ވެލާ ޕްރައިވެޓް އައިލެންޑް

ވެލާ ރިސޯޓްގެ މި މަހުގެ ސާވިސްޗާޖް 62،000 ރުފިޔާ

ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި މި މަހު އެ ރިސޯޓުގެ ކޮންމެ މުވައްޒަފަކަށް 62،000 ވުރެ ގިނަ ރުފިޔާ ދީފި އެވެ.

ރާއްޖޭގެ އެންމެ މަތީ ފެންވަރުގެ ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ވެލާ އިން މި މަހު މުވައްޒިފުންނަށް ސާވިސް ޗާޖުގެ ގޮތުގައި 4079.10 ޑޮލަރު ދީފައިވެއެވެ. އެއީ ދިވެހި ރުފިޔާއިން 62،899.722 އެވެ. ވެލާ އަކީ މުވައްޒަފުންނަށް އެންމެ ގިނައިން ސާވިސް ޗާޖު ދޭ ރިސޯޓުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އަބަދުވެސް އޮންނަ ރިސޯޓެކެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ވަގުތީ ގޮތުން ހުއްޓުނީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރުމުންނެވެ. އެކަމާއި ގުޅިގެން ޓޫރިޒަމްގެ ދާއިރާގައި މަސައްކަތް ކުރަމުންދިޔަ ވަރަށް ގިނަ މުވައްޒިފުންގެ ވަޒީފާ ގެއްލުނެވެ. ނަމަވެސް އެ ފަހަރުވެސް ވެލާއިން ވަނީ ނަމޫނާ ދައްކާފައެވެ. ރިސޯޓްގެ އޮޕަރޭޝަން ހުއްޓާލިއިރު ރިސޯޓުން ބޭރުގައި ތިބި މުވައްޒަފުންގެ ތެރެއިން 600 ޑޮލަރަށްވުރެ ކުޑަ މުސާރައެއް ލިބޭ މުވައްޒަފުންނަށް އަސާސީ މުސާރައާ އެކު އިތުރު 200 ޑޮލަރުގެ އެލަވަންސެއް ދިނެވެ. އަދި 600 ޑޮލަރަށް ވުރެ ބޮޑު މުސާރަ ލިބޭ މީހުންނަށް، މުސާރައާއެކު އިތުރު އެލަވެންސްގެ ގޮތުގައި 100 ޑޮލަރު ދިނެވެ.

މީގެ އިތުރުން ރިސޯޓުގައި އޭރު ތިބި މުވައްޒަފުންގެ ތެރެއިން 1،000 ޑޮލަރު އަށްވުރެ ދަށް މުސާރަ ލިބޭ މުވައްޒަފުންނަށް ސާވިސް ޗާޖު އެލަވެންސެއްގެ ގޮތުގައި 500 ޑޮލަރު ދީފައިވާއިރު 1،000 ޑޮލަރަށް ވުރެ ބޮޑު މުސާރައެއް ލިބޭ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި 300 ޑޮލަރު ދީފައިވެއެވެ. އަދި ހުރިހާ މުސާރައިގެ ކެޓަގަރީތަކުގެ މުވައްޒަފުންގެ ތެރެއިން، އަދި ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ މުވައްޒަފުންނަށް 100 ޑޮލަރު ދީފައިވެއެވެ.