ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ހަމަނުޖެހޭ "ކޮވިޑް ތިއަރީ" ތައް ބޮލުގައި އަޅުވާތީ ކަންބޮޑުވޭ: ބިލް ގޭޓްސް

ކޮވިޑާ ގުޅުވައިގެން ބުއްދި ހަމަ ނުޖެހޭ އަދި އަސާސެއް ނެތް ވާހަކަތައް ދައްކައި، ކޮވިޑަކީ އޭނާ އާއި ޑރ. އެންތަނީ ފައުޗީ އުފެއްދި އެއްޗެއް ކަމަށް ބުނާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް މައިކްރޮސޮފްޓްގެ ވެރިޔާ ބިލް ގޭޓްސް ވިދާޅުވެއްޖެ އެވެ.

ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި ގޭޓްސް ވިދާޅުވީ އާންމު ގޮތެއްގައި އެފަދަ ވާހަކަތައް ދެކެވެނީ ސޯޝަލް މީޑިއާގައި ކަމަށާއި، ދެކެވިފައި ހުންނަ ވާހަކަތަކަށް ބަލާއިރު، ކޮވިޑް އުފެދުނު ގޮތް އޭނާއާ ޑރ. ފައުޗީއަށް އެނގިވަޑައިގަންނަވަން ޖެހޭ ކަމަށެވެ.

ކޮވިޑަކީ ހަދަހަދައިގެން ދައްކާ ވާހަކަތަކެއް ކަމަށާއި އެއީ އޭއްޗެކޭ މީއްޗެކޭ ކިޔައިގެން ވެކްސިނެއް އުފައްދަން ދައްކާ ބަހަނާއެއް ކަމަށް ބުނެ ވާހަކަ ދެކެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި ކޮވިޑް ވެކްސިނަކީ ހަގީގަތުގައި ބައްޔަށް ފަރުވާއެއް ނޫން ކަމަށާއި އެއީ މައިކްރޮޗިޕްތަކެއް، "ޓްރެކިން ޑިވައިސް" ތަކެއް ކަމަށް ބުނެ އެ ޒިންމާ ވެސް އަޅުވަނީ އޭނާއާ ޑރ. ފައުޗީ ބޮލުގައި ކަމަށެވެ.

"މިކަހަލަ ނުބައި ވިސްނުމެއްގެ ތެރެއަށް އަޅުގަނޑާ ޑރ. ފައުޗީ ފެތުނު ގޮތެއް ވެސް ދަންނަވަން ދަތި" ގޭޓްސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އުންމީދަކީ ކޮވިޑްގެ ހަގީގަތް އާންމުންނަށް ދޭހަވެ ބަޔާންވެގެން ދިއުން ކަމަށެވެ.

ނުބައި ވިސްނުމެއްގެ ތެރެއަށް އަޅުގަނޑާ ޑރ. އެންތަނީ ފައުޗީ ފައްތާލި ގޮތެއް ދަންނަވަން ވެސް ދަތި
ބިލް ގޭޓްސް

ދުނިޔޭގައި ކޮވިޑް ފެތުރެން ފެށުމާއެކު ބިލް ގޭޓްސް ވަނީ މިބައްޔާ ބެހޭ ގޮތުން ވަރަަށް ގިނައިން ވާހަކަ ދައްކަވައި އާންމުން ސަމާލު ކުރުވާފަ އެވެ. ކޮވިޑަކީ ސީރިއަސް ކަމެއް ގޮތުގަައި ގައުމުތަކުން ނުދެކޭތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ބިލް ގޭޓްސް ވަނީ އަނބިކަނބަލުންނާއެކު ހިނގަވާ ބިލް އެންޑް މެލިންޑާ ގޭޓަސް ފައުޑޭޝަން މެދުވެރި ކުރައްވައި 1.75 ބިލިއަން ޑޮލަރު ހޭދަ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި ވެކްސިން އުފައްދަން އެހީތެރިވުން ވެސް ހިމެނެ އެވެ.