ސައުދީ އާއި ޔޫއޭއީގެ ބޯޓްތަކަކަށް ރާވައިގެން ހަމަލަތަކެއް ދީފި އެވެ. އޭގެ ތެރޭގައި ހިމެނެނީ ސައުދީ ދެ ކޮމާޝަލް ތެޔޮ ބޯޓަކާއި ޔޫއޭއީގެ ދެ ތެޔޮ ބޯޓެކެވެ. މި ގެއްލުންތައް ދީފައިވާ ކަމަށް ޔުނައިޓަޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ފޮރިން މިނިސްޓްރީ އާއި ސައުދީން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
އެންމެ ފުރަތަމަ ތެޔޮ ޓޭންކަރުތަކަށް ދިން ހަމަލާ ރިޕޯޓު ކޮށްފައިވާ ލުބްނާނުގެ އަލް-މަޔާދީން ޗެނަލްގެ ރިޕޯޓްގައި ޔޫއޭއީގެ ފުޖެއިރާ ބަނދަރުގައި މަދުވެގެން ހަތް ގޮވުމެއް ގޮއްވާލާފައިވާ ކަމަށް ބުނެފައި ވެއެވެ. އަދި އީރާނުގެ މީޑިއާއަކުން ސައުދީގެ ޔަންބޫ ޕޯޓް ސިޓީގައި ވަރުގަދަ ގޮވުންތަކެއް ގޮަވިކަމަށް ރިޕޯޓުކުރި އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޮނުވާ ސާފުނުކުރާ ތެޔޮ ނުވަތަ ކްރޫޑް އޮއިލްގެ ފަސްބައި ކުޅަ އެއްބައި ބޭރު ކުރަނީ އޮމާންގެ އުތުރުގެ 85 ކިލޯމީޓަރު ބޭރުން ހޮރްމުޒް ސްޓްރޭޓްގައި އޮންނަ ފުޖެއިރާއިން ނެވެ.
ތެޔޮ ޓޭންކަރުތަކަށް ދިން ހަމަލާތަކާމެދު ތެލުގެ ވިޔަފާރިވެރިން ކަންބޮޑުވުން ފާޅު ކުރަމުންދާއިރު އެ ހަމަލާތަކުގެ ފަހަތުގައި އިރާނުގެ އަތެއް ވާނެ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.
އެމެރިކާއިން އިރާނުގެ ތެޔޮ ގަންނަ ފަރާތްތަކާމެދު ދަތި ކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް މީގެ ދުވަސްކޮޅެއް ކުރިން ވަނީ އިއުލާނު ކޮށްފަ އެވެ.
އިރާނުން އެމެރިކާގެ އެކުވެރި ގައުމުތަކަށް އަމާޒުކޮށް ހަމަލައެއް ދީފާނެ ކަމަށް އަދި އިރާނުން އެމެރިކާއާއި އެމެރިކާގެ އެކުވެރި ގައުމުތަކަށް އަމާޒުކޮށް ހަމަލައެއް ދިނުން ގާތްކަމަށް އެމެރިކާގެ މެރިޓައިމް އެޑްމިނިސްޓްރޭޝަން އިން ބުނެފައިވާ ދަނޑިވަޅެއްގައި އެމެރިކާ އަސްކަރިއްޔާގެ މަނަވަރަކާއި ބީ-25 ހަނގުރާމަ މަތީ ބޯޓުތައް އެ ސަރަހައްދަށް ވަނީ ފޮނުވާފަ އެވެ.
އެމެރިކާގެ އުކުޅުތަކަކީ ބޭކާރު އެއްޗެއްގެ ގޮތުގައި ސިފަކުރައްވަމުން އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުގެ ކޮމާންޑަރު މޭޖާ-ޖެނަރްލް ހުސޭން ސަލާމީ އިރާނުން ހަނގުރާމަ ކުރަން ޖެހިއްޖެ ހާލަތެއްގައި ތައްޔާރައް ތިބިކަމަށް ވަނީ ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެނަށް ގަބޫލު ކުރެވެނީ ހަނގުރާމައަކާ ހަމައަށް ނުވެސް ދާނެކަމަށް. އެމެރިކާގެ ބޭނުމަކީ ހަނގުރާމަމަތީގެ ނަފްސާނީ ބިރުވެރިކަން އެންމެންގެ ހިތްތަކުގައި އުފައްދަން،" ސަލާމީ ވިދާޅުވި އެވެ.