ބޮލީވުޑް

"ފްލައިން ޖެޓް"ގައި ޓައިގާ ޝްރޮފްގެ އަގުބޮޑު ސުޕަހީރޯ ކޮސްޓިއުމެއް

Oct 27, 2015

އަރަމުން އަންނަ ޒުވާން ތަރި ޓައިގާ ޝްރޮފް ދެން އެންމެ އަވަހަށް ކުޅެން ފަށާ ޑައިރެކްޓަރު ރެމޯ ޑިސޫޒާގެ "ފްލައިން ޖެޓް" ގައި ފެނިގެންދާނީ ސުޕްހީރޯއެއްގެ ރޯލުންނެވެ.

މިފިލްމުގައި ޓައިގާ ކުޅެނީ ސުޕަހިރޯގެ ރޯލަކަށް ވުމުން ރެމޯ އެންމެ ބޮޑު އިސްކަމެއްދީފައިވަނީ ހޮލީވުޑްގެ ފިލްމުތަކުން ސުޕަހީރޯއިން ފެނިގެންދާ ކަހަލަ ރީތި އަދި ތަފާތު ކޮސްޓިއުމެއް ޓައިގާވެސް މިފިލްމުގައި ފެނިގެންދިއުމެވެ.

އެގޮތުން މިފިލްމު އުފައްދާ ފަރާތުން މިހާރު ވަނީ ލަސް ވެގަސް އިން ޓައިގާ އަށް ހާއްސަ ކޮސްޓިއުމެއް ބޮޑު އަގުގައި ޑިޒައިންކޮށްގެން ހައްދާފަ އެވެ.

ވިހި ލައްކަ ރުޕީޒް އަށް އަގުއަރާ މި ކޮސްޓިއުމް، ޓައިގާ ފިލްމުގައި ބޭނުންކުރަން ނިންމި އެންމެ ބޮޑު އެއް ސަބަބަކީ ސުޕަހީރޯއިންނަކީ އެމީހުންގެ ކޮސްޓިއުމުން ވަރަށް ބޮޑަށް މަޝްހޫރުވެގެންދާ ބަޔަކަށް ވުމުން ކަމަށެވެ. އެގޮތުން އެންމެފުރަތަމަ އިންޑިއާގެ ޑިޒައިނަރުން ބޭނުންކޮށްގެން ކޮސްޓިއުމެއް ތައްޔާރުކުރުން އުޅުނު ނަމަވެސް، ފިލްމު އުފައްދާ ފަރާތުން ބޭނުންވާ ގޮތަށް އެކަން ނުވުމުން އެންމެފަހުން ޓައިގާގެ ސުޕަހީރޯ ކޮސްޓިއުމް އުފައްދާފައިވަނީ މަޝްހޫރު ސުޕަމޭން އާއި ސްޕައިޑާމޭންގެ ކޮސްޓިއުމް ޑިޒައިންކޮށްފައިވާ ލަސް ވެގަސްގެ ކުންފުނިން ކަމަށް މިފިލްމުގެ ފަރާތުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވެ އެވެ.

ޓައިގާގެ މިފިލްމުގައި ބޭނުންކުރާ ކޮސްޓިއުމް ފައިނަލްކޮށްފައިވަނީ 11 ކޮސްޓިއުމެއް ޗެކްކުރިފަހުން ކަމަށާއި އަދި ފިލްމުގެ މަސައްކަތް ނުނިމެނީސް ޓައިގާގެ ކޮސްޓިއުމް ލީކްވެދާނެ ކަމަށްޓަކައި ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ ކޮސްޓިއުމް ރޫމްގެ ބޭރުގައި ސެކިއުރިޓީ ގާޑެއް ބަހައްޓާފަ އެވެ.

"ފްލައިން ޖެޓް"ގައި ޓައިގާ ސުޕަހީރޯއެއްގެ ކޮސްޓިއުމުން ފެނިގެންދާނެކަން ޔަގީންކޮށްދެމުން ރެމޯ ވަނީ ފިލްމުގެ ކެރެކްޓާއާ ގުޅޭ ކަހަލަ ސުޕަހީރޯ ކޮސްޓިއުމެއް ހޯދުން ވެގެން ގޮސްފައިވަނީ ސުޕަހީރޯ ފިލްމެއްގެ ވާހަކަ ލިޔުމާއި އެއްވަރުގެ އުނދަގޫ ކަމަކަށް ކަމަށެވެ.

މިފިލްމުގައި ޓައިގާ އާއެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ޖެކުއަލީން ފާނެންޑޭޒް އެވެ.