ހަބަރު

ރާއްޖެޓީވީގެ ޕްރޮގްރާމަކަށް ސިފައިންނާއި އުޅަނދުތައް ބޭނުންކޮށްފި

Jan 27, 2021
43

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގެ ޝޫޓިންގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ގިނަ އުޅަނދުތަކެއް ބޭނުން ކޮށްފައި ވާތީ އާންމު ފަރާތްތަކުން އެކަމާ ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.

ކުރިއަށް އޮތް ރޯދަ މަހު ރާއްޖެ ޓީވީން ދައްކާ "ސެލެބްރިޓީ ރޭސް" ރިއަލިޓީ ޝޯއަކީ ދ. އަތޮޅުގެ ގެމެންދޫ ފަޅުތެރޭގައި އޮންނަ ފަޅު ރަށްތަކުގައި ޝޫޓް ކުރި ޝޯ އެކެވެ. މި މަހުގެ ނުވަޔަކުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް އެ ޝޯ ޝޫޓް ކޮށްފައި ވަނީ އެމްއެންޑީއެފްގެ ގިނަ އުޅަނދުތަކެއް ބޭނުން ކޮށްގެނެވެ. އެ މުއްދަތުގައި ސިފައިންގެ ވަރަށް ގިނަ މުވައްޒަފުން ވެސް އެކަމަށް އެ ރަށްތަކަށް ފޮނުވާފައި ވެއެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި ނުވަ ދުވަސް ވަންދެން އެމްއެންޑީއެފްގެ ހަ އުޅަނދެއް އޮތީ އެކަމަށް ހާއްސަ ކޮށްފަ އެވެ. އޭގެ ތެރޭގައި ކޯސްޓްގާޑްގެ "ނޫރައްދީން" އާއި ބޮޑު ލޭންޑިން ކްރާފްޓެއް ހިމެނެ އެވެ. މީގެ އިތުރުން ރޭޑާ އުޅަނދަކާއި ފަޔާ ލޯންޗެއްގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރުގެ ތެރެއިން ހެލިކޮޕްޓަރެއް ވެސް ބޭނުން ކޮށްފައި ވެއެވެ. އެ ހެލިކޮޕްޓަރު ބޭނުން ކޮށްގެން ޝޯގެ މަންޒަރެއް ނެގުމަށް އެއް ދުވަހު ދެ ގަޑިއިރު ވަންދެއް ހެލިކޮޕްޓަރު ވެސް އެކަމަަށް ހާއްސަ ކުރި އެވެ.

އެނގިފައިވާ ގޮތުގައި މުޅި ޝޯގެ ޝޫޓިން ކުރިއަށް ދިޔައިރު ސިފައިންގެ އެކި އުޅަނދުތައް ބެލެހެއްޓުމުގައި ފަންސާހާ ގާތްކުރާ އަދަދަކަށް ސިފައިން ހަރަކާތްތެރި ވެފައި ވެއެވެ.

މި ސަރުކާރުގެ ހަބަރުތައް ގެނެސް ދިނުމާއި ސަރުކާރުގެ އެކި ސިޔާސަތުތައް ވަރަށް ބޮޑަށް ޕްރޮމޯޓް ކުރާ ޓީވީ ޗެނަލެއްގެ ޝޯއެއް ނެގުމަށް ސިފައިންގެ ގިނަަ އުޅަނދުތަކެއް ބޭނުން ކޮށްފައިވާ ކަމަށް ބުނެ ބައެއް އާންމުން ދަނީ އެކަމަށް ފާޑުކިޔަމުންނެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން ބަލަހައްޓަމުންދާ ދައުލަތުގެެ އުޅަނދުތަކެއް ވަކި ބައެއްގެ މިފަދަ ބޭނުންތަކަށް ބޭނުން ކުރެވިގެން ނުވާނެ ކަމަށް އެ ފަރާތަތްކުން ބުނެ އެވެ.

މިކަމާއި ގުޅޭގޮތުން ސިފައިންގެ ބަހެއް އަދި ނުލިބެއެވެ. އެހެންވެ ސިފައިންގެ ގިނަ އުޅަނދުތަކެއް މިހާ ދިގު މުއްދަތަކަށް ޓީވީ ޝޯއަކަށް ބޭނުން ކުރަން ފުރުސަތު ދިނީ ކިހިނެތް ކަމެއް ސާފެއް ނުވި އެވެ.