އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި އިނގިރޭސިވިލާތުގެ އޮކްސްފޯޑް-އެކްސްޓްރާޒެނެކާ ވެކްސިން ވަރަށް އަވަހަށް ޖައްސަވަން ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިންޑިއާ އިން ހަދިޔާ ކުރި ކޮވިޑް-19 އިގެ ވެކްސިންގެ ޝިޕްމަންޓުން 50،000 އެއްހާ މީހުންނަށް ވެކްސިން ދެވޭނެ އެވެ. އެ ވެކްސިން ރާއްޖެ ގެނެސް ގުދަން ކޮށްފައިވާއިރު އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހުއްދަ އެ ވެކްސިނަށް އަދި ނުލިބެ އެވެ.
އެ ވެކްސިންގެ ރައްކާތެރިކަމާއި ގުޅޭގޮތުން އެޗްއީއޯސީން ބުނީ ވެކްސިން މިހާރު ވަނީ ކްލިނިކަލް ޓްރަޔަލްގެ ތިންވަނަ މަރުހަލާ ކަޑަތުކޮށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހުއްދަ ހޯދުމުގެ މަގުމަތީގައި ކަމަށެވެ. ރާއްޖޭގައި ދޭ ހުރިހާ ވެކްސިން ވެސް ދޭނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދަ ލިބުމުން ކަމަށްވެސް ބުންޏެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު ލިބިފައިވާ ކޮވިޑްގެ ވެކްސިން ޖައްސަވަން ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށެވެ. އަދި އެމަނިކުފާނުގެ އެދިވަޑައިގަތުމަކީ ވީހާވެސް އަވަހަށް އެ މަނިކުފާނަށް ވެކްސިން ލިބި ވަޑައިގަތުން ކަމަށެވެ.
"އަޅުގަނޑު ވަރަށް ބޭނުން މިހާރު ލިބިފައިވާ ކޮވިޑް އެކްސްޓްރާޒެނެކާ ވެކްސިން ޖަހަން. އަޅުގަނޑު އެދެނީ ވީހާވެސް އަވަހަކަށް އަޅުގަނޑަށް ވެކްސިން ލިބި، އަޅުގަނޑުގެ ފަރާތުން ވެސް އެއްވެސް މީހަކަށް ބަލި ނުޖެހި، އަޅުގަނޑު ވެސް ރައްކާތެރިވެ އެންމެން މިކަމުން ސަލާމަތް ވުން،"
ކޮވިޑް ވެކްސިން ޖެހުން ރާއްޖޭގައު މަޖުބޫރެއް ނޫނެވެ. ނަމަވެސް އެޗްއީއޯސީން ބުނީ ވެކްސިން ޖެހުމުގެ ސަބަބުން ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިތުރު އެހީއަކަށް ވާނެ ކަމަށާ ގިނަ ބަޔަކު މި ވެކްސިން ޖަހައިފި ނަމަ އާންމު ހާލަތަށް ރުޖޫއަވުން އަވަސްވާނެ ކަމަށެވެ. އަދި ބުނީ ރާއްޖެއިން އޮކްސްފޯޑް-އެސްޓްރެޒެނިކާ ވެކްސިން ހިޔާރު ކުރީ ރައްކާތެރިކަމާއި ނަތީޖާ ރަނގަޅުކަން ދެނެގަނެވިފައިވާ ވެކްސިނަކަށްވާތީ ކަމަށެވެ. އަދި މިއީ ފަސޭހަކަމާއެކު ފިނިހޫނުމިން ބެލެހެއްޓޭ ގޮތަށް އާދައިގެ ފްރިޖްތަކުގައި ހުންނަ ފިނިހޫނުމިނުގައި ރައްކާކުރެވޭ ވެކްސިނަކަށްވާތީ ކަމަށެވެ.
މި ވެކްސިން ދިނުމުން ކޮށްފައިވާނެ އަސަރުތަކުގެ ތެރޭގައި އިންޖެކްޝަން ޖެހިތަނުގައި ގަނޑުލައި، ތަދުވެ، ރަތްވެ، ހިރުވާ، ދުޅަވެ، ނޫފައިގަތުން ފަދަ ކަންކަން ހިމެނެއެވެ. އަދި ހުން އައުމާއި ވަރުބަލިވުމާއި ބޮލުގައި ރިއްސުމާއި މޭނުބައިކުރުމާއި ހުޅުހުޅުގައި ނުވަތަ ގައިގެ މަސްތަކުގައި ރިއްސުން ހިމެނެއެވެ.