ބޮލީވުޑް

އަހަރުތަކެއް ފަހުން ވަހީދާ ރަހްމާން އަލުން ފިލްމެއް ކުޅެނީ

Oct 28, 2015

ކުރީގެ މަޝްހޫރު ބަތަލާ ވަހީދާ ރަހްމާން އަކީ އޭނާގެ މޮޅު އެކްޓިން ދައްކުވައިގެން އޭނާގެ ޖާދޫގައި އެތަކެއް މިލިއަން ފޭނުންނެއް ޖައްސާފައިވާ ތަރިއެކެވެ.

ގިނަ ފިލްމުތަކެއް ކުޅެފައިވާ މިހާރު އުމުރުން 77 އަހަރުގެ ވަހީދާ ރަހުމާން އަނެއްކާވެސް އަންނަނީ ހަ އަހަރުގެ މެދުކެނޑުމަކަށްފަހު ފިލްމެއް ކުޅެން ތައްޔާރުވަމުންނެވެ.

ގިނަ އަހަރުތަކެއް ވަންދެން ފިލްމުކުޅުމާއި ދުރުގައި މިހާރު ހުރި ވަހީދާ އެންމެ ފަހުން ކުޅެފައިވަނީ 2009 ވަނަ އަހަރު ނުކުތް "ދިއްލީ 6" އެވެ.

ހަ އަހަރުގެ މަދުކެނޑުމަކަށްފަހު ވާހީދާ ކުޅުމަށް ހަމަޖެހިފައިވަނީ ޑައިރެކްޓަރު އަނުޕް ސިންގްގެ ފިލްމެކެވެ. އަދި މިފިލްމުގެ ނަން ހާމަކޮށްފައިނުވާއިރު، މިފިލްމުގެ މުހިންމު ރޯލަކުން ވަހީދާ ފެނިގެންދާނެ ކަމަށްވެ އެވެ.

މިފިލްމުގައި މަސައްކަތްކުރާ ފަރާތަކުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން މިފިލްމަކީ ލޯބީގެ ފިލްމެއް ކަމަށާއި އަދި ފިލްމުގައި ފެނިގެންދާނީ ރަށްފުށުގެ ދިރިއުޅުމެއް ކަމަށެވެ. ފިލްމުގައި ވަހީދާ ފެނިގެންދާނީ އިރާނިއަން އެކްޓަރު ގޮލްޝިފްތޭ ފަރަހާނީގެ މަންމަގެ ރޯލުންނެވެ.

ގޮލްފިޝްތޭ މިހާރު މިފިލްމު ކުޅެން ސޮއިކޮށްފައިވާއިރު، އޭނާއާއެކު ލީޑްރޯލުން ފެނިިގެންދާނީ އިރްފާން ޚާން އެވެ.

މީގެކުރިންވެސް ވަހީދާ ވަނީ އިރާންގެ ތަރިއެއް ކަމަށްވާ މުހައްމަދު އަލީ ފަރްދީން އާއެކު 1972 ވަނަ އަހަރު ނިކުތް "ސުބާ-އޮ-ޝާމް"ގައި ފެނިގެންގޮސްފަ އެވެ. އެފިލްމަކީ އިންޑިއާ އަދި އީރާންގެ ފުރަތަމަ ކޯ-ޕްރޮޑަކްޝަން ފިލްމު ކަމަށްވެ އެވެ.

މިހާރު ވަހީދާ އާއި ގޮލްޝިފްތޭ އެކަކު އަނެކަކާ ބައްދަލުވެ، މިފިލްމުގެ ވާހަކަތައް އެކަކު އަނެކަކާ ހިއްސާކޮށްފައިވާއިރު ދެތަރިންގެ ދެމެދުގައި ގާތް އެކުވެރިކަމެއް ވަނީ އުފެދިފަ އެވެ.