ޕަރިނީތީ ޗޯޕްޅާގެ "ދަ ގާލް އޮން ދަ ޓްރެއިން" އޮންލައިންކޮށް ރިލީޒްކުރާކަން އިއުލާން ކުރިތާ މާ ގިނަ ދުވަހެއް ނުވެ އޭނާ މިހާރު ކުޅެމުންދާ 'ސައިނާ ނެހެވާލް ބައޮޕިކް"ވެސް އޮންލައިންކޮށް ރިލީޒްކުރަން އުޅޭ ކަމުގެ ވާހަކަތައް ދެކެވެން ފަށައިފި އެވެ.
ފިލްމްފެއާ އިން މިއަދު ބުނެފައިވާ ގޮތުގައި އިންޑިއާގެ އަންހެން ބެޑްމިންޓަން ޗެމްޕިއަން ސާއިނާގެ ހަޔާތުގެ މައްޗަށް ކުޅޭ މި ފިލްމު ވެސް ބޮޑު ސްކްރީނުގައި ރިލީޒް ނުކޮށް އޯޓީޓީ ޕްލެޓްފޯމެއްގައި ރިލީޒްކުރަން ޕްރޮޑިއުސަރުން މިހާރު ދަނީ ވިސްނަމުންނެވެ.
ސިނަމާގައި ފިލްމު ރިލީޒް ނުކުރަން ޚިޔާރުކުރީ ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގެ ސަބަބުން ސިނަމާތައް ބަންދުކޮށްފައި ނުވަ ވަރަކަށް މަސް ދުވަހު އޮތުމަށްފަހު ހުޅުވިފަހުން ފިލްމު ބަލަން ދާ މީހުން މަދުކަމަށް ފާހަގަ ކުރެވިގެންނެވެ. ޕެންޑެމިކްގެ ފަހުން ރިލީޒްކުރި ފިލްމުތަކަށް 50 ޕަސެންޓްގެ އޮކިއުޕެންސީ އެއްވެސް ލިބިފައެއް ނެތެވެ. ފިލްމު އެޅުވިޔަސް ސިނަމާތައް ފަޅަން ހުންނަ ކަން ފާހަގަ ކުރެވެ އެވެ.
މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ރިލީޒްކުރަން ހަމަޖެހިފައި އޮތް ސައިނާގެ ބައޮޕިކް ރިލީޒްކުރުން ލަސްވީވެސް ޕެންޑެމިކް އާ ހެދި އެވެ.
ފިލްމު އުފެއްދި ފަރާތުން މިހާރު ދަނީ ފިލްމު ޑިޖިޓަލްކޮށް ރިލީޒްކުރުމުން ވާނެ ފައިދާ އާއި ބޮޑު ސްކްރީނުގައި ރިލީޒްކުރުން ވާނެ ގޮތް ވިސްނައި ދެ ގޮތުން ކުރެ ރަނގަޅު ގޮތަކީ ކޮބައިކަން ނިންމަށް މަސައްކަތް ކުރަމުންނެވެ.
މި ފިލްމުގައި ޕަރިނީތީގެ ކެރެކްޓާގެ ބައްޕަގެ ރޯލު ކުޅޭ އެކްޓަރު ޝުބްރެޖޯތީ ބާރަތު ބުނި ގޮތުގައި ފިލްމު އުފެއްދި ފަރާތުން ޑިޖިޓަލް ރިލީޒްއަކަށް ދާން ސީރިއަސްކޮށް ވިސްނާކަން އޭނާއަށް ވެސް އޮތީ އެނގިފަ އެވެ.
ފިލްމުގެ ބަތަލާއަކަށް ކުރިން ހަމަޖެހިފައި އޮތީ ޝްރައްދާ ކަޕޫރެވެ. އަދި ޝްރައްދާ ކޮންމެވެސް ވަރަކަށް ފިލްމަށް ތައްޔާރުވެސް ވިއެވެ. ނަމަވެސް ކުއްލިއަކަށް އޭނާ ފިލްމު ދޫކޮށްލުމުން ޕަރިނީތީ އަށް ލިބުނީ އެވެ.
ޕަރިނީތީ ބުނެފައިވާ ގޮތުގައި އޭނާގެ ފިލްމުތައް ސިނަމާތަކުގައި ރިލީޒްކުރުމަކީ އޭނާ އެދޭ ގޮތެވެ. ނަމަވެސް މިހާރުގެ ހާލަތަށް ބަލާފައި ބައެއް ފިލްމުތައް ޑިޖިޓަލްކޮށް ރިލީޒްކުރަން ނިންމާ ނިންމުމަށް ވެސް އޭނާ އިހުތިރާމް ކުރާނެ ކަމަށް ޕަރިނީތީ ބުނެފައި ވެއެވެ.