ވިޔަފާރި

އެސްޓީއޯ ހޮޓާ މިފަހަރު އިއުލާނުކުރީ ހިންގާނެ ބަޔަކު ހޯދަން

Jan 27, 2021

ކުރިން ވިއްކާލަން ނިންމި "އެސްޓީއޯ ހޮޓާ" ހިންގާނެ ބަޔަކު ހޯދަން، ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.

ހުޅުމާލޭގައި 70 ޕަސެންޓް މަސައްކަތް ނިންމާފައިވާ ހޮޓަލަކީ ކުރިން ވިއްކާލަން ނިންމައި އަދި ފަހުން އެސްޓީއޯ އިން އަމިއްލައަށް ހިންގަން ނިންމި ހޮޓަލެކެވެ. ނަމަވެސް އެ ކުންފުންޏަށް މި ހޮޓާ ހިންގޭނެ އެއްވެސް ވިޔަފާރީގެ އެއްވެސް މޮޑެލްއެއް މިހާތަނަށް ފެނިފައެއް ނުވެ އެވެ.

އެހެންވެ އެޗްޑީސީން އެންމެ ފަހުން މިވަނީ ހޮޓާ ހިންގާނެ ބަޔަކު ހޯދަން އަލުން އިއުލާނު ކޮށްފަ އެވެ. އެ ކުންފުނިން ނެރެފައިވާ އިއުލާނުގައި ބުނަނީ ފަސް ތަރީގެ ފެންވަރަށް ތަރައްގީ ކުރަން ފެށި ހޮޓަލުގެ މަސައްކަތް ނިންމައި އެތަން ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލާން ޖެހެނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިންނެވެ.

އެސްޓީއޯ ހޮޓާ ހުޅުވަން އެ ކުންފުނިން ގިނަ ހަރަދުތަކެއް ވެސް ކޮށްފައިވެ އެވެ. ހޮޓާ ނިންމުމުގެ ގޮތުން ތައިލެންޑުގެ އެގްޒިމް ބޭންކުން ވަނީ 10 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ކުރިން ނަގާފަ އެވެ.

"ރެޑިސަން ބުލޫ" ގެ ނަމުގައި މިފަދަ ވިޔަފާރިތައް ކުރާ އެމެރިކާގެ ކާލްސަން ގުރޫޕާއެކު ހޮޓާ ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށި ހޮޓަލަކީ 250 ކޮޓަރި ހިމެނޭ ތަނެކެވެ. އެ މަސައްކަތް ނުނިމި ދިގު ލައިގެން ގޮސް އެންމެ ފަހުން އެތަން ވިއްކާލަން މަސައްކަތް ފެށީ 2018 ވަނަ އަހަރު އެވެ. އޭގެ ފަހުން ތަފާތު ގޮތްގޮތަށް ހޮޓާ ވިއްކުން ކުރިޔަށް ގެންދަން އުޅުމަށް ފަހު އެޗްޑީސީއާ ގުޅިގެން ކުރިއަށް ގެންދަން މިދިޔަ އަހަރުގެ ތެރޭގައި ވަނީ އެއްބަސް ވެފައެވެ. އޭގެ ފަހުން ވެސް މަސައްކަތް ހިނގާފައެއް ނުވެ އެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި މި މަހުގެ 17 ވަނަ ދުވަހު ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ އެސްޓީއޯއާއެކު އެއްބަސްވުމެއް އޮތީ ސިޓީ ހޮޓާ ގަންނާނެ ފަރާތެއް ހޯދުމުގެ ބާރު އެޗްޑީސީ އަށް ވެސް ލިބޭ ގޮތަށް ކަމަށެވެ. ނަމަވެސް އެކަން ކުރިޔަށް ގެންދާނީ ވަކި މުއްދަތަކަށް ކަމަށެވެ. ސުހައިލް ވިދާޅުވީ އެޗްޑީސީން ބަލަނީ ވީހާވެސް ކައިރި މުސްތަގުބަލެއްގައި އެސްޓީއޯ ހޮޓާ، ރަނގަޅު ހޮޓަލެއްގެ ގޮތުގައި އޮޕަރޭޓް ކުރާނެ ފަރާތެއް ނުވެއްޖެއާ އެހެން ބޭނުމެއްގައި ވެސް އެތަން ހިންގަން ކަމަށެވެ.

އެސްޓީއޯ ޓޫރިޒަމަށް ނުކުންނަން ބޭނުންވެ 25 އަހަރަށް ހޯދި ބިމުގައި 60 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓަކުން އަޅާފައިވާ ހޮޓާ "ގަލަށް ބަދަލުވެފައި" ވާއިރު ފިހާރަތަކާއި ރެސްޓޯރަންޓުތަކާއި އިވެންޓް ހޯލްތައް ހިމެނޭ ހޮޓާ މިހާރު ބޭނުން ކުރަނީ އެސްޓީއޯގެ މުދާ ރައްކާކުރާ ގުދަނަކަށެވެ.