ދަނޑުވެރިކަން

އެގްރޯ ނޭޝަނަލް ކުންފުނީގެ މަސައްކަތަށް ގިނަ ތަކެތި ހޯދަނީ

Mar 8, 2021

އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ މަސައްކަ ތަކަށް ބޭނުންވާ ގިނަ އަދަދެއްގެ ތަކެތި ހޯދަން އިއުލާނުކޮށްފި އެވެ.

ރާއްޖޭގެ ދަނޑުވެރިންގެ އަތުން ތަކެތި ގަނެ ވިޔަފާރީގެ މޮޑެލަކަށް ބަދަލު ކުރަން އުފެއްދި ސަރުކާރުގެ ކުންފުނި އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ހޯދަން އިއުލާނުކޮށްފައިވާ ތަކެތީގެ ތެރޭގައި 6000 ކަރުދާސް ފޮއްޓާއި 6000 ތުނި ގޯނި އަދި 2000 ޓޭޕް ރޯލްގެ އިތުރުން 4000 ބާސްކެޓް ވެސް ހިމެނެ އެވެ.

އެ ކުންފުނިން މީގެ އިތުރުން ހޯދަން އިއުލާނުކޮށްފައިވާ ތަކެތީގެ ތެރޭގައި 100 ޕްލާސްޓިކް ޕެލެޓާއި 20 އެސްއެސް މޭޒު އަދި 250 ކިލޯ ކެޕޭސިޓީގެ 18 ޓްރޯލީ ވެސް ހިމެނެ އެވެ.

ދަނޑުވެރިކަން ފުޅާ ކުރަން ސަރުކާރުން އުފެއްދި ކުންފުނި، އެގްރޯ ކޯޕަރޭޝަނާ ގުޅިގެން ދަނޑުވެރިކަން ކުރާނެ ފަރާތްތައް ހޯދަން ވެސް މީގެ ކުރިން އިއުލާނުކޮށްފައިވެ އެވެ. މީގެ އިތުރުން ދަނޑުވެރިންގެ އަތުން ތަކެތި ގަނެ މާކެޓު ކުރާނެ މޮޑެލްއެއް ވެސް ވަނީ ހަދާފަ އެވެ. ރާއްޖޭގައި ހައްދާ 17 ބާވަތެއް ގަންނަން ފަށަން ވަނީ ނިންމާފަ އެވެ.