ޗެލްސީ

ޗެލްސީގެ މަގާމާ ޓޫހުލް ރަސްމީކޮށް ހަވާލުވެއްޖެ

ޗެލްސީގެ ކޯޗްގެ މަގާމާ 18 މަސް ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ތޯމަސް ޓޫހުލް ހަވާލު ވެއްޖެ އެވެ.

އެ ކޮންޓްރެކްޓްގައި ވާ ގޮތުން ޗެލްސީގެ މެނޭޖުމެންޓުން ބޭނުން ވެއްޖެނަމަ ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމުގެ އިހްތިޔާރު މެނޭޖުމެންޓަށް ލިބެ އެވެ. މިދިޔަ ހޯމަ ދުވަހު ޗެލްސީގެ ކޯޗް ކަމުން ފްރޭންކް ލަމްޕާޑް ވަނީ ވަކި ކޮށްފަ އެވެ. ޕީއެސްޖީގެ ކުރީގެ ކޯޗް ޓޫހުލް ޗެލްސީގެ މަގާމަށް ހަމަޖެއްސީ، ޗެލްސީން މަގާމަށް ގެންނަން މަސައްކަތް ކުރި ޖަރުމަންގެ ދެ ކޯޗުންގެ ތެރެއިން ކޯޗަކު ގެންނަން ކުރި މަސައްކަތް ނާކާމިޔާބު ވުމުންނެވެ. އެއީ ރެޑްބުލް ލައިޕްޒިގްގެ ކުރީގެ ކޯޗް ރާލްފް ރަންގްނިކް އަދި ލައިޕްޒިގްގެ މިހާރުގެ ކޯޗް ހޫލިއަން ނާގެލްސްމަން އެވެ.

ޗެލްސީގެގ ވެރިޔާ ރޯމަން އަބްރޮމޮވިޗް ބޭނުންވީ، ޖަރުމަން ކޯޗެއް ޗެލްސީއަށް ހަމަޖެއްސުމަށެވެ. ކުރިން ބުރޫޝިއާ ޑޯޓްމުންޑަށް ކޯޗް ކޮށްދިން، ޓޫހުލް ވެގެންދާނީ، އަބްރޮމޮވިޗްގެ ޗެއާމަންޝިޕްގެ ދަށުން ޗެލްސީއަށް ދާއީމީ އެއްބަސްވުމެއްގެ ދަށުން ގެންނަ 11 ވަނަ ކޯޗަކަށެވެ.

ޓޫހުލް ވަނީ، ލަމްޕާޑަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ. އޭނާ ބުނީ ޗެލްސީގައި ލަމްޕާޑް ކުރި މަސައްކަތާއި އޭނާ ދެމެހެއްޓި ލެގަސީއަށް އިހްތިރާމް ކުރާ ކަމަށެވެ.

ޗެލްސީގެ ޑައިރެކްޓާ މަރީނާ ގްރޮނެސްކަޔާ، ޓޫހުލް ސިފަ ކުރީ ޔޫރަޕްގެ އެންމެ މޮޅު ކޯޗުންގެ ތެރޭގައި ހިމެނޭ ކޯޗެއްގެ ގޮތުގަ އެވެ.