީހުންގެ އަދަދު ދަށަށް ގެންގޮސް ހިފަހައްޓައިގެން ނޫނީ ވައިރަސް އަށް ބަދަލުތައް އައުން ވެސް ނުހުއްޓުވޭނެ ކަމަށް އެމާ ވިދާޅުވި އެވެ.

ލަންޑަންގެ އިމްޕީރިއަލް ކޮލެޖުގެ ވައިރޮލޮޖިސްޓް ވެންޑީ ބާލީ ވިދާޅުވީ ވައިރަސް މިއުޓޭޝަންގެ ވަރަށް ގިނަ ސަބަބު އެބަހުރި ކަމަށެވެ.

އޭގެ އެންމެ ބޮޑު ދައުރެއް ކުޅެނީ ވައިރަސް ފެތުރިފައި އޮތް މިންވަރެވެ. ދެން މާހައުލު ވެސް ކޮންމެވެސް ވަރެއްގެ ދައުރެއް އަދާ ކުރެ އެވެ.

ބަލި ޖެހުމުގެ ސަބަބުން ބައްޔަށް އިމިއުން ވާ މީހުންނާއި ވެކްސިން ޖަހައިގެން ބަލިން ދިފާއުވާ މީހުން އިތުރުވާ ވަރަކަށް އާ ވައްތަރުތައް ފެނުމުގެ ފުރުސަތު ކުޑަވަމުންދާނެ ކަމަށާއި މީގެ އަހަރެއްހާ ދުވަސް ފަހުން އާ ވޭރިއަންޓެއް ފެނުމަކީ ވަރަށް ނާދިރުކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިފަދަ އާ ވޭރިއަންޓްސް އަށް މަގުފަހިވަނީ ބަލި ޖެހި ވަރަށް ބޮޑުވަރުވެފައި ފަސޭހަ ނުވެ ގިނަ ދުވަހު ހުންނަ މީހެއްގެ ފަރާތުން ކަމަށާއި ޔޫކޭ އާއި ބްރެޒީލް އަދި ސައުތު އެފްރިކާގައި ވެސް މިކަން ދިމާވެފައިވަނީ އެގޮތަށް ކަމަށް މިހާތަނަށް ހޯދި ހޯދުންތަކުން ދައްކާ ކަމަށް ސައިންސްވެރިން ބުނެ އެވެ.

މިފަދަ ބަލި މީހުންގެ ހަށިގަނޑުގައި ވައިރަސް ހުންނައިރު އެނައްތާލަން ދެވޭ ފަރުވާ އިން މާ ބޮޑު އަސަރެއް ނުކުރާނަމަ ގިނަ ދުވަހު ހަށިގަނޑުގައި ވައިރަސްތައް ހުންނާނެ. އަދި އެހެން ހުންނައިރު އިތުރު މިއުޓޭޝަން ތަކަށް ފުރުސަތު ލިބޭނެ،" ވައިރޮލޮޖިސްޓް ވިދާޅުވި އެވެ.

އާއްމު ގޮތެއްގައި ކޮވިޑް-19 ވައިރަހުން އިންސާނަކަށް ބަލިޖެހުމަށްފަހު 10 ވަރަކަށް ދުވަސް ވުމުން ހަށިގަނޑުން އެ ވައިރަސްތައް ނިއުޓްރިލައިޒް ކޮށްލާ ނައްތާލަ އެވެ. ނަމަވެސް ބައެއް ހާލަތުގައި ބައެއް މީހުންގެ ހަށިގަނޑުގައި އެއަށް ވުރެ މާ ގިނަ ދުވަހު ވައިރަސްތައް ނިއުޓްރިލައިޒްނުވެ ތިބެ އެވެ. ވައިރަހަށް އިތުރު ބަދަލުތަކެއް އައުމުގެ ފުރުސަތު އޮންނަނީ ގިނަ ދުވަހު އެގޮތަށް މަރުނުވެ ވައިރަސް ހަށިގަނޑުގައި ހުންނަ މީހުންގެ ފަރާތުންނެވެ. ޚާއްސަކޮށް އިމިއުން ސިސްޓަމް ރަނގަޅަށް މަސައްކަތް ނުކުރާ މީހުންގެ ފަރާތުން މި މައްސަލަ ދިމާވު އެވެ.

ވައިރަސްގެ އިތުރު ވޭރިއަންޓްސް ފެނުން ހުއްޓުވޭނީ ވައިރަސް ފެތުރޭ މިންވަރު ދަށަށް ގެންގޮސްގެންނެވެ. އެ އަދަދު މަތިވާނަމަ މިއަށް ވުރެ ނުރައްކާ އިތުރު ވޭރިއަންޓްސްތަކަށް ފުރުސަތު ލިބޭނެ ކަމަށް ސައިންސްވެރިން އިންޒާޜު ދިނެވެ.