ދީން

ދަހިވެތި ކަމަކީ ދެދުނިޔޭގެ އަބާއްޖަވެރިކަމެއް

ތަނަވަސްކަމާއި ފަޤީރު ކަމަކީ މާތް ﷲ މީސްތަކުން އިމްތިޙާނު ކުރައްވާ ކަންތައްތަކުގެ ތެރެއިން ދެކަމެކެވެ. އެއީ މީސްތަކުންގެ ތެރެއިން ކެތްތެރިވަނީ ކޮންބައެއްކަން ހާމަކުރެއްވުމަށްޓަކައެވެ. ކީރިތި ޤުރްއާނުގައި އެއިލާހު ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން ބިރުވެރިކަމާއި، ބަނޑުހައިހޫނުކަމާއި، މުދާތަކާއި، ފުރާނަތަކާއި، މޭވާތައް އުނިކުރެއްވުމުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން امتحان ކުރައްވާހުށީމެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު، ކަލޭގެފާނު ދެއްވާށެވެ!" (އަލްބަޤަރާ 155)

މީސްތަކުންގެ ތެރެއިން އެތައް ބަޔަކުވަނީ ދުނިޔޭގެ މި އިމްތިޙާނުތަކުގައި ފެއިލްވެފައެވެ. ދުނިޔޭގެ އަވައިގައި ޖެހި، މިތަނަކީ ވަގުތީ މަންޒިލެއްކަން ހަނދާންނެތިފައެވެ. ދުނިޔޭގެ އުފަލާއި އަރާމާއި މުއްސަނދިކަމާއި ތަނަވަސްކަން ހޯދުމުގައި ޙަރާމެއް ޙަލާލެއް ބެލުމެއް ނެތި، އަތު ޖެހުނު ގޮތަކަށް ފައިސާ އާއި މުދާހޯދުމުގައެވެ. ރެޔެއް ދުވާލެއް ނެތި ވިޔަފާރިކުރުމާއި ވަޒީފާ އަދާކުރުމުގައެވެ.

ދުނިޔޭގެ ދަހިވެތިކަމުގައި ޖެހިއްޖެނަމަ، އިންސާނާ އެކަމަކަށްޓަކައި ޚަލްޤު ކުރެއްވުނު މަޤްޞަދު ހަނދާންނެތި ދެއެވެ. މިކަމަށްޓަކައި ދުނިޔޭގެ ތަނަވަސްކަމުގައި މީސްތަކުން ބަދެވި، އެބައިމީހުންގެ ހަލާކަކީ އެއީ ކަމުގައި ވެގެން ހިނގައިދާނޭކަމުގައި ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ބަޔާންކޮށްދެއްވާފައެވެ.

قَالَ رَسُولَ اللَّهِ صلى الله عليه وسلم : « وَاللَّهِ مَا الْفَقْرَ أَخْشَى عَلَيْكُمْ. وَلَكِنِّى أَخْشَى عَلَيْكُمْ أَنْ تُبْسَطَ الدُّنْيَا عَلَيْكُمْ كَمَا بُسِطَتْ عَلَى مَنْ كَانَ قَبْلَكُمْ فَتَنَافَسُوهَا كَمَا تَنَافَسُوهَا وَتُهْلِكَكُمْ كَمَا أَهْلَكَتْهُمْ » متفق عليه ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "މާތް ﷲ ގަންދީ ހުވާކޮށް ޙަދީޘްކުރައްވަމެވެ. ތިމަންކަލޭގެފާނު ބިރުފުޅުގަންނަވަނީ ތިޔަބައިމީހުން ފަޤީރުވެދާނޭތީ އެއް ނޫނެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންގެ މައްޗަށް ތިމަންކަލޭގެފާނު ބިރުވެތިވެވަޑައިގަންނަވަނީ، ކުރީގެ އުއްމަތްތަކުގެ މީސްތަކުންނަށް ދުނިޔޭގެ ތަނަވަސްކަން ފެނުނު ފަދައިން ތިޔަބައިމީހުންނަށްވެސް ތަނަވަސްކަން ފެނި، ދުނިޔޭގެ މުއްސަނދިކަން ހޯދުމުގައި އެބަމީހުންގެ އެކަކު އަނެކެކާ ވާދަކޮށް ހެދި ގޮތަށް، ތިޔަބައިމީހުންވެސް ދުނިޔެއާއި ހެދި އެކަކު އަނެކަކާ ވާދަކޮށް، އެމީހުން ހަލާކުވެގެން ދިޔަފަދައިން، ތިޔަބައިމީހުންނަށްވެސް ހަލާކުވެގެން ގޮސްދާނެތީ އެވެ،"

މި ޙަދީޘްގެ ޝަރަޙައިގާ އައްޝައިޚު އިބްނު ޢުޘައިމީން رحمه الله ވިދާޅުވެފައިވެއެވެ. "ކީރިތި ރަސޫލާ صلى الله عليه وسلم ގެ ބަސްފުޅުގެ ތެދުކަމާއެވެ. މިއަދު މީސްތަކުން ހަލާކު ވެފައިވަނީ މިކަމާހެދިއެވެ. މިއަދު މީސްތަކުން ހަލާކު ވެފައިވަނީ ދުނިޔޭގެ މުއްސަނދިކަން ހޯދުމަށް އުޅޭތީއެވެ. އެމީހުން ޚަލްޤު ކުރެއްވުނީ ދުނިޔެއަށްޓަކައި ހެން އެމީހުންނަށް ހީވެފައި ވާތީއެވެ. އަދި ދުނިޔޭގައިވާ ތަކެތި އުފެއްދެވުނީ އެމީހުންނަށްޓަކައި ކަން ހަނދާން ނެތިފައި ވާތީއެވެ. އެމީހުން އެ ކަމަކަށްޓަކައި ޚަލްޤު ކުރެއްވުނު މަޤްޞަދު ހަނދާން ނެތި، އެމީހުންނަށްޓަކައި އުފައްދަވާފައިވާ ތަކެތި ހޯދަން އުޅުން އެއީ އެމީހުންގެ މަޤްޞަދު ކަމުގައި ހެދުމުންނެވެ. މީސްތަކުންވަނީ ވަރަށް ބޮޑު އޮޅުމެއްގެ ތެރޭގައެވެ."

ދަންނާށެވެ! ކޮންމެ މީހެއްގެ ރިޒުޤާއި އަޖަލުވަނީ އެނާ އުފަންވުމުގެ ކުރިން، މައިމީހާގެ ބަނޑޫގައިވަނިކޮށް ލިޔުއްވާފައެވެ. ވީމާ، އެތިމާއަށް މާތް ﷲ މިންވަރު ކުރެއްވި އެއްޗެއް ނޫނީ މިދުނިޔެއިން ނުހޯދޭނެއެވެ. އަދި މާތް ﷲ ދެއްވުމަށް އިރާދަކުރައްވާފަ ނުވާ އެއްޗެއް އެވެސް މީހަކަށް ނުމެ ލިބޭނޭމެއެވެ. ވީމާ، ދުނިޔޭގެ ދަހިވެތިކަމުން ސަލާމަތްވާ އެނދޭ މީހަކު އޭނާގެ އީމަންކަން ހަރުދަނާކޮށް ދީނުގެ މަގުގައި ފައިތިލަ ސާބިތުކުރާށެވެ.