ދުނިޔެ

ބައިޑަންއާ ޔޫއޭއީ ވަލީއަހުދު އީރާނާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފި

އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ވަލީއަހުދު ޝެއިހް މުހައްމަދު ބިން ޒައިދު އަލްނަހްޔާން އީރާނާ އާއި ޓިގްރޭއާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފި ކަމަށް ވައިޓް ހައުސްއިން ބުނެފި އެވެ. އަދި ބުނީ ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުންނާއި މެދުއިރުމައްޗާ ބެހޭ ގޮތުން ވެސް ވާހަކަތައް ދެއްކެވި ކަމަށެވެ.

"އީރާންގެ ނިއުކްލިއާ ޕްރޮގްރާމާއި އަފްޣާނިސްތާން އަދި އީރާންގެ ސަބަބުން ސަރަހައްދަށް ފެތުރިފައި އޮތް ބިރުވެރިކަމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި،" ވައިޓް ހައުސްއިން ބުންޏެވެ.

ވައިޓް ހައުސްއިން ބުނީ ގައުމުތަކުގެ މެދުގައި ސުލްހަ ގާއިމު ކުރުމަށް ހުރި ހުރަސްތަކާއި ވަކި ބައެއްގެ ސަބަބުން ދުނިޔޭގެ މަސްލަހަތު ފުށުއެރުން ބޮޑު މައްސަލައަކަށް ވެފައިވާކަން ދެބޭފުޅުން ވެސް ފާހަގަ ކުރެއްވި ކަމަށެވެ.

ގައުމުތަކުގެ މެދުގައި ގުޅުން ދެމެހެއްޓުމުގެ މުހިންމުކަމާ ބެހޭ ގޮތުން ބައިޑަން ވިދާޅުވި ކަމަށް ވައިޓް ހައުސްއިން ބުނީ އިޒްރޭލާއެކު ޔޫއޭއީ ގެންގުޅޭ ސިޔާސަތަށް އެމެރިކާ ތާއީދު ކުރައްވާ ކަމަށެވެ. އަދި އެކަމަށް ސަޕޯޓް ކުރައްވާނެ ކަމަށެވެ.

މެދުއިރުމަތީގެ މަސްލަހަތާއި ރައްކާތެރިކަމަށްޓަކައި އެމެރިކާއިން ޔޫއޭއީއަށް އެހީތެރި ވެދެއްވާނެ ކަމަށް ވެސް ބައިޑަން ވިދާޅުވި އެވެ. ދެ ގައުމުގެ ޝައުގުވެރިކަން ހުރި ކަންކަމުގައި ޔޫއޭއީއާއެކު އެމެރިކާ އޮންނާނެ ކަމުގެ ޔަގީންކަން ވެސް ބައިޑަން ދެއްވި އެވެ.