ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ކޮވިޝީލްޑް ވެކްސިނަށް ރާއްޖެއިން ހުއްދަ ދީފި

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި އިނގިރޭސިވިލާތުގެ އޮކްސްފޯޑް-އެކްސްޓްރާޒެނެކާ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފި އެވެ.

އިންޑިއާ އިން ހަދިޔާ ކުރި ކޮވިޑް-19 އިގެ ވެކްސިންގެ ޝިޕްމަންޓުން 50،000 އެއްހާ މީހުންނަށް ވެކްސިން ދެވޭނެ އެވެ. އެ ވެކްސިން ރާއްޖެ ގެނެސް ގުދަން ކޮށްފައިވާއިރު އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހުއްދަ އެ ވެކްސިނަށް އަދި ނުލިބެ އެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިރޭ ބުނީ ވެކްސިނަށް ހުއްދަ ދީފައިވަނީ މި މަހުގެ 26 ވަނަ ދުވަހު ކަމަަށެވެ. މި ހުއްދަ ދީފައިވަނީ ހާލަތަށް ރިޔާއަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ގައި ބޭނުން ކުރުމަށް ކަމަށެވެ. ރާއްޖޭގައި އެ ވެކްސިން ދިނުމުގެ ހުއްދަ ދީފައިވަނީ ބަލަން ޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބެލުމަށްފަހު އެ އޮތޯރިޓީއަށް ފަންނީ ލަފާދޭ ނޭޝަނަލް ފާމަސޫޓިކަލް ބޯޑްގެ ލަފަޔާ މަޝްވަރާގެ މަތިން ކަމަށެވެ.

ކޮވިޑް ވެކްސިން ޖެހުން ރާއްޖޭގައި މަޖުބޫރެއް ނޫނެވެ. ނަމަވެސް އެޗްއީއޯސީން ބުނީ ވެކްސިން ޖެހުމުގެ ސަބަބުން ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިތުރު އެހީއަކަށް ވާނެ ކަމަށާ ގިނަ ބަޔަކު މި ވެކްސިން ޖަހައިފި ނަމަ އާންމު ހާލަތަށް ރުޖޫއަވުން އަވަސްވާނެ ކަމަށެވެ. އަދި ބުނީ ރާއްޖެއިން އޮކްސްފޯޑް-އެސްޓްރެޒެނިކާ ވެކްސިން ހިޔާރު ކުރީ ރައްކާތެރިކަމާއި ނަތީޖާ ރަނގަޅުކަން ދެނެގަނެވިފައިވާ ވެކްސިނަކަށްވާތީ ކަމަށެވެ. އަދި މިއީ ފަސޭހަކަމާއެކު ފިނިހޫނުމިން ބެލެހެއްޓޭ ގޮތަށް އާދައިގެ ފްރިޖްތަކުގައި ހުންނަ ފިނިހޫނުމިނުގައި ރައްކާކުރެވޭ ވެކްސިނަކަށްވާތީ ކަމަށެވެ.

މި ވެކްސިން ދިނުމުން ކޮށްފައިވާނެ އަސަރުތަކުގެ ތެރޭގައި އިންޖެކްޝަން ޖެހިތަނުގައި ގަނޑުލައި، ތަދުވެ، ރަތްވެ، ހިރުވާ، ދުޅަވެ، ނޫފައިގަތުން ފަދަ ކަންކަން ހިމެނެއެވެ. އަދި ހުން އައުމާއި ވަރުބަލިވުމާއި ބޮލުގައި ރިއްސުމާއި މޭނުބައިކުރުމާއި ހުޅުހުޅުގައި ނުވަތަ ގައިގެ މަސްތަކުގައި ރިއްސުން ހިމެނެއެވެ.