ރައީސް އަބްދުﷲ ޔާމީންގެ މުޅި ސަރުކާރުގެ މެޝިން އަމާޒުކޮށްފައި ވަނީ އިގްތިސޯދާއި ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމު ކުރުމަށް ކަމަށް އިކްނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އެސްއީޒެޑް ބޯޓްގެ ޗެއާމަން ކަމަށް ވެސް މިއަދު އައްޔަން ކުރައްވާފައިވާ މިނިސްޓަރު މިހެން ވިދާޅުވީ ރެއިންބޯ ގްރޫޕަށް 25 ވަނަ އަހަރު ފުރި އެ ކުންފުނީގެ ސިލްވަ ޖުބިލީ ފާހަގަ ކުރަން މިރޭ ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް ޔާމީން ރާއްޖެއަށް ގެންނަވަނީ އިގްތިސޯދީ ޓްރާންސްފޯމޭޓިވް ބޮޑު ބަދަލެއް ކަމަށާއި އެ މަސައްކަތުގެ ތެރޭ މުޅި ސަރުކާރުގެ މެޝިން އަމާޒު ކޮށްފައިވަނީ ވިޔަފާރިއަށް ފަހި އަދި ވިޔަފާރިއަށް ފަހިކޮށްދޭ މާހައުލެއް ވިޔަފަރިވެރިންނަށާއި ވިޔަފާރި ކުންފުނިތަކަށް ގާއިމުކޮށް ދޭން ކަމަށެވެ.
"އެ ބަދަލަށް ޝައުުގުވެރިކަމާއި ރޫހާ އެމްބިޝަންގައި މަސައްކަތް ކުރާ މެޝިނެއް މުޅި މި ސަރުކާރުގައި އޮތީ،" ސައީދު ވިދާޅުވި އެވެ. "މި ސަރުކާރުގެ ކޮންމެ ދުވަހެއްގެ އަމާޒު މިހުރީ ވިޔަފާރިތައް ގާތުން ބެލުމަށް އެކަމަށް ފަހިކޮށްދޭ ބަދަލުތައް ގެނެސް ދިނުމަށް،"
މިނިސްޓަރު ވިދާޅުވީ އެފަދަ އެއް ބަދަލެއްގެ ގޮތުގައި ކުންފުންޏާބެހޭ ގާނޫނަށް ބޮޑެތި ބަދަލުތައް ގެނައުމަށް ޑްރާފްޓް ކުރާ ކުންފުންޏާބެހޭ ގާނޫނުގެ ބިލުގެ 80 ޕަސެންޓް ނިމިފައިވާ ކަމަށާއި ވަރަށް އަވަހަށް އެ ބިލް ރައްޔިތުންގެ މަޖިލީހާ ހަމައަށް ގެންދާނެ ކަމަށެވެ.
އަދި ވިދާޅުވީ ކުންފުންޏާ ބެހޭ ގާނޫނަށް ގެންނަށް އިސްލާހުތަކުން ކުންފުނިތަކުގެ ހިންގުން އިތުރަށް ހަރުދަނާވެ ޒަމާނީ ކުރުމަށް ކުރެވޭ މުހިންމު ބަދަލު ތަކާއެކު ބޮޑެތި ކުރިއެރުން ގެނެވޭނެ ކަމަށާއި އެ ޔަގީންކަން ވިޔަފާރިތަކަށާއި ކުންފުނިތަކަށް ދެއްވާ ކަމަށެވެ.