ދުނިޔެ

ބައިޑަންގެ ސަރުކާރުން ޔޫއޭއީ އާއި ސައޫދީއަށް ހަތިޔާރު ވިއްކުން މަޑުޖައްސާލައިފި

ޓްރަމްޕް ސަރުކާރުން ހަތިޔާރު ވިއްކަން ހަދާފައި ހުރި ބައެއް އެއްބަސްވުންތައް، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މަޑުޖައްސާލައިފި އެވެ. އޭގެ ތެރޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ވިއްކަން އެއްބަސްވި އެފް-35 ޖެޓްތައް ވެސް ހިމެނެ އެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ހަތިޔާރު ވިއްކުން ވަގުތީ ގޮތުން މަޑުޖައްސާލި ސަބަބެއް ކަމަށް ބުނީ، ސަރުކާރު ބަަދަލުވުމާ ގުޅިގެން މިހާރު ދައުލަތް ހިންގަން ހަވާލުވެ ތިބި އޮފިޝަލުންނަށް ވާނުވާ އެނގެން ބޭނުންވާތީ ކަމަށެވެ. ޓްރަމްޕް ސަރުކާރުން ހަތިޔާރު ވިއްކަން ހަދާފައި ހުރި އެއްބަސްވުންތައް މުރާޖާ ކުރަނީ އެވެނި ގައުމަށް ވިއްކުން ރަނގަޅީ މިވެނި އެއްޗެއްކަން ކަނޑައެޅުމަށެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން އޮފިޝަލް ވިދާޅުވީ މިފަދަ އެއްބަސްވުންތައް އަލުން ދިރާސާ ކުރުމަކީ ކޮންމެ ސަރުކާރަކުން ވެސް ކުރާ ކަމެއް ކަމަށާއި ސަރުކާރު ބަދަލުވާއިރު ކޮނޑުގައި އެޅިފައި ހުރި ޒިންމާތައް އެނގެންޖެހޭ ކަމަށެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ދިރާސާ ކުރާ އެއްބަސްވުންތަކުގެ ތެރޭގައި ސައޫދީއަށް ހަތިޔާރު ވިއްކުމާއި ޔޫއޭއީއަށް އެފް-35 ޖެޓްތައް ވިއްކުމާ ގުޅޭ މުއާމަލާތްތައް ހިމެނެ އެވެ.

މެދުއިރުމަތީ ގައުމުތަކަށް ހަތިޔާރާއި ޖެޓްތައް ވިއްކުމުގައި އެމެރިކާއިން އަމަލުކުރާ އާންމު އުސޫލަކީ އެއިން ބާވަތެއް އިޒްރޭލުގައި ބޭންކުރާ ނަމަ، އިޒްރޭލުގައި ބޭނުންކުރާ ހަތިޔާރާއި ޖެޓްތަކަށް ވުރެ ފެންވަރު ދަށް ބާވައްތައް އެހެން ގައުމުތަކަށް ވިއްކުމެވެ.

އެމެރިކާއިން ޔޫއޭއީއަށް ޖެޓްތައް ވިއްކަން އެއްބަސްވީ އިޒްރޭލާ ގުޅުން ބަދަހިކުރާ މަތިންނެވެ. އެހެން ނަމަވެސް، އެމެރިކާ ސަރުކާރު ބަދަލުވެ ގައުމު ހިންގުން މުޅިން އާ މެނޭޖްމަންޓަކާ ހަވާލުވުމުން ކުރިން ކަން ހިނގި ގޮތަށް ނުހިނގުމަކީ އެކަށީގެންވާ ކަމެވެ.

ބައިޑަން ސަރުކާރުގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވީ ޓްރަމްޕް ސަރުކާރުން އެއްބަސްވުން ހަދާފައި ހުރީ އިޒްރޭލާ ގުޅުން ގާއިމުކުރުން ލާޒިމްކޮށް ކަމަށެވެ. އެހެން ނަމަވެސް، ބައިޑަން ސަރުކާރުން އެއްބަސްވުންތައް މުރާޖާކުރަނެ ކަމަށެވެ.