ވިޔަފާރި

ދަނޑުވެރިކަމަށް ބޭނުންކުރާ ބޭސް ކޮންޓްރޯލް ކުރަން ގަވައިދެއް

Jan 28, 2021
1

ރާއްޖޭގެ ދަނޑުވެރިކަމުގައި ބޭހުގެ ގޮތުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލް ކުރަން ގަވައިދެއް ހަދައި އާއްމު ކޮށްފި އެވެ.

އެގްރިކަލްޗަރު މިނިސްޓްރީން ބުނީ އާއްމު ކޮށްފައިވާ ގަވައިދަކީ ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށެވެ. އެ ގޮތުން ދެމެހެއްޓެނިވި ގޮތުގައި ޕެސްޓިސައިޑް ބޭނުން ކުރުމާއި ވިއްކުމާއި ގުދަން ކުރުމާއި ނައްތައިލުން ކަށަވަރު ކޮށްދޭނެ އެވެ. އަދި ސިއްހަތާއި ވެއްޓަށާއި ދިރުންތަކަށް ކުރާ ނުރަނގަޅު އަސަރު ތަކުން ރައްކާތެރި ކުރަން ޒިންމާދާރުކޮށް ޕެސްޓިސައިޑާ ގުޅޭ މުއާމަލާތްތައް ހިންގޭނެ އެވެ.

މީގެ އިތުރުން ޕެސްޓިސައިޑުގެ ލޭބަލާއި މާއްދާގެ ރައްކާތެރިކަމުގެ މައުލޫމާތު ކަރުދާހުގައި ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ޕެސްޓިސައިޑް ބޭނުންކުރާކަން ކަށަވަރުވާނެ އެވެ.

މި ގަވައިދުގައިވާ ގޮތުން ރާއްޖެއަށް ޕެސްޓިސައިޑް އިމްޕޯޓް ކުރުމުގެ ހުއްދަ ދޭނީ ދައުލަތުގެ އިދާރާއެއްގެ ބޭނުމަށް، ނުވަތަ ރާއްޖެއަށް ޕެސްޓިސައިޑް އިމްޕޯޓުކުރުމުގެ ލައިސަންސް ދެވިފައިވާ ފަރާތްތަކަށެވެ. ގަވައިދުގައި ޕެސްޓިސައިޑް ނުވަތަ ގަހަށް ޖަހާ ބޭސް އެތެރެ ކުރާއިރު އޭގެ ލޭބަލް ހުންނަން ޖެހޭނެ ގޮތް ބުނެދީފައި ވެ އެވެ.

ގަހަށް ޖަހާ ބޭސް ބޭނުން ކުރުމުގެ މި ގަވައިދުގައި ޕެސްޓިސައިޑާ މަސް ހުނިވެފައިވާ ފެން މަދުކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އެގޮތުން ނައްތައިލަން ޖެހޭ ޕެސްޓިސައިޑް އެކުލެވޭ ފެން މަދުކުރުމަށްޓަކައި ޕެސްޓިސައިޑް ބޭނުންކުރާ ފަރާތްތަކުން ދަނޑަށް ނުވަތަ ގަސްތަކަށް ބޭސް ޖެހުމުގެ ކުރިން، ބަލިޖެހިފައިވާ ގަސްތަކުގެ އަދަދު ނުވަތަ ސަރަޙައްދުގެ ބޮޑުމިން އަންދާޒާކުރަން ޖެހެ އެވެ.

ބަލިޖެހިފައިވާ ގަސްތަކަށް ޖަހަން ފުދޭ ވަރަށް ފެނާއި ޕެސްޓިސައިޑް މަސްހުނި ކުރަން ޖެހެ އެވެ.

ގަވައިދުގައިވާ ގޮތުން ކަނޑު މަގުން 20 ކިލޯ އަށް ވުރެ ގިނަ އަދަދެއްގެ ޕެސްޓިސަޑް ގެންދާއިރު އުފުލާ އުޅަނދުގައި ހަށި ރައްކާތެރިކޮށްދޭ އާލާތްތަކާއި ޕެސްޓިސައިޑް ނިއުޅިގެން ފައިބައިފިނަމަ ސާފުކުރާ ސާމާނާއި ފުރަތަމަ ސިއްހީ އެހީ ފޯރުކޮށްދޭ ސާމާނާއި އަލިފާން ނިއްވާނެ ސާމާނު ހުންނަން މަޖުބޫރެވެ.

ގަވައިދާ ހިލާފު ވެއްޖެނަމަ ހަރުކަށި ފިޔަވަޅުތައް އަޅަން ވެސް ކަނޑައަޅާފައިވެ އެވެ. އެގޮތުން ބޮޑެތި ޖޫރިމަނާތައްކޮށް ފިޔަވަޅު އަޅަ އެވެ.