ފިރިމީހާގެ ފޯނުން އެހެން އަންހެނެއްގެ ފޮޓޯތަކެއް ފެނިގެން މެކްސިކޯ އަންހެނަކު ވަރަށް ރުޅިގަދަވި އެވެ. އަދި އައި ރުޅި ކޮންޓްރޯލް ނުވެގެން އެ އަންހެންމީހާ އޭނާގެ ފިރިމީހާ އަށް ތޫނު އެއްޗަކުން ހަމަލަ ދިނެވެ.
މެކްސިކޯގެ ޔުކާޓަން މެގަޒިންގެ މި ޚަބަރުގައިވާ ގޮތުން ލިއޮނާރާ އެން ނަމަކަށް ކިޔާ މި އަންހެންމީހާ ސިއްރު ސިއްރުން އޭނާގެ ފިރިމީހާގެ ފޯނުގައިވާ ފޮޓޯތައް ޗެކް ކުރިއިރު އޭގައި އެހެން އަންހެނަކާއެކު ވަރަށް ގައިގޯޅިވާ ފޮޓޯތަކެއް ފެނުނެވެ. އަދި ފިރިމީހާ އޭނާއަށް ބޭވަފާތެރިވާކަން ލިއޮނާރާ އަށް ޔަގީންވި އެވެ.
ހަގީގަތުގައި ލިއޮނާރާގެ ފިރިމީހާގެ ފޯނުގައި ހުރީ ލިއޮނާރާގެ ފޮޓޯ ތަކެކެވެ. އެ ފޮޓޯތަކުން ފެންނަނީ އޭނާ ކަން ލިއޮނާރާ އަށް ޔަގީން ކުރެވުނީ ބޮޑު ވަޅިއަކުން ފިރިމީހާއަށް ހަމަލަދީ ޒަޚަމް ކޮށްލި ފަހުންނެވެ.
މިހާރު މެކްސިކޯ ފުލުހުން ވަނީ ލިއޮނާރާ ހައްޔަރު ކޮށްފައި ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފައި ވެއެވެ.
އޭނާގެ ފިރިމީހާ ހުއާންގެ ނަސީބު ރަނގަޅު ކަމުން ހަމަލައިގައި އޭނާ އަށް މާ ސީރިއަސް ޒަޚަމްތަކެއް ނުލިބެ އެވެ. އަދި އޭނާގެ ފޯނުގައި ހުރި ފޮޓޯތަކުން ފެންނަނީ ޚުދް ލިއޮނާރާކަން އަންހެނުންނަށް ވިސްނައިދޭނެ ފުރުސަތު ޖުއާން އަށް ލިބުނެވެ.
އެ ފޮޓޯތަކަކީ އެ ދެ މީހުން ރައްޓެހިވެގެން އުޅުނު ދުވަސްވަރު އާދައިގެ ފޮޓޯ ކެމެރާއަކުން ނަގާފައިވާ ފޮޓޯތަކެކެވެ. ޖުއާން ހުރީ ފޮޓޯތައް ޑިޖިޓަލްކޮށް އޭނާގެ ފޯނުގައި ރައްކާ ކޮށްފަ އެވެ.
އެ ފޮޓޯތަކުގައި ލިއޮނާރާ ހުރީ ވަރަށް ޒުވާންކޮށް ހިކިކޮށް އަދި މޭކަޕް ކޮށްފައި ކަމުން އޭނާއަށް އެއީ ޚުދް އޭނާކަން ނޭނގުނީ އެވެ.