ދުނިޔެ

ސައޫދީން ޔަމަނުގައި ހިންގާ އޮޕަރޭޝަނަށް އެހީވުން އެމެރިކާއިން ހުއްޓާލަނީ

ސައޫދީން އިސްނަގައިގެން ޔަމަނުގައި ހަރަކާތްތެރިވާ ހޫތީންނާ ދެކޮޅަށް ހިންގާ އޮޕަރޭޝަނަށް ސަޕޯޓްކޮށް އެހީ ވެވެން ނެތް ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ސައޫދިއާ ބައިވެރިން ކުރަނީ ގެއްލުން ބޮޑު ހަނގުރާމައެއް ކަމަށާއި އެކަމަށް ނިމުމެއް އަންނަންޖެހިފައިވާ ކަމަށެވެ. އޭނާ ވަނީ ސައޫދީއާ ޔޫއޭއީއަށް ހަތިޔާރު ވިއްކުން ވެސް މަޑުޖައްސާލާފަ އެވެ.

ބައިޑަން ވިދާޅުވީ ޕޮލިސީ ބަދަލު ކުރަން ޖެހުނީ ހަނގުރާމައިން ނެރެން ބޭނުންވި ނަތީޖާ ނެރެވިފައި ނުވާތީ ކަމަށެވެ. ޔަމަނުގައި ހަރަކާތްރެވިވާ ހޫތީންނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެންމެ ބޮޑު ގެއްލުމެއް ލިބެނީ އާންމުންނަށް ކަމަށް ވާތީ ކަމަށެވެ. ޔަމަން މިހާރު އޮތް ހާލަތުން އެތައް ބައެއްގެ ގެދޮރު ގެއްލި ބަނޑަޖެހިފައި ވާތީ ކަމަށެވެ.

ރައީސްކަމާ ހަވާުލުވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް ސެނެޓްގައި ވާހަކަފުޅު ދައްކަވަމުން ބައިޑަން ވިދާޅުވީ ހޫތީންގެ ކިބައިން ސައޫދީ ރައްކާތެރި ކުރުމަށް އެހީތެރިވެ ދެއްވާނެ ކަމަށާއި ސައޫދީގެ ކަރާމާތަށް އޮތް ކޮންމެ ނުރައްކަލަކީ ވޮޝިންގްޓަނަށް އޮތް ސީރިއަސް ކަމެއް ކަމަށެވެ.

"ސައޫދީ އަރަބިއްޔާ އަށް ހޫތީން މިސައިލް ވެސް އެބަ ފޮނުވާ،" ބައިޑަން ވިދާޅުވި އެވެ. "ރިޔާޒަށް އަމާޒުކޮށް 'ޔޫއޭވީ' ޑްރޯނުން ހަމަލާދޭ. އީރާނުން ހިތްވަރު ލިބިގެން ސައޫދީއަށް ހަމަލާދިނުމުގައި ހަރަކާތްތެރިވާ ހޫތީންގެ ކިބައިން ސައޫދީ ހިމާޔަތްކުރުމަށް އަޅުގަނޑުމެން އެހީތެރި ވާނަން" އޭނާ ވިދާޅުވި އެވެ.

ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސަލިވަން ވިދާޅުވީ ޔަމަނުގައި ކުރާ ހަނގުރާމައަށް ސަޕޯޓް ނުކުރެއްވިއެއް ކަމަކު އެސަރަހައްދުގައި ހަރަކާތްތެރިވާ އަލްގައީދާ ހަނގުރާމަވެރިނަށް ދެކޮޅަށް ހިނގާ އޮޕަރޭޝަންތަކުގައި ސައޫދީއާ ބައިވެރިން އެމެރިކާއާ އެކު މަސައްކަތް ކުރާނެ ކަމަށެވެ.

ބައިޑަން ވިދާޅުވި ގޮތުން އެމެރިކާއިން ޕޮލިސީއަށް ގެނައި ބަދަލުގައި ބޮޑަށް އަމާޒުކުރައްވާނީ ޔަމަނުގައި މަދަނީ ހަމަޖެހުން ގާއިމުކުރެއްވުމަށެވެ.

އެމެރިކާއިން ޕޮލިސީއަށް ގެނައި ބަދަލުތަކާ ބެހޭ ގޮތުން ސައޫދީ އަދި ޔޫއޭއީގެ އޮފިޝަލުންނާ ކުރިއާލައި މަޝްވަރާކުރެއްވި ކަމަށް ޖޭކް ސަލިވަން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބޭނުމަކީ މިއީ ހިނގަންއުޅޭ ކަމެއްކަން އޮޅުންފިލުވައި ދެއްވުން ކަމަށާއި އެކުގައި ގުޅިގެން މަސައްކަތްކުރަން އަބަދު ވެސް ފުރުސަތު އޮންނާނެކަން ބުނެދެއްވުމަށް ކަމަށެވެ.