މަރުގެ މައްސަލަތައް ތަހުގީގު ކުރަން ރާއްޖޭގައި ވީހާވެސް އަވަހަކަށް ޕޯސްޓްމޯޓަމް ހަދަން ފެށުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށް އިންސްޕެކްޓާ އޮފް ޕޮލިސް، ޑރ. ހަސަން އުމަރު ވިދާޅުވެއްޖެ އެވެ.
ފުލުސް އިދާރާގެ ވެބްސައިޓްގައި އޭނާއާ ހަވާލާދީ ޝާއިއު ކޮށްފައިވަ ލިޔުމެއްގައި ބުނެފައި ވަނީ މީހަކު މަރުވުމުން އެއީ ގުދުރަތީ މަރެއްކަން ނުވަތަ ނޫން ކަމަށް ސީދާ ކަނޑައެޅިގެން ބުނެދެވެން ނޯންނަ ހާލަތްތަކާއި ގަސްތުގައި މަރާލާފައިވާ ކަމަށް ބެލެވޭ ހާލަތްތަކުގައި ސަބަބު ބުނެދެވެން އަންނަނީ ޕޯސްޓްމޯޓެމް ނުވަތަ އޮޓޮޕްސީއެއް ހަދައިގެން ކަމަށާއި ދިވެހި ފުލުހުންނަށް ޕޯސްޓްމޯޓެމް ހެދުމުގެ ބާރު މިހާރުގެ ގާނޫނުން ލިބޭ ކަމަށެވެ. އަދި މި ހިދުމަތް ރާއްޖޭގައި ފަށަން ތައްޔާރު ވަމުން އަންނަ ކަމަށާއި އެ އިންތިޒާރުގައި ހުންނެވި ކަމަށެވެ.
އުމަރަކީ ޕެތޮލޮޖީގެ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވައި ފުލުހުންގެ ހިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ.
"އަޅުގަނޑަށް އަބަދުވެސް ޔަގީންކަން އޮވޭ ރާއްޖޭގައި ވެސް މި ހިދުމަތް ފެށޭނެ ކަން. ކުރިއަރަމުންދާ ގައުމެއް. ދުނިޔޭގެ ހުރި ހުރިހާ ޕްރޮފެޝަނަލް ހިދުމަތްތަކެއް ވެސް ފޯރު ކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ގައުމެއް. އެހެންވީމަ، އަޅުގަނޑުމެންނަށް ވަރަށް މުހިއްމު ބޭނުންތެރި ދާއިރާއެއް މިދާއިރާކީ" އޭނާ ވިދާޅުވެފައި ވެއެވެ. "ހާއްސަކޮށް ރާއްޖެއަށް އެތަކެއް ފަތުރުވެރިންނެއް ޒިޔާރަތް ކުރާއިރު އަޅުގަނޑުމެންގެ ތެރޭގައި ކަންކަން ޕްރޮފެޝަނަލްކޮށް އިންތިޒާމްވެފައި ހުރުމަކީ އެފަދަ ފަރާތްތަކުގެ ވެސް އިތުބާރު ބޮޑުވެގެން ދާނެ ކަމެއް،"
އޭނާ ވިދާޅުވި ގޮތުގައި އޮޓޮޕްސީ ނެހެދޭތީ ގިނަ މަރުތަކުގައި މަރުވާ އަސްލު ސަބަބު ބުނެއެއް ނުދެވެ އެވެ.
"އޮޓޮޕްސީއެއް ހެދުމުން މި ބަލާ އެއްކަމަކީ މީހަކު މަރުވުމަށް އިނިޝިއަލީ ދިމާވި ސަބަބަކީ ކޮބައިކަން. އެންމެ ފުރަތަމަ ދިމާވީ ކޮން ސަބަބެއްތޯ. އޭގެ ސަބަބުން ދެން އަންނަ ޗެއިން އޮފް ރިއެކްޝަންތަކަކުން މީހަކު މަރުވެގެން މިދަނީ. ހާއްސަކޮށް ޖިނާއީ މައްސަލަތަކުގައި ކޯޓުގައި ސާބިތު ކޮށްދޭން ޖެހޭ އެއްކަމަކީ އެއީ،"
ޑރ. ހަސަން އުމަރު ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގެންނެވީ 2009 ވަނަ އަހަރުގެ ތެރޭގަ އެވެ. އެއީ ފުލުހުންގެ ހިދުމަތުގެ ކަންކަން ތަރައްގީވަމުން ޕްރޮފެޝަނަލް ވަމުންއައި ދުވަސްވަރެވެ. ހިދުމަތަށް ނުކުންނެނީ މެޑިކަލް ޑޮކްޓަރެއްގެ ގޮތުގަ އެވެ. ނަމަވެސް މިހާރު ފުލުހުންގެ ދާއިރާއިން ވެސް މަތީ ފެންވަރުގެ ތަމްރީނު ފުރިހަމަ ކުރައްވާފައިވެ އެވެ.
ރާއްޖޭގައި ހަދަން ޖެހޭ އޮޓޮޕްސީތައް ހަދަން ހަށިގަނޑު ބޭރަށް ފޮނުވާއިރު ރާއްޖޭގައި އޮޓޮޕްސީ ހަދަން ކުރަންޖެހޭ މަސައްކަތްތައް ދޭތެރެ ދޭތެރެއިން ކުރެއެވެ.