ހަބަރު

ރާއްޖެޓީވީގެ ޕްރޮގްރާމަކަށް ސިފައިން ދިން "އެހީ" ދިފާއުކޮށްފި

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގެ ޝޫޓިންގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ގިނަ އުޅަނދުތަކެއް ބޭނުންކުރި މައްސަލަ ހޫނުވެފައިވާއިރު، އެކަން މިއަދު އެމްއެންޑީއެފުން ދިފާއު ކޮށްފި އެވެ.

ކުރިއަށް އޮތް ރޯދަ މަހު ރާއްޖެ ޓީވީން ދައްކާ "ސެލެބްރިޓީ ރޭސް" ރިއަލިޓީ ޝޯއަކީ ދ. އަތޮޅުގެ ގެމެންދޫ ފަޅުތެރޭގައި އޮންނަ ފަޅު ރަށްތަކުގައި ޝޫޓް ކުރި ޝޯ އެކެވެ. މި މަހުގެ ނުވަޔަކުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް އެ ޝޯ ޝޫޓް ކޮށްފައި ވަނީ އެމްއެންޑީއެފްގެ ގިނަ އުޅަނދުތަކެއް ބޭނުން ކޮށްގެނެވެ. އެ މުއްދަތުގައި ސިފައިންގެ ވަރަށް ގިނަ މުވައްޒަފުން ވެސް އެކަމަށް އެ ރަށްތަކަށް ފޮނުވާފައި ވެއެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި ނުވަ ދުވަސް ވަންދެން އެމްއެންޑީއެފްގެ ހަ އުޅަނދެއް އޮތީ އެކަމަށް ހާއްސަ ކޮށްފަ އެވެ. އޭގެ ތެރޭގައި ކޯސްޓްގާޑްގެ "ނޫރައްދީން" އާއި ބޮޑު ލޭންޑިން ކްރާފްޓެއް ހިމެނެ އެވެ. މީގެ އިތުރުން ރޭޑާ އުޅަނދަކާއި ފަޔާ ލޯންޗެއްގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރުގެ ތެރެއިން ހެލިކޮޕްޓަރެއް ވެސް ބޭނުން ކޮށްފައި ވެއެވެ. އެ ހެލިކޮޕްޓަރު ބޭނުން ކޮށްގެން ޝޯގެ މަންޒަރެއް ނެގުމަށް އެއް ދުވަހު ދެ ގަޑިއިރު ވަންދެއް ހެލިކޮޕްޓަރު ވެސް އެކަމަަށް ހާއްސަ ކުރި އެވެ.

އެކަމާ ގުޅިގެން ގިނަ ބަޔަކު ފާޑު ކިޔަމުން ދާއިރު، އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖާ އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ ސިފައިންގެ އޮޕަރޭޝަންތަކަށް ދަތި ނުވާނެ ގޮތެއްގެ މަތިން ލިބެން ހުރި ވަސީލަތްތައް އާންމު ރައްޔިތުންނާއި، ވަކިވަކި ފަރުދުންނާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި މީޑިއާ އިދާރާތަކާ ކުންފުނިތަކާއި ކައުންސިލްތަކުން އަދި ސުކޫލް މަދަރުސާތަކުގެ ހަރަކާތްތަކަށް ފޯރު ކޮށްދިނުމަކީ ޒަމާނުއްސުރެ ސިފައިން ކުރަމުން އަންނަ ކަމެއް ކަމަށެވެ.

"މިއީ ރައްޔިތުންނާއި ދިވެހި އަސްކަރިއްޔާއާ ދެމެދު އޮންނަ ބަދަހި ގުޅުމާއި އިތުބާރު، އިތުރަށް ބަދަހިކޮށް ދެމެހެއްޓުމުގެ މާތް މަގުސަދުގައި ޒަމާނުންސުރެ، ފޯރުކޮށްދެމުންދާ ސިފައިން އިޖުތިމާއީ ހިދުމަތެއް،" އާޒިމް ވިދާޅުވި އެވެ.

މި ސަރުކާރުގެ ހަބަރުތައް ގެނެސް ދިނުމާއި ސަރުކާރުގެ އެކި ސިޔާސަތުތައް ވަރަށް ބޮޑަށް ޕްރޮމޯޓް ކުރާ ޓީވީ ޗެނަލެއްގެ ޝޯއެއް ނެގުމަށް ސިފައިންގެ ގިނަަ އުޅަނދުތަކެއް ބޭނުން ކޮށްފައިވާ ކަމަށް ބުނެ ބައެއް އާންމުން ދަނީ އެކަމަށް ފާޑުކިޔަމުންނެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން ބަލަހައްޓަމުންދާ ދައުލަތުގެެ އުޅަނދުތަކެއް ވަކި ބައެއްގެ މިފަދަ ބޭނުންތަކަށް ބޭނުން ކުރެވިގެން ނުވާނެ ކަމަށް އެ ފަރާތަތްކުން ބުނެ އެވެ.