ހަބަރު

ކުންފުންޏާބެހޭ ގާނޫނަށް ގެންނަ ބަދަލުން 1000 ވަޒީފާ އުފެއްދޭނެ: މިނިސްޓްރީ

ކުންފުންޏާބެހޭ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ބިލް ގެނެސް ރައްޔިތުން މަޖިލީހަށް ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށާއި އެ ބަދަލުތަކާއެކު 1000 ވަޒީފާ އުފެއްދޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓަރު މުހައްމަދު ސައީދު ރޭދާޅުވީ ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާއިރު ވިޔަފާރިތަކަށް ވަރަށް ގާތުން ބަލަމުންދާ ކަމަށާއި ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމް ކުރުމަށް ކުންފުނިތަކާ ބެހޭ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމައި ބިލުގެ 80 ޕަސެންޓް ޑްރާފްޓްކޮށް ނިމިފައިވާ ކަމަށެވެ.

ކުންފުންޏާބެހޭ ގާނޫނަށް ގެންނަ ބައެއް ބަދަލުތަކަށް އިޝާރަތްކުރައްވާ މިނިސްޓަރު ދާޅުވީ ރާއްޖޭގައި އިންކޯޕަރޭޓް ކުރާ ކުންފުންޏެއްގެ ސެކްރެޓަރީއަކު ތިން ކުންފުޏަށްވުރެ ގިނަ ތަންތަނަށް ހިދުމަތް ދޭނަމަ ބިޒްނަސް ޑިގްރީއެއް އޮތުން ލާޒިމް ވާނެ ކަމަށާއި އަދި ކުންފުންޏެއްގެ ބޯޑުގައި ޑިރެކްޓަރަކަށް އުޅުއްވާ ބޭފުޅުން ސީއެމްޑީއޭގެ ވިޔަފާރި ހިނގުމާބެހޭ ތަމްރީނެއް ހާސިލް ކޮށް ސެޓިފައިޑްވެފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެންމެ މުހިންމު އެއްބަދަލަކަށް ވާނީ ކުންފުންޏެއްގެ ސެކެޓަރީންގެ ގޮތުގައި ބިދޭސީންނަށް ނުހުރެވޭ ގޮތަށް ގާނޫނު ބަދަލު ކުރުން ކަމަށެވެ.

"އެހެންވީމަ މިގެނެވޭ އިސްލާހުން އަޅުގަނޑުމެންނަށް ލަފާކުރެވޭ ގޮތުގައި 800 އާއި 1000 ދެމެދުގެ ވަޒީފާ އަޅުގަނޑުމެނަށް ދިވެހި ޒުވާނުންނަށް އުފެއްދޭނެ،" ސައީދު ވިދާޅުވި އެވެ.