(26 ޖަނަވަރީ 2021 އާ ގުޅޭ)
"މަންމާ..." ކޮޓަރިން ނުކުތް ރިދާންގެ އަޑުގައިވީ ހާސް ކަމެވެ. ފުއްމޮޑެން ހުރެ ސަބީނާ ބަލާލި އެވެ.
"އައްޔޫބުބެ ހޮސްޕިޓަލަށް ގެންގޮސްފި... ނެހާ ގުޅާފަ ދެންމެ އެބުނީ." ރިދާން އައިސް ކާމޭޒުކައިރީ މަޑުކޮށްލިއެވެ.
"ކިހިނެއްވީ؟" ސަބީނާއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ.
"އަހާލަންވާއިރަށް ނެހާ ފޯނު ކަނޑާލައިފި، މަންމަ ދާންވާނެއެއްނު."
"ދޭބަލަ މަންމަގެ ފޯނު ގެނެސް ދޭން."
އައްޔޫބަށް ވީގޮތެއް ނޭގުމުން ސަބީނާ ހާސްވި އެވެ. ރޫމާގެ ހާލު ހުރިގޮތެއް ސާފެއް ނުވީއެވެ. ރިދާން ނުބުންޏަސް ސަބީނާ ދާނެ އެވެ. ރިދާން ފޯނު ހިފައިގެން އަންނަންވީއިރު ސަބީނާ ދެ އަތް ދޮވެލައިގެން ސިންކު ކައިރިން އެނބުރިލަނީ އެވެ. ފޯނު ލިބުން އަވަހަށް ރޫމާގެ ނަންބަރަށް ގުޅިއެވެ. އެއްފަހަރު ގުޅައިގެން ޖަވާބެއް ނައެވެ. ދެވަނަ ފަހަރަށް ވެސް ގުޅިއެވެ.
"ހެލޯ!..."
ފޯނުކޯލު ރޫމާ ނެގުމާއެކު ސަބީނާ ވާހަކަ ދައްކަން ފެށިއެވެ. އައްޔޫބަށް ވީގޮތެއް އޮޅުން ފިލުވަން ސުވާލު ކުރި އެވެ. މެޔަށް ތަދެއް އެރީ ކަމުގައި ރޫމާ ބުނެލި އެވެ. ގިނަ ވާހަކަތަކެއް ދެއްކެން ނެތްކަން ރޫމާ ބުނުމުން އެބަދަން ކަމުގައި ބުނެ ސަބީނާ ކޯލު ކުރު ކޮށްލި އެވެ. ހަލުވިކޮށް ކޮޓަރިއާ ދިމާއަށް ދަމުން ސޯފާގައި އިން ރިދާނަށް ސަބީނާ ގޮވާލި އެވެ. އޭނާ ތައްޔާރު ވެގެން ނުކުތީމާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްދޭން ރިދާން ގާތު ބުންޏެވެ. ދިއުމުގެ ކުރީން އަސްލަންއަށް ގުޅާފައި ގޭގައި ނެތްކަން އެންގި އެވެ.
ސަބީނާ ކުރިއަށް ހުރެ އޭޑީކޭ ހޮސްޕިޓަލަށް ވަދެގެން އައެވެ. އޭނާގެ ފަހަތުން ރިދާން އާދެ އެވެ. އަވަސް ފަރުވާ ދޭ ބައިގެ ކައިރީ ތިބި ރޫމާގެ ދެބެން ގާތު ސަބީނާ ހުއްޓިލި އެވެ. އަވަސް ހިނިތުންވުމެއް ރިދާންއާ ބަދަލު ކޮށްލާފައި ނެހާ ވާހަކަ ދެއްކީ ސަބީނާއާ އެވެ. ދައްތަ ކައިރީ މަޑުކޮށްލައިގެން ހުރި ނޯޔާގެ ތުންފަތް ކުޑަކޮށް ދެމިލިޔަސް ފުރިހަމަ ހިނިތުންވުމަކަށް ނުވެއެވެ. ކުޑަކޮށް ބޯ އަރިކޮށްލައިގެން ރިދާންއަށް ބަލަން ހުރީ އެވެ. ރިދާނަށް އޭނާ ފެނުމުން ނޭނގުނީއޭ ނޯޔާ ހިތަށް އެރި އެވެ.
"ނޯޔާ." ހީނލުމަކާއެކު ރިދާން ކިޔާލި އެވެ. އިސް އޮބައިލަފަ އަލުން ނޯޔާއާ ހަތަރުކަޅި ހަމަކޮށްލީ ރިދާންގެ ނަމުން ގޮވާލި އަޑަށެވެ.
ތަފާތު މަސްހުނި ޖަޒުބާތުތަކެއްގެ އޮއެވަރު ރިދާންގެ ހިތުގައި އުފެދުނެވެ. މީ ކުރިން ނުވާ އާގޮތެކެވެ. ނޯޔާގެ ދޮންދޮން ކުޑަ މޫނަށް ކަޅިހުއްޓިފައި ހުރެވުނީއެވެ. ބެލުން ތިރި ކޮށް ނުލެވޭ ފަދަ ހިތްގައިމު ރީތިކަމެއް ރިދާންގެ ދެ ލޯ ދުށީ ފުރަތަމަ ފަހަރަށް ކަހަލައެވެ. ތުންފަތަށް ގެނައި ކުޑަކުޑަ ހަރަކާތާއެކު ނޯޔާގެ ކޮލުން ތަންކޮޅެއް އަޑިވެލި އެވެ. ބުނާނޭ އެއްޗެއް ނޭނގުނަސް ރިދާންގެ ހިތުގައި ތަޢުރީފުގެ ލަފުޒުތައް ގެތެމުން އައެވެ. މިދުވަހުގެ މިވަގުތާ ޖެހެންދެން ވެސް ރިދާނަށް ނޯޔާއަކީ ނެހާގެ ކޮއްކޮ އެވެ. ހަޔާތުން އެންމެ ލޯބިވި އަންހެންކުއްޖާގެ ކޮއްކޮއެވެ. ޚުދު ރިދާންގެ ހިތާއި ނަފްސު ވެސް ނޯޔާއާ މެދު ދެކެމުން އައީ ކޮއްކޮއެއްގެ ގޮތުގައެވެ. ނަމަވެސް ކުއްލިއަކަށް މިވީގޮތެއް ރިދާނަކަށް ނޭނގުނެވެ. މަދު ހިނދުކޮޅުގެ ތެރޭ އޭނާއަށް ޔަގީންވީ އެންމެ ކަމެކެވެ. ޔަގީނުން ވެސް އެ އަންހެންކުއްޖާ އޭނާގެ ކޮއްކޮއަކަށްވާން ދުވަހަކު ވެސް އެއްބަހެއް ނުވެވޭނެ ކަމެވެ.
"އެއްޗެއް ހުރީތަ؟" ރިދާންގެ ނަޒަރު ވަކިނުވުމުން ނޯޔާ އަހާލި އެވެ. ކޯތާފަތުގައި އޭނާގެ ހިމައިނގިލިތައް ޖައްސާލާފަ އެވެ. ހިނިތުންވުމަކާއެކު ބޯ ކަހާލީ ރަކިވެ ލަދުގަތްކަން ރިދާން ފޮރުވުމަށެވެ. ނަޒަރު ވަކިކޮށްލުމަށް އަނެއްކާ ވެސް އޭނާ އިސްއޮބާލީ އެވެ. އޭނާގެ އެ އަދާތަކުގައި ހުރި ފިރިހެންވަންތަކަން ނޯޔާއަށް ފާހަގަކު ރެވުނެވެ. ލަދުރަކި ކަމަކީ ހަމައެކަނި އަންހެނުންގެ ސިފައެއް ނޫންކަން ނޯޔާގެ ކުރިމަތިން ފެންނަމުންދިޔައެވެ.
"ތީ ހަމަ ނޯޔާތަ؟ މެލޭ ކުއްޖެއް ނޫން..." ޔަގީން ނުވެފައި ހުރި މީހަކު ފަދައިން ރިދާން އަހާލިއެވެ. ޖަވާބެއް ނުދިން ކަމަކު ނޯޔާގެ ހިނިތުންވުން ފުޅާވެލިއެވެ.
ފަތިހުގެ ވަގުތެއްގައި އައްޔޫބު މޭގައި ރިއްސައިގަނެގެން ވެއްޓުނީ ކަން ނެހާ ބުންޏެވެ. ޑަކްޓަރުން ޓެސްޓުތައް ހަދަމުންދާކަމާއި މިވަގުތަށް އެމީހުން ބުނީ "ހާޓް އެޓޭކެއް" ކަމަށެވެ. ޓެސްޓުތަކުގެ ނަތީޖާއަށް ފަހު ވަކިގޮތެއް ޔަގީންވާނޭ ކަމެވެ. ސަބީނާއަށް ގުޅަން ރޫމާ ނުބުންޏަސް މަންމައަށް މިވަގުތު ގާތް ރަޙުމަތްތެރިއަކު ކައިރީގަ ހުރުން މުހިންމުވާނޭކަން ނިންމީ ނެހާ އަމިއްލައަށެވެ. ސަބީނާއަށް ޚަބަރު ފޯރުކޮށް ދިނީ އެހެންވެއެވެ. ވީގޮތް އޮޅުން ފިލުވައިދީފައި ނެހާ ގުޅީ މަންމައަށެވެ. ސަބީނާ އައިސް ހުރިކަން ބުންޏެވެ.
* * * * *
އެޑްމިޓު ކުރި ދުވަހުގެ އިތުރުން ހޮސްޕިޓަލުގައި އެއް ދުވަހު ބޭއްވުމަށްފަހު އައްޔޫބު ގެއަށް ފޮނުވާލައިފި އެވެ. އޭނާއަށް ހާޓްއެޓޭކެއް ޖެހެން އުޅުނީއެވެ. ރޫމާއަށް ކިރިޔާ ވެސް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ގޭގެ އޮޅިން އައްޔޫބާއެކު ވަދެވުނީމަ އެވެ. ގޭގައި ހުރިހާ ކެއްކުމެއް ކައްކާ މީހަކީ ރޫމާއެވެ. ހޮސްޕިޓަލުން އަންނައިރު މަންމަ ވެސް ހުންނާނީ ވަރުބަލިވެފައިކަން ކުދީންނަށް ވިސްނުނީ އެވެ. އެ ދުވަހުގެ ކެއްކުމުގެ ޒިންމާ ދަރީންނަށް ދޫކޮށްލަން ރޫމާ ގާތުން އެދުނީ ޚުދު އެކުދީންނެވެ. އެހެންވެ އެ ދެމަފިރިން ގެއަށް އަންނަންވާއިރަށް ދެބެން ވެގެން ހުރީ ނޫޑުލިސް ތައްޔާރު ކޮށްފައެވެ.
ހަވީރުގެ ވަގުތެވެ. މޭގައި ހުރި ރިހުން މަޑުމަޑުން ލުއިވެއްޖެކަން އައްޔޫބަށް އިޙްސާސް ކުރެވުނެވެ. ގޮނޑީގައި އިނދެގެން ނަމާދު ކުރުމަކީ އޭނާ ބޭނުންވާ ގޮތެއް ނޫނެވެ. ނަމަވެސް ގުދުވެލާއިރަށް މެޔަށް ތަދުވާތީ ގޮނޑީގައި އިންނަން ޖެހުނީ އެވެ. އަބަދު މިސްކިތަށް އަރާ ޖަމާޢަތުގައި ބައިވެރިވާ އައްޔޫބަށް ގޭގައި ނަމާދު ކުރަން ޖެހުމުން ހިތަށް ދަތިކަމެއް ލިބުނެވެ.
އަސުރު ކޮށްލައިގެން ކޮޓަރިން ނުކުމެ ސިޓީންރޫމާއި ބަދިގެ ހުރި ފަރާތުން މަގުމައްޗަށް ހުންނަ ބެލްކަންޏަށް އައްޔޫބު ނުކުމެލި އެވެ. ގޭގެ ބެލްއަޅާލި އަޑު އިވުނީ އެވަގުތެވެ. އޭނާ ދޮރުހުޅުވިއިރު ހުރީ ރިދާނެވެ. ހިނިތުންވުމަކާއެކު ރިދާން ސަލާމް ގޮވާލި އެވެ. ފުރާވަރުން ފެށިގެން ރިދާންގެ ގިނަވަގުތު ހޭދަކުރި ގެއަކަށް އެގެ ވާނެ އެވެ. ނަމަވެސް ޒުވާނަކަށްވެ ވަޒީފާއަށް ދާން ފެށި ރިދާން އެގެއަށް އައުން ހުއްޓާލީ ކީއްވެކަމެއް އައްޔޫބާއި ރޫމާއަކަށް ވެސް ނޭނގެއެވެ.
"އާދޭ..." ސަލާމް ބަލައިގަތުމާއެކު އައްޔޫބު ބުންޏެވެ. އޭނާގެ ފަހަތުން ދޮރު ލައްޕާލާފައި ރިދާން އައެވެ. ދެ މީހުން އިށީނީ ސޯފާގައެވެ.
"ހަތަރު އަހަރު... އެނގޭތަ؟" ފަރުވާތެރިކަމާއެކު ރިދާނަށް ބަލަން އިނދެ އައްޔޫބު ބުންޏެވެ. އޭނާ އެ ދައްކަނީ ކޮންވާހަކައެއްކަން ރިދާނަށް އެނގެއެވެ. ހިނިއައިސްފައި ބޯޖަހާލީ އެހެންވެ އެވެ. އައްޔޫބު އެބުނީ އެ ގޭ އޮޅި ރިދާން ގިރާ ނުކުރާތާ ވީ އަހަރެވެ.
"މީނީ ކާކު؟... އައްޔޫބު، ކައިރީގަ ތިއިނީ މަގުއޮޅިގެން މިގެއަށް ވަދެވުނު ކުއްޖެއްތަ؟" އެތެރެއިން ނުކުތް ރޫމާގެ އަޑު އިވުނެވެ. ރިދާންގެ ހުނުން ބާރުވެލިއެވެ. ރޫމާގެ ހުންނަ ސަމާސާ ސިފައަކީ ރިދާނަށް އެނގޭ ކަމެކެވެ.
"ރޫމާ، އެސޮރަށް ކާން ހަދަންވީނު."
"ނޫނޭ، މިއައީ ހަމައެކަނި އައްޔޫބެ ހާލު ބަލާލަން." ރިދާން ބުންޏެވެ. ނަމަވެސް އެއީ އޭނާގެ މަޤްޞަދުގެ އެއްބަ އެވެ.
ރިދާން ބުންޏަސް އޭނާގެ އަޑެއް އެމީހުން ނާހާނެކަން އެނގެއެވެ. ރޫމާ މޭޒުމައްޗަށް ކާން ނެގިއެވެ. އައްޔޫބު މުޅިން ރަނގަޅުވަންދެން ހެދިކާ ހެދުން މެދުކަނޑާލާފައި އޮތުމުން ރޫމާއަށް ވެސް ވަގުތު ހުސްވެފައި އޮތެވެ. ގޭގައި އެކަކުވެސް ނެތީތޯ ރިދާން އަހާލިއެވެ.
"ނެހާ އުޅެނީ މަތީގަ، މީހަކާ އިނީމަ އެންމެ ރަނގަޅުވާނީ ވަކިން އުޅުނިއްޔާ، އައްޔޫބު! ނެހާއަށް ގުޅާލަބާ." މޭޒުދޮށުގައި އިން ރިދާނަށް ތަށިތައް ކައިރިކޮށްދެމުން ރޫމާ ބުންޏެވެ.
"ނޯޔާ..."
ބުނަން ނުބުނަން އިނދެފައި ރިދާންއަށް ނަން ކިޔާލެވުނެވެ. ރޫމާގެ ދެ ލޮލުން ތަފާތު ވިދުމެއްގެ އަސަރު ފެނިލިއެވެ. ނިކަން ފުޅާ ހިނިތުންވުމަކާއެކު ނޯޔާގެ ވާހަކަ އޭނާ ފެށިއެވެ. ދޭތެރެއަކުން ރިދާން ސުވާލެއް އިތުރުކޮށްލައެވެ. ނެހާއަށް ގުޅާފައި އައްޔޫބު އިތުރު ވާހަކައެއް ނުދެއްކިއެވެ. ރުމާއާއި ރިދާންއާ ދެމެދު ދެކެވޭ ވާހަކަތައް އަޑުއަހަން އޭނާ އިނެވެ.
ދަރިފުޅު އުރާލައިގެން ހުރެ މަންމަ ބަޔަށް ނެހާ ވަންތަނާ ލިބުނީ ހީނުކުރާވަރުގެ ބޮޑު ހައިރާންކަމެވެ. މާނަވީ ހިނިތުންވުމެއް އެ ތުންފަތަށް ވެރިވިއެވެ. ނެހާ ފެނުމުން ރިދާން ފުރަތަމަ ވެސް ބުމައަރުވާލީ އެވެ. ރިދާންގެ މިޒާޖު ކުރިއެކޭ އެއްގޮތް ވިޔަސް ކުރިން ބާއްވާ ގާތްކަން ބަދަލުވެއްޖެކަން ނެހާއަށް އެނގެއެވެ. އެކަމާ ގުޅުވައި ސުވާލެއް ނެހާ ނުކުރަނީ އެހެންވެ.
ރިދާން ދިޔުމުން ނެހާ ގޮސް ވަނީ ނޯޔާގެ ކޮޓަރިއަށެވެ. ރިދާން އައިސް އުޅެފަ ދިޔަކަން ނޯޔާއަށް އެނގުނީ ދެނެވެ. ރިދާންއާ ބައްދަލު ކޮށްލަން ބޭނުންވިޔަސް އެ ފުރުޞަތު އެ ގެއްލުނީ އެވެ. ސިޓިންރޫމުގައި އައްޔޫބާއެކު އިން ރޫމާ ވާހަކަފެށީ ނިކަން ގަޔާވެ އިނދެއެވެ.
"ރިދާންއަށް ނޯޔާ ކަމުދާހެން ހިޔެއް ނުވޭތަ؟" ރޫމާ އަހާލިއެވެ. ނަމަވެސް އައްޔޫބު ތަރުހީބެއް ނުދިނެވެ. ހިމޭނުން އިނީ ފިކުރަކަށް ގެއްލިފައި އިންހެނެވެ. އަނބީމީހާ ގޮވާލި އަޑަށް އައްޔޫބު ބަލާލި އެވެ.
"ހިނގާ ކޮޓަރިއަށް." ދަރީންނަށް އެމީހުންގެ މަޝްވަރާގެ އަޑު އިވެން އައްޔޫބު ބޭނުން ނުވީއެވެ. ދެމަފިރިން އެކުގައި އައިސް ކޮޓަރިއަށް ވަނެވެ.
* * * * *
ދޮރު ލައްޕާލާފައި ފަވާދަށް މަޑުކޮށްލެވުނެވެ. އެނދުގައި ނިދާފައި އޮތް އަރީން ފެނިފަ އެވެ. ދެން އައިސް އެނދުގައި އިށީނދެ މަޑުމަޑުން އަރީނަށް ގޮވަން ފެށިއެވެ.
"ޓިއުޝަނަށް ނުގެންދަންތަ؟" އަރީން ހޫން ލައްވާލަމުން ލޯހުޅުވާލި ހިނދު ފަވާދު އެއްސެވެ. އޭނާއަށް ލަހުން އާދެވޭނެތީވެ ރީވާ ޓިއުޝަނަށް ދާން ޖެހޭ ގަޑިއަށް ނާދެވޭނެކަން ފަވާދު އޮތީ ކުރިން ބުނެފައެވެ. ނަމަވެސް ގެއަށް އައުމުން ދަރިފުޅު ޓިއުޝަނަށް ނުދާކަން އެނގުނީއެވެ.
"ބޮލުގަ ރިއްސާތީ." ފަވާދަށް ބަލާލާފައި އަރީން އެނބުރުނީ ބިއްދޮށަށެވެ. ބާލީސް ކައިރިކޮށްލާ ބައްދާލަމުން އޭނާ އަނެއްކާވެސް ނިދީއެވެ.
ފެންވަރާލައިގެން ނަމާދަށް ދިޔަގޮތަށް ފަވާދު ގެއަށް އައީ އިޝާގެ ފަހުންނެވެ. ކޮޓަރި ބަލާލިއިރު އަރީން އޮތީ ހޭލައެވެ. ފޯނުން ޓިކްޓޮކް ބަލާށެވެ. އޭނާ އެނދުން ތެދުވީ ކާން ހަދަނީ ކޮންއިރަކުންތޯ ފަވާދު އަހާލުމުންނެވެ.
ކާމޭޒުމަތީ ހުރީ ޕާސްތާ ތަށްޓެކެވެ. ދެން ހުރި ތަށީގައި ހުރީ ތެއްލި ކުކުޅު ފައިތަކެކެވެ. އެއީ ބޭރުން އޯޑަރު ކޮށްގެން ގެނެސްފައި ހުރި ކުކުޅުކަން ފަވާދަށް ޔަގީނެވެ. އިތުރު ބާވަތެއް ނެތެވެ.
"ޖޫސް ނެތީތަ؟" ފެންޖަގު ނަގަން އުޅެފައި ފަވާދު އަހާލިއެވެ.
"އޯ! ހަނދާންނެތުނީ." ފޯނަށް ބަލަމުން ކާމޭޒުކައިރީ އިށީންނަން އުޅުނު އަރީން ހަލުވިކޮށް ގޮސް އައިސްއަލަމާރި ހުޅުވާލިއެވެ.
"ނެތީތަ؟" އައިސްއަލަމާރި ދޮރުފަތް ލައްޕާލާފައި ކަބަޑުތަކާ ދިމާއަށް އަރީން ދާން ފެށުމުން ފަވާދު އެއްސެވެ.
"ފިނިކޮށް ނެތީ، ޔަގީން ރީވާކަން... އޭނަ ދުވަހަކު ވެސް ޕެކެޓު ހުސްވީމަ އާ ޕެކެޓެއް ނުލާނެ." އަރީން ޖޫސްޕެކެޓް ހިފައިގެން އައެވެ. ފަވާދު ކައިރީ ހުރި ބިއްލޫރި ތަށްޓަށް ޖޫސް އެޅިއެވެ.
ހިމޭނުން އިނދެގެން ފަވާދު ކެއެވެ. ޕާސްތާއާއި ނޫޑުލީހަށްވުރެން ފަވާދަށް އަބަދުވެސް ކަމުދަނީ ބަތެވެ. އެކަން އަރީނަށް އެނގޭނެއެވެ. ގަރުދިޔައަކީ އަރީން ކައްކާ އެއްޗެއް ނޫނެވެ. ރިހާކުރަކީ އަދިއަމުދުން ކާން ހެޔޮވާވަރުގެ އެއްޗެއް ނޫނެވެ. ކިރުއަޅައިގެން އެއްޗެހި ކެއްކުމަކީ ފަލަވުމާއި ކޮލެސްޓްރޯލު މަތިވާން މެދުވެރިވާ އެއްކަންތައްކަން އަރީން ބުނެއެވެ. އެހެންވެ އެފަދަ ކެއުމެއް ކާހިތްވީމާ ފަވާދު ދަނީ އަމިއްލަ ގެއަށެވެ. އޭނާ އަންނަކަން އެނގެންޏާ މަންމާ ހުންނާނީ އޭނާއަށް ކަމުދާނޭ ބާވަތްތައް ތައްޔާރުކޮށްދީފައެވެ. އަރީންގެ މަންމަ ވެސް ހަމަ އެގޮތެވެ. އެބަޔަށް ދިޔަޔަސް ފަވާދު ހިތްހަމަޖެހޭ ވަރަށް ކެވެއެވެ.
"ނުބައީތަ؟" ފޯނުން ނަޒަރު ވަކިކޮށްލި ހިނދު ފަވާދު ކުރިއަށް ނުދެވިފައި އިންހެން ހީވެ އަރީނަށް އަހާލެވުނުވެ.
"އަންނަ ބުރާސްފައްޗަކީ ސަރުކާރު ބަންދު ދުވަހެއް، ތިން ދުވަސް އެއްކޮށް އެ ލިބެނީ... ބާބެކިއުއެއް ރާވަން ކިހިނެއްވާނެ." ފަވާދު ޚިޔާލު ދިނެވެ.
"މޫންޓީއާ ޝެހޭ އެބަކިޔާ ކުދީން ގޮވައިގެން ރިސޯޓަކަށް ޖައްސާލަން." އަރީން ބުންޏެވެ.
"ފެމެލީއާއެއްކޮށް ވަގުތު ހޭދަނުކުރާތާ ކިހާ ދުވަހެއްމިވަނީ، އަހަރެންގެ މަންމަ ކައިރިއަށް ވެސް އެންމެން އެކީ ދެވޭގޮތެއްނުވޭ، ބާބެކިއުއެއްވީމަ ކުދީންނަށް ވެސް މަޖާވާނެ." ފަވާދު ބޭނުންވާގޮތް ހާމަކުރިއެވެ.
"ފަލަކުއާއި ރީވާ ތިބީ ރިސޯޓަށް ދާހިތުން." އަރީން ވެސް ބޭނުންވަނީ އެގޮތެވެ.
"އަރީން، ކީއްވެތަ އެކުދީން ގޮވައިގެން މަންމަ ކައިރިއަށް ނުދަނީ، އަހަރުމެން އެންމެން މިއުޅެނީ އެއްގެއެއްގަ، ގުޅުން ބަދަހިކުރަންވާނެ، އަސްލަންގެ ވެސް އެތިބީ އަންހެންކުދީން، އަރީންގެ އެހީ މިއަދު އަސްލަންއަށް ބޭނުންވާނެ ދޯ، މިގޭގައި ސިޑިންއަރާ ފައިބަން ޖެހެނެކީ ނޫން، ލިފްޓް އެބަހުރި... ކޮންމެ ފަހަރަކު މަންމަ އެ އަންނަނީ މިބަޔަށް، އަސްލަންގެ ކުދީން ވެސް އެ ބަލަނީ ހަމަ މަންމަ، އަރީން އެއްކުއްޖަކު ބަލާލަ ދިނަސް މަންމައަށް ލުއިވާނެ..."
"އެ ފެށުނީ... ފިރިހެނުން ނުވާނެ އެހާ އަނގަގަދަވާކަށް، އަހަންނަށް ނުބެލޭނެ މީހެއްގެ ދަރިއެއް، ވަރިހަމަ ޢާއިލާއަކަސް، ދެން ތިދައްކަނީ މަންމަގެ ވާހަކަ، އެއީ އަހަރެންގެ މަންމައެއްނު، އެ އުމުރުގައި ހަރަކާތްތެރިވާން ޖެހޭނެ، މިބަޔަށް އައުމަކީ ވެސް މަންމައަށް ލިބޭ ކަސްރަތެއް." އަރީން ހަމަޖައްސާލިއެވެ. ފަވާދު އިތުރަށް އެ ވާހަކަ ކުރިއަށް ގެންގޮސްދާނޭތީ އެ ފުރުޞަތު ނުދޭން މޭޒުދޮށުން އަރީން ތެދުވީއެވެ. ދަރީން ކޮބާތޯ ބަލާށޭ ބުނެ އެތެރެއަށް ހިނގައިގަތެވެ.
"އަރީންގެ އުޅުން މިހާ ދޯދިޔާވާނޭ އަހަރެން ހިޔެއްނުކުރަން." ކެއުމައިގެން ކުރިއަށް ދެވޭތޯ އުޅުނު ފަވާދުގެ ހިތުގައިވިއެވެ.
* * * * *
"އެ ދަރިފުޅު ރުހޭނަމަ ސަބީއަށް ދޭން އަހަރެން ނިންމައިފިން." އައްޔޫބު މަޑުމަޑުން ބުނެލި އެވެ. އިންތިހާއަށް ސިހުނު ނަމަވެސް ރޫމާ އަމިއްލަ ނަފްސު ހަމައިން ނެއްޓުނަކަ ނުދިނެވެ. ދެލޯމަރާ ތަގުޅިކޮށްލުމާއެކު ފުންނޭވާއެއް ރޫމާލިއެވެ. އެނދުގައި އިށީނދެލައިގެން ފައިގެ ދެފަރާތުން އެނދުގައި ހިފަހައްޓާލައިގެން އައްޔޫބު އިނީ އިސްޖަހާލައިގެންނެވެ. އަނބިމީހާއާ ހަތަރުކަޅި ހަމަކޮށްފިނަމަ އޭނާގެ ނިންމުން ބަދަލުވާނޭކަން ޔަގީންވާތީއެވެ. އެހެންވިޔަސް އޭނާގެ އެ ނިންމުމަކީ ވަރަށް ވިސްނާފައި ނިންމި ނިންމުމެކެވެ.
"އަހަރެން ވަރަށް ވިސްނާފަ މިހެން ނިންމީ، ހަމައެކަނި އަހަރެންގެ އަމިއްލަ ޚިޔާލަށް ނިންމި ނިންމުމެއްނޫން މީ، އަހަރެންގެ ދަރިފުޅުދެކެ އަހަރެން ވެސް ލޯބިވާނެތާ... ނޯޔާ ހާސިލު ކުރަން ބޭނުންވާ އެތައް ހުވަފެންތަކެއް އެބަހުރި، މިހުރިހާ ދުވަހު އަހަރެން ވެސް މަސައްކަތް ކުރަމުން އައީ އެކުއްޖާގެ ހުވަފެންތަކުގައި ކުލަޖައްސައިދޭން، ނޯޔާގެ ހުރިހާ އުންމީދެއް ފުރިހަމަކޮށްދޭން."
"ނޯޔާއަށް މިކަމުން ހިތްދަތިކަންނޫން އެއްޗެއް ނުލިބިއްޖެއްޔާ، އެކުދީން އޭނާ މަންމައެއްގެ ގޮތުގައި ބަލައިނުގެންފިއްޔާ ދެން." ރޫމާގެ ޖަޒުބާތުގެ އަސަރު އަޑުގައި ހުއްޓެވެ.
"ﷲ އަށް ޓަކައި ކުޑަކުޑަ ތިން ދަރީން ހެޔޮގޮތުގައި ބޮޑުކުރުމުން ނޯޔާއަށް އޮތީ ހިތްދަތިކަންތަ؟ ލޯކުރިމަތިން މިފެންނަނީ ހަނިދާއިރަކުން ފެންނަ ކުޑަ މަންޒަރެއް، އަހަރެންގެ އެއްވެސް ބަޔެއްނެތް، އާންމުކޮށް ބަލިވެ އުޅޭ ވެސް މީހެއްނޫން، އެކަމަކު ހަމަ ހުރެފަ އަހަރެން ވެއްޓުނީ، ނޫންތަ؟ ހާޓް އެޓޭކެކޭ އެމީހުން ބުނީ... އެކަމަކު އެޔަކަށް ވެސް ނުވިއެއްނު، އަހަރެން މިހާރު މިހުރީ ބިރުގަނެފަ... ކުރެވޭ ޚިޔާލު ވެސް ފާފައަކަށްވާ ފަހަރު އާދޭ، ނޫންތަ؟"
"އައްޔޫބު ދެން ކޮންމެފަދަ ކަމަކާ ވެސް ގުޅުވަފާނެ، އަހަރެމެންނަށް ޣައިބުގައިވާ އެއްޗެއް އެނގޭތަ؟"
"ތިއޭ މަވެސް މިބުނާ ވާހަކައަކީ، ނޯޔާއަށް ލިބެން ހުރި އުފާވެރިކަމަކާއި އޭނާއަށް ހުރި ހެޔޮ ގޮތްތަކެއް އަހަރެމެންނަކަށް ވެސް ނޭނގޭނޭ، ފަހަރެއްގައި އަސްލަންއާއި އޭނާގެ ދަރީންނަކީ ނޯޔާގެ ނަސީބު ކަމަށް ވެދާނެ، މި ދުނިޔެއާ ވަކިވެގެންދާއިރު ޖަހަނަމައިގެ ހޫނުން ސަލާމަތްކަން ދީ ރައްކާތެރިކުރާނޭ މެދުވެރިޔަކަށް އެ ތިން ކުދީން ވެދާނެ، އަހަރެމެން ވިސްނާ ތައްޔާރުވާން އޮތީ އެ ދުވަހަކަށްނު، ނޯޔާއަކީ އޯގާތެރި ކުއްޖެއް."
"އައްޔޫބު ބުނެފިއްޔާ ނޫނެކޭ ނުބުނާނެ، އެކަމަކު ދަރީންގެ އުފާވެރިކަމާމެދު ވިސްނުމަކީ މައިންބަފައިންގެ ކަމެއް، އެކުދީން ނުބުނާ ކަންކަން ވެސް އަހަރެމެން ޖެހޭނެ ދެނެގަންނަން." ރޫމާގެ ހިތް އެއްގޮތަކަށް ވެސް ފިރިމީހާއާ އެއްބައި ވާގޮތެއް ނުވިއެވެ.
"އެހެންވީރު ރޫމާ ﷲ އަށް އެދޭ... މި ކައިވެންޏައިގެން ކުރިއަށް ދިއުންތޯ ރަނގަޅީ ނޫނީ ހުއްޓާލަންވީތޯ، ކޮންމެ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ، ކަމަކާ ކުރިމަތިލުމުގެ ކުރީން ކަންތައްކުރަންވީ ގޮތް އިސްލާމް ދީނުގައި އޮވޭ، އެފަދައިން ރޫމާ ކަންތައްކުރޭ." އައްޔޫބު ހުށަހެޅީ އެންމެ ފަހު ގޮތެވެ. ރޫމާއަށް ގައިމުވާން އެދޭތީއެވެ. (ނުނިމޭ)