ހަބަރު

ތިން މަސްތެރޭ އެއާޕޯޓްގެ ދެވަނަ ރަންވޭ އަޅަން ފަށާނެ: ސައީދު

އިބްރާހިމް ނާސިރް އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީ ކުރުމުގައި އަޅާ ދެވަނަ ރަންވޭގެ މަސައްކަތް ކުރިޔަށް އޮތް ތިން މަސްތެރޭގައި ފަަށާނެ ކަމަށް އިކްނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރެންބޯ ގްރޫޕްގެ ރިހިޔޫބީލް ފާހަގަ ކުރަން މިރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާ ޝަރަފުވެރިކޮށް ދެއްވައި މިނިސްޓަރު ސައީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ޔާމިންގެ ސަރުކާރުގައި އެ މަނިކުފާނު ގެންނަން ނިންމާފައިވާ ބޮޑެތި އިގްތިސޯދީ ބަދަލުތަކުގެ ތެރެއިން ކުރިޔަށް ގެންދާ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިޔަށްދާ ކަމަށެވެ.

އެގޮތުން މިނިސްޓަރު ސައީދު ވިދާޅުވީ އައިއެންއައިއޭ ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއުގައި ހިމެނޭ ދެވަނަ ރަންވޭ އެޅުމުގެ މަސައްކަތަށް ވަރަށް ބޮޑު ކުރިއެރުން ލިބިފައިވާ ކަމަށާއި އެ މަސައްކަތަށް ބޭނުންވާ ލޯން ނެގުމުގެ މަސައްކަތަށް ވެސް ބޮޑުކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.

"މި އިކޮނޮމިކް ޓްރާންސްފޯމޭޝަންގެ ތެރެއިން އެއާޕޯޓް ތަރައްގީކޮށް ދެވަނަ ރަންވޭއަކާއެކު ޑިވެލޮޕް ކުރުމުގެ މަސައްކަތް ކުރިޔަށް އޮތް ދެތިން މަހެއްގެ ތެރޭގައި ލޯނު ހަމަޖެހި މަސައްކަތް ފަށާނެ ކަމުގެ ފުރިހަމަ ޔަގީން ކަން އަރުވަން،" ސައީދު ވިދާޅުވި އެވެ.

މިހާރުގެ އެސްއީޒެޑް ބޯޑްގެ ޗެއާމަންގެ މަގާމުގައި ވެސް ހުންނެވި ޒުވާން މިނިސްޓަރު ސައީދު މިހެން ވިދާޅުވި އިރު އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫގެ ދަށުން 3400 މީޓަރު ދިގު އަދި 60 މީޓަރު ފުޅާ ރަންވޭއެއް މިހާރު އޮތް ރަންވޭގެ އިރުމައްޗަށް ވާގޮތަށް އަޅަން ވަނީ ނިންމާފަ އެވެ.

އަދި އެއާޕޯޓުގައި ކާގޯ ކޮމްޕްލެކްސް އަކާއި ފިއުލް ފާމެއްގެ އިތުރުން އޭޕްރަންއެއްގެ މަސައްކަތް ކުރަން ވެސް ނިންމާފައި ވެއެވެ.