ބޮލީވުޑް

ޕޫނަމްގެ ދަރި އަންމޯލްގެ ފުރަތަމަ ފިލްމު ފެބްރުއަރީގައި

ކުރީގެ މަޝްހޫރު ބަތަލާ ޕޫނަމް ދިލަންގެ ފިރިހެން ދަރިފުޅު އަންމޯލް ތާކޭރިއާ ދިލަންގެ ފުރަތަމަ ފިލްމު އަންނަ ފެބްރުއަރީގައި ރިލީޒް ކުރަން ހަމަޖެހިއްޖެ އެވެ. "ޓިއުޒްޑޭސް އެންޑް ފްރައިޑޭޒް" ގެ ނަން ދީފައިވާ މި ފިލްމަކީ މަޝްހޫރު ޕްރޮޑިއުސަރު-ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ ޕްރޮޑިއުސްކުރާ ފިލްމެކެވެ.

ފެބްރުއަރީ 19 ގައި ރިލީޒްކުރާ މި ފިލްމު ލިޔެ ޑައިރެކްޓްކޮށްފައި ވަނީ ތަރަންވީރް ސިންގް އެވެ. މިއީ ކުރީގެ މިސް.އިންޑިއާ އިންޓަނޭޝަނަލް އެއް ކަމަށްވާ ޖަތަލޭކާގެ ވެސް ފުރަތަމަ ފިލްމެވެ.

ފިލްމުގެ ފުރަތަމަ ޕޯސްޓަރު އިންސްޓަގްރާމްގައި ޝެއާ ކުރަމުން ބާންސާލީގެ ޕްރޮޑަކްޝަންސް އިން ބުނެފައި ވަނީ މި ފިލްމަކީ ބެލުންތެރިންގެ ހިތުގެ ވިންދާ ކުޅެލާނެ ފިލްމެއް ކަމަށެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ކުރި ޓުވީޓެއްގައި ބުނި ގޮތުގައި މި ފިލްމު ޕްރޮޑިއުސްކުރުމުގެ ޒިންމާ ނަގާފައި ވަނީ ބާންސާލީ އާއި ބޫޝަން ކުމާރު ގުޅިގެންނެވެ. ބާންސާލީ ޑައިރެކްޓް ކުރާ "ގަންގޫބާއީ ކަތިއާވަޅީ" ގެ ޝޫޓިންގް ވެސް މިހާރު ވަރަށް ބާރަށް ކުރިޔަށް އެބަދެ އެވެ. މި ފިލްމުގެ ބަތަލާ އަކީ އާލިއާ ބަޓެވެ.